ސިންގަޕޫރުގެ ގެއެއްގައި މަސައްކަތު މީހަކަށް އުޅުނު ސްރީލަންކާގެ ޖަޔަންތީ ގަމަގޭ ކިޔާ އަންހެނަކު ގާނޫނީ ވަކީލުކަމުގެ ކޯސް ފުރިހަމަކޮށްފި އެވެ.

ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ 43އަހަރުގެ ޖަޔަންތީ ގަމަގޭ އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ލަންޑަނުން ގާނޫނީ ވަކީލުކަން ފުރިހަމަކުރީ ސިންގަޕޫރުގައި މެއިޑެއްގެ މަސައްކަތް ކޮށްގެން ލިބޭ ފައިސާ އެއްކޮށްގެންނެވެ. އަބަދުވެސް ގާނޫނީ ވަކީލަކަށްވުމުގެ ހުވަފެން ދެކޭ ޖަޔަންތީ މީގެ ކުރިން ވަނީ ސްރީލަންކާގެ ލޯ ކޮލެޖަށް ވަނުމަށް ދިހަ ފަހަރު އިމްތިހާނުގައި އިށީންދެ، އެ އިންކޮންމެ ފަހަރަކު ވެސް ފެއިލްވެފަ އެވެ.

އޭގެ ފަހުން އޭނާ ޔުނިވާސިޓީ އޮފް ލަންޑަންގެ އޮންލައިން ކޯހެއްގަ ބައިވެރިވި އެވެ. އޭރު އޭނާ މަސައްކަތް ކުރަމުން ގެންދިޔައީ ސްރީ ލަންކާގެ އޯޑިޓް އޮފީހެއްގަ އެވެ. އެތަނުން ލިބޭ މުސާރަ ކުޑަކަމުން ސިންގަޕޫރުގެ ގެއެއްގެ މަސައްކަތު މީހެއްގެ ވަޒީފާއަށް ދިޔައީ ކުރިން ލިބޭ މުސާރައަށް ވުރެ އެތައް ގުނައެއް އިތުރަށް ލިބޭތީ އެވެ. އޭރު ލޯ ކޯހުގައި ކިޔަވާތާ ތިން އަހަރު ވެއްޖެ އެވެ.

ސިންގަޕޫރުގައި މަސައްކަތް ކޮށްގެން އޭނާއަށް ރަނގަޅު މުސާރައެއް ލިބުނު ނަމަވެސް، ކިޔެވުމަށް އުނދަގޫތަކެއް ދިމާވި އެވެ. އަޒުމް ވަރުގަދަ، ޖަޔަންތީ ދެކޭގޮތުގައި ދިމާވާ ކޮންމެ ދަތި އުނދަގޫ ކަމަކީ ވެސް އިބްރަތެކެވެ. އެގޮތަށް ވިސްނައި ގެން ކިޔެވުމައިގެން އޭނާ ކުރިއަށް ދިޔައީ ގަދަ ހިތްވަރާއެކު އެވެ. މިގޮތަށް އެކި ދަތިތައް ގިރާކުރަމުން ގޮސް، ކޯސް ފެށިތާ 7 އަހަރު ފަހުން "ލޯ" ކޯސް ފުރިހަމަ ކޮށް އޭނާ ސެޓްފިކެޓް ހާސިލް ކުރި އެވެ. އެ ހިސާބުން ވެސް އޭނާ ހުރީ ނިންމާލާކަށް ނޫނެވެ. މިހާރު އޭނާ ތައްޔާރުވަމުން ދަނީ ނެޝަނަލް ޔުނިވާސިޓީ އޮފް ސިންގަޕޫރުގައި ލޯއިން މާސްޓާސް ހެދުމަށެވެ.