އެމެރިކާގެ އޯލެންޑޯއަށް ނިސްބަތްވާ 10 އަހަރުގެ ޖޫލިއާނާ އޮއްސާ، ކިނބުލެއްގެ ނޭވާ ހާސްކޮށްލާފައި މަރުން ސަލާމަތްވެއްޖެ އެވެ.

ޖޫލިއާނާގެ ފައިގައި ކިބޫ ދަތްއަޅާ އޭނާއަށް ހަމަލާ ދީފައި ވަނީ، އޯލެންޑޯގެ މޮސްޕާކްގައި އޮތް ކޯރަކަށް އެރިގެން އުޅެނިކޮށެވެ.

އޭނާ އެޕާކަށް ދިޔައީ އާއިލާއެކު ޕިކްނިކް ދަތުރެއްގަ އެވެ. އާންމުގޮތެއްގައި ކިނބޫ އިންސާނަކަށް ހަމަލާދޭއިރު ހަށިގަނޑުގެ ބައެއްގައި ދަތްއަޅައިގެން އޮވެ މޫދު ނޫނީ ކޯރުފެންގަޑުގެ ތެރެއަށް ދަމައިގެން ގޮސް ގަނބާލާ ކަމަށް ވެ އެވެ.

ޖޫލިއާނާ ބުނާގޮތުގައި އޭނާގެ ފައިގައި ކިބޫ ދައިގަނެގެން ދަމަން ފެށުމުން އޭތީގެ މޫނުގައި އެތައް ފަހަރަކު ތަޅާ ހެދި އެވެ. އެހެން ހެދުމުން ވެސް ސަލާމަތް ނުވުމުން، އޭތީގެ ނޭފަތް ބަންދުކޮށްލީ އެވެ. އެ ސަލާމަތީ އުކުޅަކީ އޭނާ ދިޔަ ގޭޓޯލޭންޑް ތީމް ޕާކުން އޭނާއަށް ދަސްވި ކަމެކެވެ. އެއާއެކު އެ ކިނބޫ ނޭވާ ހާސްވެ އަނގަޅުވަން މަޖްބޫރުވި އެވެ. އެ މުހިންމު ވަގުތުގެ ބޭނުންހިފައި، ޖޫލިއާ ދުވެފިލި އެވެ. އޭރު އޭނާގެ ފައިގައި ކިނބޫ ދަތްއެޅި ތަނުން ހުއްޓުމެއްނެތި ލޭ އަންނަމުން ދިޔަ އެވެ. ޖޫލިއާ ކޯރުގެ ފެންގަޑުން ސަލާމަތް ކޮށްގެން އެއްގަމަށް ގެނައީ އޭނާގެ ބޮޑުބޭބެ އެވެ.