ދިވެހި މިއުޒިކީ ދާއިރާގައި ނަން މަޝްހޫރު ރެކޯޑް ލޭބަލްއެއް ކަމަށްވާ ސިމްބޮލިކް ރެކޯޑްސްއިން "ވާނަމަ އިރާދައިގާ"ގެ ނަމުގައި މުޅިން އާ ލަވައެއް ނެރެފި އެވެ.

މި ލަވައަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ދިވެހިންގެ ޕްލޭލިސްޓުތަކުން ޖާގަ ހޯދާފައިވާ ވަރަށް ހިިތްގައިމު ލަވައެކެވެ.

ލޯތްބާއި ވަކިވުމުގެ އިތުރުން ހިތާމައިގެ ފުން އިހުސާސްތައް ގެނެސްދީފައިވާ މި ލަވައަކީ ސީދާ އަޑުއަހުންތެރިންގެ ހިތާ ކުޅެލާފަދަ ފުރިހަމަ އުފެއްދުމެކެވެ.

މި ލަވައިގެ އެންމެ ފުރިހަމަ ކަމަކީ އޭގެ ފަންނާނުންގެ އަޑުގެ ރީތިކަމެވެ. ލަވަ ކިޔާފައިވަނީ ޓޯއީ، ޕެންޑާ އަދި ލައި އެވެ. މި ތިން ފަންނާނުންގެ އަޑުގެ ރީތިކަމާއި ޅެމުގެ ބަސްތަކަށް ގެނެސްދީފައިވާ އަސަރުގެ ސަބަބުން ލަވަ އަޑުއަހާލާ ކޮންމެ މީހެއްގެ ލޮލުން ކަރުނަ ހިލުވަައިލަ އެވެ.

https://www.youtube.com/watch?v=hCdRpjs23UE

ލަވައިގެ ވާހަކައަށް ބަލާއިރު، މިއީ ލޯބީގެ ގުޅުމެއް ނިމުމަކަށް އައުމުން ހިތަށް ލިބޭ ވޭނާއި، އަމިއްލަ ނަފުސަށް ކުރެވޭ ކުށްވެރިކަމުގެ އިހުސާސްތައް ސިފަކޮށްދޭ ލަވަ އެކެވެ.

އަންހެން ބައިތުތަކުން މާޒީގެ ހަނދާންތައް އާލާވި ނަމަވެސް މުޖުތަމައުގެ ފަރާތުން އަމާޒުވާ މަލާމާތާއި ފުރައްސާރައިގެ ލަދަށްޓަކައި އެނބުރި ދާން ފަސްޖެހޭކަން އަންގައިދޭއިރު ފިރިހެން ބައިތުތަކުން ދޭޭހަވަނީ އެ ގުޅުމުން ލިބުނު ހިތްދަތިކަމާއި އަނިޔާތަކުގެ ސަބަބުން އަނބުރާ ދާން ބޭނުންނުވާ ކަމެވެ.

ނަމަވެސް މި ލަވައިން ލިބޭ އެންމެ ފުން މެސެޖަކީ ކިތަންމެ ދުރުގައި ވީނަމަވެސް، އަދި ހިތާމަތަކެއް ލިބުނު ނަމަވެސް، ތަގުދީރުގައި ލިޔެވިފައިވާނަމަ އަލުން ބައްދަލުވާނެ ކަމެވެ.

ޕެންޑާއާއި ޑީމަންގެ ސައުންޑް އިންޖީނިއަރިންގްއަކީ ވެސް މި ލަވަ އިތުރަށް ފުރިހަމަ ކޮށްދިން ސަބަބެއްކަން ފާހަގަ ކޮށްލެވެ އެވެ. މިއުޒިކް އެރޭންޖްމަންޓްގެ ސަބަބުން ލަވައިގެ އަސަރު އިތުރަށް ފުން ކޮށްދެ އެވެ.

ލި ލަވަޔާއެކު ސިމްބޮލިކް ރެކޯޑްސްއިން ދިވެހި މިއުޒިކަށް ގެނެސްދީފައިވާ ފުރިހަމަ އުފެއްދުންތަކަށް އަނެއްކާ ވެސް އިތުރު ބޮޅެއް އިތުރުވީ އެވެ.