ބޮލީވުޑްގެ މަޝްހޫރު ނެށުންތެރިޔާ އަދި އެކްޓްރެސް ނޯރާ ފަތޭހީ ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ ނުވަވަނަ ސީޒަންގައި ބައިވެރިވީ ވަރަށް ހާއްސަ ޝަރުތަކާއެކު ކަމަށް އޭނާ ހާމަކޮށްފި އެވެ.
"އަންޓްރިގަރޑް" ޕޮޑްކާސްޓްގައި ވާހަކަ ދައްކަމުން ނޯރާ ބުނީ، އޭނާގެ ކެރިއަރުގެ ކުރީކޮޅު ގިނަ ލަވަތަކެއް ކުޅުނު ނަމަވެސް އޭގެ އުޖޫރަ ނުލިބި ވަރަށް ބޮޑަށް ދަތިތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.
ޕްރޮޑިއުސަރުން އޭޖެންސީއަށް ފައިސާ ދިން ނަމަވެސް، އޭޖެންސީން އޭނާއަށް ފައިސާ ނުދީ ހިފެހެއްޓުމުގެ ސަބަބުން ބޮޑެތި މައްސަލަތަކެއް ޖެހުނު ކަމަށް ނޯރާ ބުންޏެވެ.
މި މައްސަލަތައް ހިނގަމުން ދަނިކޮށް "ބިގް ބޮސް"އިން ފުރުސަތު ލިބުމުން ފުރަތަމަ އޭނާ އެކަމަށް އިންކާރު ކުރި އެވެ. ރިއަލިޓީ ޝޯތަކާމެދު ކުރިން ގޯސް ތަސައްވަރެއް އޮތް ނަމަވެސް، އެ ޝޯއިން ބޮޑު އުޖޫރައެއް ދޭން ހުށަހެޅުމުން އޭނާ ވިސްނުން ބަދަލުކުރި އެވެ.
ނޯރާ ހާމަކުރި ގޮތުގައި އޭނާ "ބިގް ބޮސް"އަށް އެއްބަސްވީ "ޖަލަކް ދިކަލާޖާ" ނެށުމުގެ ޝޯއިން ފުރުސަތު ދިނުމަށް ޝަރުތު ކޮށްފަ އެވެ.
ދެ ޝޯއަކީވެސް އެއް ޗެނަލަކުން ދައްކާ ދެ ޝޯއަށްވާތީ "ބިގް ބޮސް"ގައި ބައިވެރިވުމުގެ ބަދަލެއްގެ ގޮތުން އޭނާއަށް "ޖަލަކް ދިކަލާޖާ" އިން ފުރުސަތު ލިބުނެވެ.
2015 ވަނަ އަހަރުގެ ޑިސެމްބަރުގައި ވައިލްޑްކާޑު އެންޓްރީއެއްގެ ގޮތުގައި ވަދެ، ތިން ހަފުތާ ވަންދެން ބިގް ބޮސްގައި ނޯރާ އުޅުނެވެ.ޝޯގެ ތެރެއިން ޕްރިންސް ނަރުލާއާއެކު ގާތް ގުޅުމެއް އުފެދި، އޭނާ ނޯރާއަށް ޕްރޮޕޯޒްވެސް ކުރި އެވެ. އެ ސީޒަން ކާމިޔާބުކުރީ ޕްރިންސް އެވެ.
މިއަދު ނޯރާ ވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފަ އެވެ. ފީފާ ވޯލްޑް ކަޕްގެ ހަފްލާގައި ހުށަހަޅައިދިނުމުގެ އިތުރުން، އޭނާގެ އަމިއްލަ މިއުޒިކް އެލްބަމްތަކާއި ބޮލީވުޑްގެ ބޮޑެތި ފިލްމުތަކުންވެސް މިހާރު ދަނީ ފެންނަމުންނެވެ.
ފެރީ އެއްބަސްވުން ބާތިލްކުރުމުން 11 މިލިއަން ޑޮލަރު ހޯދަން ކޯޓަށް
ޖުނައިދުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލަނީ
އެމެރިކާއިން އަލުން ހަމަލާތައް ފަށަނީ، އީރާނުން އިންޒާރު ދީފި