މާލެ ސިޓީން ފަގީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީވުމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ބުނެފި އެވެ.

ޒަކާތު ހައުސް އިން މިއަދު ނެރުނު އިއުލާނެއްގައި ވަނީ މާލެ ސިޓީން ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި އަލަށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އަންނަ އާދިއްތަ ދުވަހު ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އަދި ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30އިން މެންދުރުފަހު 12:00ގެ ނިޔަލަށް ފޯމު ހުށަހެޅޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މި އަހަރުގެ ފިތުރު ޒަކާތުގެ ފައިސާ ލިބިފައިވާ މީހުންގެ ތެރެއިން ޙާލަތު ބަދަލުވުމުގެ ސަބަބުން ދަފުތަރުން އުނިވެފައިވާކަން އަންގާފައިނުވާ މީހުންނަކީ ވެސް ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ މީހުން ކަމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ. އެހެންކަމުން އެ މީހުން ދަފުތަރުގައި އަލަށް ރަޖިސްޓްރީ ވާން ނުޖެހޭނެ އެވެ.

ފަގީރުންގެ ދަފުތަރުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމު ޒަކާތު ހައުސްގެ ވެބްސައިޓް www.zakathouse.gov.mv އިން ޑައުންލޯޑް ކުރެވޭނެ އެވެ. އެ ފޯމު ބަލައިގަންނާނީ ޒަކާތު ހައުސްގެ އޮފީސް ކައުންޓަރުންނެވެ.

ފަގީރުންނާއި މިސްކީނުންގެ ދަފުތަރުކުރުމުގެ އާ އުސޫލެއް އެކުލަވާލައި އާންމުކުރީ މި މަހު އެވެ.

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި މިހާރު 8،000 އެއްހާ މީހުން ތިބެ އެވެ.