ދުނިޔޭގެ ސަމާލުކަން އެންމެ ބޮޑަށް ހޯދި ރަސްމީ އެއް ފެޝަން ޕީސް ކަމަށްވާ، ޕްރިންސަސް ޑަޔާނާ ގެ މަޝްހޫރު ކަޅު ކުލައިގެ "ރިވެންޖް ޑްރެސް" ނީލަމުގައި ވިއްކާލަން ނިންމައިފި އެވެ.

އިނގިރޭސި ޝާހީ އާއިލާގެ ތާރީހުގައި ފާހަގަ ކޮށްލެވުނު މި ހެދުން ކުރިއަށް އޮތް ޑިސެމްބަރު މަހު ނިއުޔޯކްގެ މަޝްހޫރު ސޮތުބީސް ނީލަން ފިހާރައިގައި ނީލަން ކިޔުމަށް ހަމަޖެހިފައިވާއިރު، މި ހެދުމުގެ އަގު ގާތްގަނޑަކަށް 150,000 އާއި 300,000 ޑޮލަރާ ދެމެދުގެ އަގަކަށްވުރެ މައްޗަށް އަރާނެ ކަމަށް ލަފާ ކުރެވިފައިވެ އެވެ.

މި ހެދުމުގެ ތާރީހަށް ބަލާއިރު، ޕްރިންސަސް ޑަޔާނާ މި ހެދުން ފުރަތަމަ ލައިގެން އާންމުންގެ ތެރެއަށް ނުކުތީ 1994 ވަނަ އަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހު އެވެ.

ލަންޑަންގެ ސެޕްންޓައިން ގެލެރީގައި ބޭއްވުނު ވެނިޓީ ފެއާ ފަންޑްރެއިޒިންގް ހަފުލާއަކަށް އޭނާ މި ހެދުމުގައި ވަޑައިގަތީ، އޭރުގެ ވަލީ އަހުދު، ޕްރިންސް ޗާލްސް، ޓީވީ އިންޓަވިއުއެއްގައި ކައިވެނި މަތީގައި ހުރެ އެހެން މީހަކާ ގުޅިގެން އުޅުނުކަން އާންމުކޮށް އިއުލާންކުރި ރޭގަ އެވެ.

ގްރީސްގެ ފެޝަން ޑިޒައިނަރު ކްރިސްޓީނާ ސްޓެމްބޮއަން ފަރުމާ ކޮށްފައިވާ މި ހެދުމަކީ ގައިގައި ހިފާފައިވާ، ކަރުދަށުގެ ބައި ހާމަކޮށް ހުންނަ ހެދުމެކެވެ.

ރަސްމީ ކޯޓުގެ އާންމު ހެދުންތަކާ ހިލާފަށް މިއީ މުޅިން ތަފާތު، ހިތްގައިމު އަދި ކެރިގެން ލައިގެން ހުރި ހެދުމަކަށް ވުމުން އެރޭ އެންމެންގެ ނަޒަރު ވަނީ އޭނާއަށް ހުއްޓިފަ އެވެ.

މި ހެދުމަށް "ރިވެންޖް ޑްރެސް" ނުވަތަ ބަދަލު ހިފުމުގެ ހެދުމުގެ ނަމުން ނަން ދެވުނީ އެ ހާދިސާއާ ގުޅުވައިގެންނެވެ. ޗާލްސްގެ ބޭވަފާތެރިކަމުގެ ވާހަކަތައް ފެތުރިގެންދިޔަ ދަނޑިވަޅުގައި، ޕްރިންސަސް ޑަޔާނާ މިފަދަ ހިތްގައިމު އަދި "ބޯލްޑް" ސިފައެއްގައި ފެނިގެންދިއުމަކީ އޭނާގެ މިނިވަންކަމާއި ހިތްވަރު ދައްކުވައިދިން ވަރަށް ބޮޑު ރަމްޒެއް ކަމަށް ފެޝަން މާހިރުން ސިފަކުރެ އެވެ.

މީގެ ކުރިން ވެސް 1997 ވަނަ އަހަރު، ކެންސަރާއި އެއިޑްސްގެ ޖަމިއްޔާތަކަށް އެހީވުމަށްޓަކައި ޕްރިންސަސް ޑަޔާނާ ބޭއްވި ހާއްސަ ޗެރިޓީ ނީލަމެއްގައި މި ހެދުން ވަނީ ވިއްކާލާފަ އެވެ.

އޭގެ ފަހުން މިދިޔަ މުއްދަތުގައި އަމިއްލަ ފަރާތެއްގެ ބެލުމުގެ ދަށުގައި އޮތް މި ހެދުން އަލުން ނީލަމަށް މި ލަނީ ގާތްގަނޑަކަށް 30 އަހަރު ފަހުންނެވެ.

ޑިސެމްބަރު މަހު ބޭއްވޭ ނީލަމުގެ ކުރިން ލަންޑަން، ހޮންގް ކޮންގް އަދި ޖެނީވާ ފަދަ ސިޓީތަކުގައި މި ހެދުން އާންމުންނަށް ދައްކާލުމަށް އެގްޒިބިޝަންތައް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.