އަޅުގަނޑުމެންގެ ނިޔަފަތިތަކަކީ ހަމައެކަނި ރީތިކަމަށް ބަލާ ތަންތެއް ނޫނެވެ. ނަމަވެސް އެއީ ހަށިގަނޑުގެ ޑޮކްޓަރެއް ފަދައިން ސިއްހީ މައްސަލަތައް ކުރިއާލާ އަންގައިދޭ ވަސީލަތެކެވެ.

ހަމުގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. އަޕަރްނާ ސަންތާނަމް ވިދާޅުވާ ގޮތުގައި ނިޔަފަތީގެ ކުލައަށް، ބައްޓަމަށް، އަދި އޮނިގަނޑަށް އަންނަ ކުދިކުދި ބަދަލުތަކަކީ ހަށިގަނޑުގައި ހުންނަ ބޮޑެތި ބަލިތަކާއި ވިޓަމިން މަދުވުމުގެ އަލާމާތްތަކަކަށް ވެދާނެ އެވެ.

ނިޔަފަތިން ފެނިދާނެ ސަމާލުވާންޖެހޭ މުހިންމު ނިޝާންތައް

1. ނިޔަފަތީގައި ރޮނގުތަކެއް ހުރުން

ދިގު ރޮނގު: ނިޔަފަތީގެ ދިގަށް ރޮނގުތަކެއް ހުރުމަކީ އުމުރުން ދުވަސް ވުމުން އާންމުކޮށް ފެންނަ ކަމެކެވެ. ނަމަވެސް ޒުވާން އުމުރުގައި މިއީ ހަށިގަނޑަށް ފެން މަދުވުން ނުވަތަ ވިޓަމިން ބީ މަދުވުމުގެ ނިޝާނަކަށް ވެދާނެ އެވެ.

ހުރަސް ރޮނގު: ނިޔަފަތީގައި ހުރަހަށް ރޮނގުތަކެއް ހުރުމަކީ ހަށިގަނޑަށް ކޮންމެވެސް ބޮޑު ބައްޔެއް ޖެހި، ނުވަތަ މާބޮޑު ސްޓްރެސްއެއް ލިބިގެން ނިޔަފަތި ދިގުވުން ކުއްލިއަކަށް މަޑުޖެހުމުން ވާ ގޮތެކެވެ.

2. ނިޔަފަތީގެ ކުލަ ބަދަލުވުން:

ހުދު ކުލައިގެ ލަކުނު: ގިނަ މީހުން ހީކުރަނީ މިއީ ކެލްސިއަމް މަދުވުމުން ވާގޮތެއް ކަމަށެވެ. ނަމަވެސް ޑރ. އަޕަރްނާ ވިދާޅުވާ ގޮތުގައި ގިނަ ފަހަރަށް މިއީ ނިޔަފަތީގެ ބުޑަށް ކުދި އަނިޔާތަކެއް ލިބުމުން ވާ ކަމެކެވެ.

މުށި ނުވަތަ ކަޅު ރޮނގުތައް: ނިޔަފަތީގެ ދަށުން ކަޅު ނުވަތަ މުށި ކުލައިގެ ރޮނގުތަކެއް ދިގަށް ހުރެއްޖެނަމަ، އެއަށް ވަރަށް ބޮޑަށް ސަމާލުވާންޖެހެ އެވެ. މިއީ ހަމުގެ ކެންސަރުގެ ނުރައްކާތެރި ވައްތަރެއްގެ އަލާމާތަކަށް ވެދާނެތީ، ޑޮކްޓަރަށް ދައްކައި ޗެކް ކުރުން މުހިންމެވެ.

3. ނިޔަފަތި ފުއްޕުން ނުވަތަ ކުރުގެޅުން

ނިޔަފަތީގެ މެދުކައިރި ވަޅުވެ, ސަމުސަލެއްގެ ބައްޓަމަށް ފުއްޕާފައި ހުރުމަކީ ހަށިގަނޑުގައި ލޭ މަދުވުން ނުވަތަ ދަގަނޑުގެ ބައި މަދުވުމުގެ ސީރިއަސް އަލާމާތެކެވެ.

4. ނިޔަފަތި ފަޅައިގެން ދިއުމާއި ފަސޭހައިން ބިނދުން

ނިޔަފަތިތައް މާބޮޑަށް ނާޒުކުވެ، އަމިއްލައަށް ފަޅައިގެންދާނަމަ، މިއީ ތައިރޮއިޑްގެ މައްސަލައަކަށް ނުވަތަ ބައޮޓިން އަދި ވިޓަމިން އީ މަދުވުމުގެ ސަބަބުން ދިމާވާ ކަމެކެވެ.

ނިޔަފަތިތަކުން އާދަޔާ ހިލާފު އެއްވެސް ބަދަލެއް ފާހަގަ ކުރެވިއްޖެނަމަ، އެއީ ހަމައެކަނި ބޭރު ފުށުން ދިމާވާ މައްސަލައެއް ކަމަށް ދެކި ދޫކޮށް ނުލައި، ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުން ބުއްދިވެރި އެވެ.