ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ޚާންގެ ކުރިއަށް އޮތް އެކްޝަން ފިލްމު "ސިކަންދަރު"ގެ ބަތަލާއަކަށް ސައުތު އިންޑިއާ ފިލްމުތަކުން ފެނިގެންދާ މަޝްހޫރު ބަތަލާ ރަޝްމިކާ މަންދާނާ ހަމަޖައްސައިފި އެވެ.

ރަޝްމިކާ މިހާރު އަންނަނީ ބޮލީވުޑް ފިލްމުތަކުގައި ވެސް މަސައްކަތް ކުރަމުނެވެ.

ސަލްމާނާއެކު ރަޝްމީކާ ފެނިގެންދާ ފުރަތަމަ ފިލްމުގެ ޝޫޓިން މިހާރު ފެށިގެން ކުރިއަށްދާއިރު، މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ބޮޑު އީދުގަ އެވެ.

"ސިކަންދަރު"ގެ ޑައިރެކްޓަރަކީ އާމިރް ހާންގެ މަޝްހޫރު ފިލްމު "ގަޖްނީ" ޑައިރެކްޓްކުރި އޭއާރް މުރުގަޑޮސް އެވެ. ސަލްމާންއާ އެކު އޭނާ ވެސް މަސައްކަތްކުރާ މިއީ ފުރަތަމަ ފަހަރެވެ.

https://www.instagram.com/p/C6u_Yhpyya6/

ސައުތު އިންޑިއަން ފިލްމުތަކުން ވިދައިލި އުމުރުން 28 އަހަރުގެ ބަތަލާ ރަޝްމިކާ އަކީ މިހާރު ބޮލީވުޑުން ވަރަށް ގިނަ ފުރުސަތުތައް ލިބެމުން އަންނަ ތަރިއެކެވެ. ރަންބީރް ކަޕޫރްގެ މިދިޔަ އަހަރުގެ ބޮޑު ހިޓް "އެނިމަލް" ގެ ބަތަލާގެ ރޯލުންވެސް ފެނިގެން ގޮސްފައި ވަނީ ރަޝްމިކާ އެވެ. 2021 ގެ މަޝްހޫރު ތެލެގޫ ފިލްމު "ޕުޝްޕާ" ގެ ވެސް ބަތަލާއަކީ ރަޝްމިކާ އެވެ. އެ ފިލްމުގެ ދެވަނަ ބައި މި އަހަރުގެ އޮގަސްޓްގައި ރިލީޒް ކުރުމަށް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން ރަޝްމިކާ ވަނީ އެކްޓަރު ވިކީ ކޯޝަލްއާ އެކު "ޗާވާ" ނަމަކަށް ކިޔާ ފިލްމަކަށް ސޮއިކޮށްފަ އެވެ.