ގަލްފުގެ ސަރަޙައްދުގައި ބޭރު ޤައުމުތަކުގެ އަސްކަރީ ބާރުތައް ހަރަކާތްތެރިވުމަކީ ސުލްހަ ޤާއިމުވުމުގެ ބަދަލުގައި ނުތަނަވަސްކަން އިތުރުވެ، ހަމަނުޖެހުންތައް ފުޅާވެގެންދާނެ ކަމެއް ކަމަށް ބުނެ އީރާނުން ދެކުނު ކޮރެއާއަށް އިންޒާރު ދީފި އެވެ. އީރާނުން މި އިންޒާރު ދީފައިވަނީ އޮމާން ކަނޑުއޮޅީގެ ބޭރުން އޮންނަ ސަރަހައްދުތަކަށް ދެކުނު ކޮރެއާގެ ކަނޑުގެ ސިފައިންގެ ޔުނިޓެއްގެ ހަރަކާތްތައް ފުޅާކުރުމަށް ސޯލްއިން ތައްޔާރުވަމުންދާ ދަނޑިވަޅެއްގަ އެވެ.

މިކަމާ ގުޅޭގޮތުން އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ވަނީ ބުރާސްފަތި ދުވަހު ދެކުނު ކޮރެއާގެ ހަރިޖީ ވަޒީރު ޗޯ ހިޔުންއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވާފަ އެވެ. ސޯލްގައި ހުންނަ އީރާނުގެ އެމްބަސީން ހުކުރު ދުވަހު އެކްސްގައި ހާމަކުރި ގޮތުގައި، އެއްވެސް ހަނގުރާމައެއްގައި ބައިވެރިވުމުގެ ނުވަތަ ގަލްފު ސަރަހައްދަށް ސިފައިން ފޮނުވުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމުގެ ޔަގީންކަން ޗޯ ވަނީ ދެއްވާފަ އެވެ.

އެހެންނަމަވެސް، އަރަޤްޗީ ވިދާޅުވީ ބޭރުގެ އަސްކަރިއްޔާތައް އެ ސަރަހައްދުގައި ތިބުމަކީ ނުތަނަވަސްކަން އިތުރުވެ، ހަމަނުޖެހުމުގެ ދާއިރާ ފުޅާވެގެންދާނެ ކަމެއް ކަމަށެވެ.

ދެކުނު ކޮރެއާގެ ޕާލަމެންޓުން މިހާރު ދަނީ އެ ޤައުމުގެ ވިޔަފާރި އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، ކަނޑުގެ ސިފައިންގެ "ޗޮންގްހޭ" ޔުނިޓުގެ ހަރަކާތްތައް އޮމާން ކަނޑުއޮޅީގެ ބޭރުގެ ކަނޑުގެ ސަރަހައްދުތަކަށް ފުޅާކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުން ދިރާސާ ކުރަމުންނެވެ. ކަނޑުފޭރުމާ ދެކޮޅަށް މަސައްކަތްކުރާ މި ޔުނިޓަކީ 2009 ވަނަ އަހަރުން ފެށިގެން އަދަން ކަނޑުއޮޅީގައި ހަރަކާތްތެރިވަމުން އަންނަ ޔުނިޓެކެވެ.

ދެކުނު ކޮރެއާގެ ހާރިޖީ ވުޒާރާއިން ބުނި ގޮތުގައި، އެ ޤައުމުގެ ކަނޑުގެ ސިފައިންގެ ޔުނިޓުގެ މައިގަނޑު ބޭނުމަކީ ދެކުނު ކޮރެއާގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، އެ ޤައުމުގެ އިޤްތިސާދީ މަސްލަހަތުތައް ހިމާޔަތްކުރުން ކަމަށް ޗޯ ވަނީ އީރާނުގެ ވަޒީރަށް ސާފުކޮށްދެއްވާފަ އެވެ.

ދުނިޔޭގައި އެންމެ ގިނައިން ތެލާއި ގޭސް އެތެރެކުރާ އެއް ޤައުމު ކަމަށްވާ ދެކުނު ކޮރެއާއަކީ މި ވަސީލަތްތަކަށް މެދުއިރުމައްޗަށް ވަރަށް ބޮޑަށް ބަރޯސާވާ ޤައުމެކެވެ. ސަރުކާރުގެ ހިސާބުތައް ދައްކާ ގޮތުން 2025 ވަނަ އަހަރު އެ ޤައުމަށް އެތެރެކުރި ތެލުގެ 70 އިންސައްތަ އެތެރެކޮށްފައިވަނީ މެދުއިރުމަތިން ކަމަށްވާއިރު، މި ޝިޕްމަންޓްތަކުގެ ބޮޑުބައި ދަތުރުކުރަނީ ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށެވެ.