ރުދަން ލުއިކުރަން ފަށާއިރު ފުރަތަމަކޮޅު އަވަހަށް ކިލޯތަކެއް ލުއިވި ނަމަވެސް، ފަހުން ބަރުދަން ލުއިވުމުގެ ދުވެށި މަޑުޖެހި، އިތުރު 5 ކިލޯ ވެސް ލުއި ކުރުމަކީ ވަރަށް އުނދަގޫ ކަމަކަށްވެ އެވެ.

މަޝްހޫރު ލެޕަރޯސްކޮޕިކް އަދި ރޮބޮޓިކް ސާޖަރީ ސްޕެޝަލިސްޓެއް ކަމަށްވާ ޑރ. އަޝީޝް ގޯތަމް ވަނީ މިކަން ދިމާވާ ސަބަބުތަކާއި، މިއަށް ފަރުވާއެއްގެ ގޮތުން ކުރެވިދާނެ ކަންކަން ހާމަކޮށްފަ އެވެ.

ފުރަތަމަކޮޅު އަވަހަށް ބަރުދަން ލުއިވަނީ ކީއްވެ؟

ކާނާގެ އާދަތަކަށް ބަދަލު ގެނެސް ހަރަކާތްތެރިކޮށް އުޅެން ފެށުމުން ފުރަތަމަކޮޅު ހަށިގަނޑުން ބަރުދަން ވަރަށް އަވަހަށް ލުއިވާކަން ފާހަގަކުރެވެ އެވެ. މީގެ މައިގަނޑު ސަބަބަކީ:

  • ފެނާއި ގްލައިކޯޖެން މަދުވުން: ހަށިގަނޑަށް ކާބޯހައިޑްރޭޓް ލިބޭ މިންވަރު މަދުވުމުން، ހަށިގަނޑުގައި ރައްކާކޮށްފައި ހުންނަ 'ގްލައިކޯޖެން' ބޭނުން ކުރަން ފަށައެވެ. ގްލައިކޯޖަކީ ފެނާ އެކުގައި ހުންނަ އެއްޗަކަށްވާތީ އެ ނެތިގެންދާއިރު ހަށިގަނޑުގައި ހުންނަ ފެނުގެ ބައި ވެސް މަދުވެ ބަރުދަން އަވަހަށް ވެއްޓެން މެދުވެރިވާ ސަބަބަކަށްވެ އެވެ.
  • ފުރަތަމަކޮޅު ގެއްލެނީ ހަމައެކަނި ފެނާއި ސަރުބީގެ ބައެއް ކަމަށްވީ ނަމަވެސް، ފަހުން ސަރުބީ ވިރުމުގެ މަސައްކަތް ލަސްވެގެންދެ އެވެ.

ދެން ބަރުދަން ލުއިވުން މަޑު ޖެހެނީ ކީއްވެ؟

  • ހަށިގަނޑަށް ބޭނުންވާ ހަކަތަ މަދުވުން: ބަރުދަން ލުއިވުމުން ހަށިގަނޑުގެ ބަރުދަން ހިފަހައްޓަން ކުރާ މަސައްކަތަށް ބޭނުންވާ ހަކަތައިގެ މިންވަރު ވެސް ދަށްވެ އެވެ. މިސާލަކަށް، 90 ކިލޯގެ މީހަކާއި 80 ކިލޯގެ މީހަކު އެއްވަރަކަށް ހިނގި ނަމަވެސް، ބަރުދަން ލުއި މީހާ އަންދާލާ ކެލޮރީގެ އަދަދު މަދުވާނެ އެވެ.
  • ކާހިތވުން އިތުރުވުން: ބަރުދަން ލުއިވަމުންދާ ވަރަކަށް ހަށިގަނޑުގައި ބަނޑުހައިކަން ކޮންޓްރޯލް ކޮށްދޭ ހޯމޯންތަކަށް ބަދަލު އާދެ އެވެ. ގްރެލިން ފަދަ ހޯމޯންތަކުގެ ސަބަބުން ބަނޑުހައިކަމުގެ އިހުސާސް ކުރެވި، ކުރިން ކެއި މިންވަރުން ހަށިގަނޑަށް ފުދޭކަމަކަށް ނުވެ އެވެ.
  • ނިދި މަދުވުމާއި ސްޓްރެސްވުން: ނިދި ހަމަނުވުމާއި ސްޓްރެސްވުމަކީ ބަނޑުހައިކަން އިތުރުކޮށް، ހާއްސަކޮށް ބަނޑުމަތީގައި ސަރުބީ އުފެދުމަށް މަގުފަހިވާ ކަންކަމެވެ.

މިކަމަށް ހައްލަކީ ކޮން ކަންތައްތަކެއް؟

  • ކެއުމާއި ކަސްރަތުގެ ޕްލޭން ބަދަލު ކުރުން: ބަރުދަން ދަށަށްދާ ވަރަކަށް ކެއުމުގެ ޕްލޭނާއި ކަސްރަތު ރޫޓިންއަށް ބަދަލު ގެންނަންޖެހެ އެވެ. ކުރިން ގެންގުޅުނު ކެލޮރީ ޑެފިސިޓް، ބަރުދަން ލުއިވުމުން އެކަށީގެންވާ މިންވަރަކަށް ނުވެދާނެ އެވެ.
  • ކެއުމުގައި ޕްރޮޓީން އަދި ފައިބާ ހިމެނުން: މަސްތައް ހިމާޔަތް ކުރުމަށްޓަކައި އެކަށީގެންވާ ވަރަށް ޕްރޮޓީން ބޭނުން ކުރުމާއި، ތަރުކާރީ، މޭވާ އަދި ގޮވާމުގެ ބާވަތްތަކުން ފައިބާ ހޯދުމަކީ މުހިންމު ކަމެކެވެ.
  • ސްޓްރެންތު ޓްރެއިނިންގް: ބަރުދަން ލުއިކުރާއިރު މަސްތައް ބަލިކަށިވިޔަ ނުދީ ހިފެހެއްޓުމަށް ބަރު އުފުލުމުގެ ކަސްރަތު ކުރުމަކީ މުހިންމު ކަމެކެވެ. ބައެއްފަހަރު ބަރުދަން ލުއިނުވި ނަމަވެސް، އުނަގަނޑުގެ ވަށަމިން ކުޑަވެގެންދާނެ އެވެ.

ބަރުދަން ލުއިވުން މުޅިން ހުއްޓިއްޖެނަމަ، ހޯމޯންގެ މައްސަލަތަކާއި ތައިރޮއިޑްގެ މައްސަލަ ހުރިތޯ ބެލުމަށް ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމު ކަމަށް ޑޮކްޓަރުން ލަފާދެ އެވެ.