ކުރެހުންތެރިންގެ ފިއްސަކީ ވަރަށް ބާރުގަދަ އެއްޗެކެވެ. އެމީހުން ކުލަޖައްސާ ގޮތުން އެކި އިހްސާސްތައް ގެނުވަ އެވެ. އުފާވެރި ކަމެވެ. ހިތްދަތިކަމެވެ. މާފަހުގެ ނުވަތަ މާކުރީ ޒަމާނެއްގެ މަންޒަރެއްގެ ގޮތުގައި ކުރެހުމެއް ދައްކާލުމަކީ އެމީހުންނަށް ދާދި ފަސޭހަ ކަމެކެވެ. މޮޅު ކުރެހުން ތެރިން އެ މީހުންގެ ކުރެހުންތަކުން އެހެން މީހުން އާޝޯޚް ކޮށްލަ އެވެ. އޭގެ އަވާގައި ފިހިން ޖައްސަނީ ކުޅަދާނަ ކަމާއެކުގަ އެވެ.

ލ. ފޮނަދޫ އަށް އުފަން އައިޝަތު އަމާނީ ޝާފިއު (އަމާނީ) 22، އަކީ ވެސް އެފަދަ ހުނަރުވެރި މޮޅު ކުރެހުންތެރިއެކެވެ. އަމާނީގެ އަތުގައިވާ ޖާދޫގެ ފިހިން ވުޖޫދަށް ގެނެސްފައިވާ ކުރެހުންތަކަކީ ބަލާ ފޫހިނުވާނެ، އާޖައިބެއް ފަދަ ރީތި ކުރެހުންތަކެކެވެ. ކުރެހުމުގެ އެއްވެސް ތަމްރީނެއް ނުލިބި ހުރެ، އަމިއްލަ ހުނަރާއި މަސައްކަތުން އެފަދަ ކުރެހުންތަކެއް ކުރެހޭނެ ކަމަށް ގަބޫލުކުރަންދަތީ، އެ ކުރެހުންތަކުގެ ޗާލުކަމާއި ފުރިހަމަކަމުންނެވެ.

ފޮނަދޫ އޯޝަންސް ކަލެކްޓިވް މޯލްޑިވްސްގައި ޕާޓްޓައިމް އެޑްމިން އެސިސްޓެންޓެއްގެ ވަޒީފާ އަދާކުރަމުން އަންނަ އަމާނީ އޯލެވެލް އަދި އޭ ލެވެލް ވެސް ފުރިމަކުރީ ލ. އަތޮޅު ތައުލީމީ މަރުކަޒުންނެވެ. އަދި މިހާރު ގެންދަނީ ޒިކުރާ އިންޓަނޭޝަލަން ކޮލެޖްގައި ސައިކޮލޮޖީ އެންޑް ކައުސިލިން ކިޔަވަމުންނެވެ.

ކުރަހަނީ ހިތްހަމަޖެހޭތީ

ކުރެހުމަކީ ބޭކާރު ވިސްނުންތަކާ ދުރުކޮށް، ވަކިކަމަކަށް ވިސްނުން ހުއްޓުވައިދޭ ކަމެކެވެ. ކުރެހުން ތަރައްގީ ވާ ވަރަކަށް ކުރެހުންތެރިޔާ އަމިއްލަ ނަފްސުގެ މައްޗަށް ކުރާއިތުބާރު ބޮޑުވެ އެވެ. ކުރެހުމަކީ ހެދި ބޮޑުވަމުންއަންނަ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށް ވަރަށް ރަނގަޅު ފަންނެކެވެ.

އަމާނީ ގަބޫލު ކުރާގޮތުގައި ކުރެހުމަކީ އޭނާއަށް ތެރަޕީ (ފަރުވާ)އެކެވެ. ހިތްހަމަނުޖެހޭ ވަގުތުތަކުގެ އެކުވެރިޔަކީ އޭނަގެ ފިއްސެވެ. އެންމެ ކުރަހާ ހިތްވަނީ މަންޑާލާ ކުރެހުމާ، ޑޫޑްލް ކުރެހުމެވެ. އެންމެ ގަޔާވަނީ އެކްރީލިކް ޕެއިންޓެވެ.

އަމާނީ ކުރެހުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނީ.

އަމާނީ ބުނާގޮތުގައި އޭނާ ކުރަހާއިރު ހަށިގަނޑަށް ލުއިވެ އެވެ.

"އަޅުގަނޑުގެ އަތް ބައެއްފަހަރު ތުރުތުރުއަޅާ. ހިތްނުތަނަވަސް ވީމަ އެމައްސަލަ އިތުރުވާކަމަށް ފާހަގަވޭ. ނަމަވެސް ކުރަހާއިރު އެކަމުގެ އެއްވެސް އަސަރެއް ނުހުރޭ. ވަރަށް ރިލެކްސްވޭ ކުރަހާއިރު. އަދި މީހުންނަށް އެކުރެހުންތަށް ކަމުދިޔައިމަ ވަރަށް އުފާވޭ،" އަމާނީ ވަރަށް އުފަލާއެކީ ފާހަގަކުރި އެވެ.

ފުރަތަމަ ކުރަހަން ފެށީ 12 އަހަރުގައި

އަމާނީ ފުރަތަމަ ކުރަހަން ފެށީ ގްރޭޑް 6 ގައި ކިޔަވަން އުޅުނުއިރު ލިބޭ ހުސް ވަގުތުތަކުގައި ފޫހިފިލުވާލުމަށެވެ.

"ފޮތުގެ ފަހަތު ގަނޑުގައި ފުރަތަމަ ކުރަހަން ފެށީ. އެހެން ކުރަހަމުން ގޮސް ވަކިހިސާބަކުން އެކަމަށް ޝައުގުވެރިވާން ފެށީ،" ކުރަހަން ފެށުނު ގޮތް އަމާނީ ކިޔައިދިނެވެ.

އޭނާއަށް ރީތި ކުރެހުމެއް ކުރެހިއްޖެ ނަމަ ރައްޓެހިކުދިންނަށް އެކުރެހުން އޭރު ހަދިޔާކޮށްލަ އެވެ. އަމާނީގެ ކުރެހުންތަކަށް އޭނާގެ އެކުވެރިން ވަރަށް ގަޔާވެ އެވެ. އަދި އެކަން ކުރިއަށް ގެންދިއުމަށް ވަރަށް ސަޕޯޓުދެ އެވެ.

އޭނާގެ ކުރެހުންތައް ރީތިވަމުން ތަރައްގީވަމުން އައުމުން ދެން އޭނާ ވިސްނީ ކެންވަސްގައި ކުރަހަން ފެށުމަށެވެ. އަމާނީގެ ބައްޕަ އާއި މަންމަ އޭނާގެ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން ފުރަތަމަ ކެންވަސް އާއި ކުރަހާ ކުލަޖައްސަން ބޭނުންވާނެ ސާމާނު ގަނެދިނެވެ

"ކުރަހާފައި އަބަދުވެސް މަންމައަށާއި ބައްޕައަށް ދައްކަން. އެމީހުން ބުނާނެ އެހެން ހެދިއްޔާ ރީތި ވާނޭ، ނޫނީ މިހެން ހެދިއްޔާ ރީތިވާނޭ،" އަމާނީ ބުންޏެވެ.

އަމާނީ ކުރަހާފައިވާ މަންޑަލަ ޕެއިންޓެއް

ކެންވަސްގައި ކުރަހަން ފެށީ މަންޑޭލާ އާޓްސް ކުރެހުމެވެ. އޭރު އޭނާގެ ކޮޓަރި ޒީނަތްތެރިކުރީ އޭނާގެ އަމިއްލަ ކުރެހުންތަކުންނެވެ. އެއްފަހަރަކު އެތަނުން ވަރަށް ހިތްގައިމު ކުރެހުމެއް ސޯޝަލް މީޑިއާއަށް ދޫކޮށްލެވުންވީ، އޭނާގެ ކުރެހުމުގެ ފަންނުވެރިކަމަށް އިތުރު މަގެއް ކޮށިގެންދިޔަ ކަމަކަށެވެ. އެ ކުރެހުން ފެނި އެތައް ބައެއް އެގަތުމަށް އެދެންފެށި އެވެ. ދެން ކުރަހަން ފެށީ ވިޔަފާރި އަށެވެ.

އެހިސާބުން މަޑު ޖައްސާލާކަން އަމާނީ ގަސްތެއް ނުކުރި އެވެ.

"އޯތެންޓިކް މޯލްޑިވްސް" އާ ގުޅިގެން އޭނާގެ އުފެއްދުންތައް ބޭނުންއިރަކު ބޭނުންމީހަކަށް ލިބޭނެ ގޮތް މަގުފަހިކޮށްދިނެވެ.

އަމާނީގެ ޚާއްސަ ސަގާފީ "ޓޯޓްބޭގް"

ދިވެހި ސަގާފަތް ދައްކުވައިދޭ ތިމާވެއްޓާ ރައްޓެހި ޓޯޓްބޭގަކީ ވެސް އަމާނީގެ ވަރަށް ޚާއްސަ އުފެއްދުމެކެވެ. ރާއްޖޭގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަނާކުރުމުން އެކި ކުރެހުންތަކާ އެކި ޑިޒައިންގެ ޓޯޓްބޭގް އޭނާ ތައްޔާރުކޮށް ވިއްކަން ފެށި އެވެ.

ޓޯޓްބޭގްގެ ބޭރުގައި ކުރަހާފައި ހުންނަނީ ކަސަބު ކުރެހުންތަކާއި، ލިޔެލާ ޑިޒައިންސް، އަދި ފޭލި ފަދަ ދިވެހި ސަގާފީ ކުރެހުންތަކެވެ.

"ޓޯޓް ބޭގްތައް ފަހަނީ މަންމަ. އެތެރޭގައި އިންނާނެ ޖީބެއް ވެސް ފޯނާ އެއްޗެހި ލެވޭ ގޮތަށް. ދެން އަޅުގަނޑު އޭގަ ކުރަހަނީ،" އަމާނީ ބުންޏެވެ.

އަމާނީ ކުރަހާފައިވާ ކަސަބު ޓޯޓު ބޭގްތަކެއް.

ޓޯޓްބޭގެއްގައި ކުރަހާ ނިންމާލަން ގާތްގަނޑަކަށް ދެތިން ގަޑިއިރު ނަގާ ކަމަށް އޭނާ ބުންޏެވެ. އަމާނީ ތައްޔާރުކުރާ ކޮންމެ އެއްޗެއްގައި ވެސް ހުންނަނީ އޭނާގެ އަމިއްލަ އަތުން ކުރަހައި ކުލަޖައްސާފައިވާ ކުރެހުންތަކެވެ. އޭނާ އެންމެ އާންމުކޮށް ބޭނުންކުރާ ކުލައަކީ ވޯޓާ ޕްރޫފް އެކްރީލިކް ކުލަ އެވެ.

މި ޚާއްސަ ޓޯޓްބޭގް ވިއްކަން ބަހައްޓަނީ ލ. ގަމުގަ ހުންނަ ފަތުރުވެރިން ޒިޔާރަތްކުރާ ފިހާރަތަކުގަ އެވެ. ނަމަވެސް މުސްތަގުބަލްގައި ރިޒޯޓްތަކުގެ ފިހާރަތަކަށް ލައިގެން ފަތުރުވެރިންނަށް ލިބޭނެގޮތް ހެދުމަކީ ވެސް އަމާނީގެ ވިސްނުމެކެވެ.

ސައިކޮލޮޖީ އެންޑް ކައުންސެލިން ކިޔަވައިގެން މީހުންގެ މިޒާޖު ދެނެގަތުން

އަމާނީ ގަބޫލުކުރާ ގޮތުގައި ކޮންމެ ދާއިރާއެއްގައި މަސައްކަތް ކުރި ނަމަވެސް، ސައިކޮލޮޖީގެ ބެކްގްރައުންޑެއް އިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ މަސައްކަތުގެ މާހައުލުގައި އެކި މިޒާގުގެ އެކި ވިސްނުމުގެ މީހުންނާ ދިމާވާއިރު، މީހުން ވަކި ގޮތަކަށް އަމަލުކުރީ ކީއްވެގެންތޯ ދެނެގަތުމަށް ފަސޭހަވާނެތީ އެވެ.

އަމާނީ ސައިކޮލޮޖީއަށް ޝައުގުވެރިވީ "ކްރައިމް ޑޮކިއުމެންޓްރީސް" ބެލުމުގެ ތެރެއިންނެވެ. އޭގެ ހިމެނޭ ސައިކޮލޮޖިކަލް ބައި އޭނާއަށް ވަރަށް ކަމުދިޔަ އެވެ.

"ސައިކޮލޮޖީ ކިއެވީމަ ފަސޭހަވޭ މީހުންގެ މިޒާޖު ދެނެގަންނަން. އޭގެ ސަބަބުން މަސައްކަތް ކުރާ މާހައުލުގައި މީހުންނާ މުއާމަލާތު ކުރުމުގައި ފަސޭހަތަކެއް ލިބިގެންދޭ،" އަމާނީ ބުންޏެވެ.

ކަނޑުއަޑީގެ ރީތިކަން ދައްކައިދޭ އަމަނީ އަތުން ކުރަހާފައިވާ އެކްރިލިކް ޕެއިންޓެއް.

ސައިކޮލޮޖީގެ ދާއިރާއިން ކުރިއަށް ދިޔަ ނަމަވެސް އޭނާ ހުރީ ކުރެހުން ދޫކޮށްލާކަށް ނޫނެވެ. އަދި ކުރެހުމަށް ލޯބިކުރާ ވީހާވެސް ގިނަ މީހުން އެރޮނގުން ކުރިއަށް ދިއުމަށް އޭނާ އެދެ އެވެ.

އަމާނީ ބުނިގޮތުގައި ކުރަހަން ބޭނުންވާ ކުދިން އެކަމަށް ފަސްނުޖެހި ކުރިއަށް ދިއުމަކީ އެންމެ މޮޅުގޮތެވެ. އެއީ ފުރަތަމަ ފަށާއިރު އެއީ ކުރެހުން ކަމުގައި ވިޔަސް އަދި އެހެން ފަންނެއް ކަމުގައި ވިޔަސް، އެކަމެއް އެންމެ ފުރިހަމަކޮށް ނުކުރެވޭނެތީ އެވެ. ކޮންމެ ކަމެއްގައި ވެސް ކުރިއަށްދިއުމުގައި ބޭނުންވަނީ ހިތްވަރެވެ. ނުގުޑާނެ އަޒުމެކެވެ. ހުއްޓާނުލައި ކުރިއަށްދާ ނަމަ ކޮންމެވެސް ދުވަހަކުން އެކަމުގެ ފޮނިރަހަ ލާނެ އެވެ.