ރުޅި ކޮންޓްރޯލް ނުވެގެން މީހުންނާއި ތަކެއްޗަށް ގެއްލުންދެވޭ ތަން އާދެ އެވެ. އަނެކާ ހިތްހަމަ ނުޖެހޭ ބަސްތައް ވެސް ދޫކޮށްލެވެ އެވެ.

ރުޅިއައިސްގެން އަމިއްލަ ހަށިގަނޑަށް ގެއްލުންދޭ މީހުން ވެސް އުޅެ އެވެ. ބައެއް މީހުން ދެކޭ ގޮތުގައި ރުޅި ބޭރުކޮށްލުމުގެ ގޮތުން ކޮންމެވެސް ކަމެއް ކޮށްލުމަކީ އެކަމުގެ ހައްލެވެ. ނަމަވެސް ފަހުގެ ދިރާސާތަކުން ދައްކަނީ ރުޅިއަކީ ކޮންޓްރޯލްކުރުން ވަރަށް މުހިންމު ޖަޒުބާތެއްކަމެވެ.

ދާދި ފަހުން އެމެރިކާގައި ހެދި ދިރާސާއަކުން ދައްކާގޮތުގައި ރުޅިއައުމަށް މަގުފަހިވާ ކަންކަމާ ދުރުހެލި ނުވާނަމަ ހިތުގެ ނާރުތަކަށް ނޭދެވޭ އަސަރުކުރެ އެވެ.

އެމެރިކާގެ ހިތުގެ ބަލިތަކަށް ޚާއްސަ ޖާނަލް އޮފް ދަ އެމެރިކަން ހާޓް އެސޯސިއޭޝަންގައި ޝާއިރުކޮށްފައިވާ މި ހޯދުމުގައިވާ ގޮތުން ރުޅިއަންނަ ނަމަ ހިތުގެ ނާރުތަކުން ލޭ ދައުރުވުމަށް ހުރަސް އެޅެ އެވެ. މީގެ ކުރިން ހޯދި ހޯދުންތަކުން ވަނީ ހިތާމަ އާއި ހިތްދަތިކަން ތަހައްމަލުކުރާ ނަމަ ހިތުގެ މައްސަލަތަކަށް މަގު ފަހިވާކަމަށް ދައްކައިފަ އެވެ. އަދި ހިތުގެ ބަލި ހުންނަ މީހެއްނަމަ ދިމާވާ ހިތްހަމަނުޖެހޭ ކަންކަމުގެ ސަބަބުން ހިތާގުޅިފައިވާ ލޭނާރުތަކަށް މައްސަލަ ޖެހޭކަމަށް ވެސް ދައްކަ އެވެ. އަދި އެކަން ދިގުލާދާނަމަ، ބައެއް ފަހަރު ފުރާނައަށް ވެސް ނުރައްކާވާ ހާލަތަށް ވެސް ދާ ކަމަށް ހޯދިފައިވެ އެވެ.

ނަމަވެސް މި ފަހުގެ ދިރާސާކުރި ޓީމުން ބުނާގޮތުގައި ހިތްހަމަނުޖެހުމާ ދެރަވުމުންގެ ސަބަބުން ހިތުގެ ނާރުތަކަށް އަންނަ ބަދަލުތައް، ރުޅިއައުމުގެ ސަބަބުން އަންނަ ބަދަލުތަކަށް ވުރެ ކުޑަކަމަށެވެ. މީހާ ހުރިހާ ހާލަތެއްގައި ވެސް ހަމަޖެހިގެން ހުރުމުގެ މުހިންމުކަން މިފަހުގެ ދިރާސާ އިން ދައްކަ އެވެ.

މި ދިރާސާ ކުރި ޓީމުން ބުނާގޮތުގައި އަލަށް މި ހޯދުނު ކަމަކީ އިންސާނުން ހަމަޖެހިގެން ހުންނަ ނަމަ ހިތުގެ ނާރުތައް ވެސް ހަމަޖެހިފައި ހުންނަ ކަމަށެވެ.