ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމުން އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ވަޒީރު ފެންވަރުގައި އެ މަގާމަށް މިދިޔަ ޖޫން މަހުގެ ކުރީކޮޅު އައްޔަންކުރެއްވި ނާޒިމް މަގާމުން އިސްތިއުފާ ދެއްވި ވަކި ސަބަބެއް އަދި ސާފެއް ނުވެ އެވެ.

މި ސަރުކާރުގެ ފެށުމުގައި ނާޒިމް އެންމެ ފުރަތަމަ އައްޔަންކުރެއްވީ ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމަށެވެ. އޭގެ ފަހުން ކެބިނެޓަށް ގެނެވުނު ބަދަލުތަކާއެކު ސެޕްޓެމްބަރު 30، 2024 ގައި އޭނާ ހެލްތު މިނިސްޓަރުކަމުގެ މަގާމަށް ބަދަލުކުރެއްވި އެވެ.

ނަމަވެސް މިދިޔަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށްފަހު، ސަރުކާރުގެ ހިންގުން ހަރުދަނާކުރުމުގެ ނަމުގައި ކެބިނެޓުގެ 10 މިނިސްޓަރަކު އިސްތިއުފާ ދެއްވިއިރު ނާޒިމްވެސް ވަނީ ހެލްތު މިނިސްޓަރުކަމުން އިސްތިއުފާ ދެއްވާފަ އެވެ. އޭނާ އަލުން ރައީސް އޮފީހުގެ ސީނިއާ މަގާމަކަށް ގެންދެވީ އޭގެ ފަހުންނެވެ.