ރައީސް މުހައްމަދު މުއިއްޒުގެ ގަރާރަކުން ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހދ. ހިރިމަރަދޫގައި މަސައްކަތް ކުރަން ޖެހޭ ގޮތަށް، މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ދެ ޕޮލިޓިކަލް ޑިރެކްޓަރުން ސަރުކާރުން އައްޔަނުކޮށްފި އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ލިޔުމަކުން އެނގޭ ގޮތުގައި، ވިހި ހާސް ރުފިޔާގެ މުސާރަ ލިބޭ މި މަގާމަށް އެކަކު މީހަކު އައްޔަންކުރީ މިދިޔަ އޮގަސްޓު މަހުގެ 27 ގަ އެވެ. އަދި އޭގެފަހުން ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު އެ މަގާމަށް އިތުރު މީހަކު ވަނީ ހަމަޖައްސާފަ އެވެ. މި ދެ މީހުންނަށް ވެސް ވަޒީފާ ހަމަޖެއްސި ލިޔުމުގައި މަސައްކަތް ކުރަން ޖެހޭ ތަނެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ހދ. ހިރިމަރަދޫ އެވެ.
މީގެ އިތުރުން ވެސް، އެ ރަށުގެ އިތުރު މީހަކަށް ސިޔާސީ މަގާމެއް ދީފައިވާ ކަމަށް އަޑުފެތުރިފައިވީ ނަމަވެސް، އެ މީހާގެ މައުލޫމާތު އަދި ކަށަވަރެއް ނުވެ އެވެ. މަގާމުތައް ލިބުނު ފަރާތްތަކަކީ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މީހުންނެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ކައުންސިލްތައް އޮންނަ ނަމަވެސް، ޑިސެމްބަރު 2025 ގައި ރައީސް މުއިއްޒު ނެރުއްވި ގަރާރަކުން ހިރިމަރަދޫ ވަނީ ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި، އެ ރަށުގެ ކައުންސިލް އުވާލާފަ އެވެ. އެހެންކަމުން އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިހާބުގައި އެ ރަށަށް ކައުންސިލެއް އިންތިހާބުކޮށްފައެއް ނުވެ އެވެ. އަދި އެ ރަށުގެ ރައްޔިތުން ވޯޓުލާން ޖެހުނީ ހަނިމާދޫ ކައުންސިލްގެ މެންބަރުން ހޮވުމަށެވެ.
2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާ ދައްކާ ގޮތުން 260 މީހުންގެ އާބާދީއެއް އޮތް ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، މިހާރު އެ ރަށަށް ބޭނުންވާ އަސާސީ އަދި ރަށްވެހިކަމުގެ ހިދުމަތްތައް ދިނުމުގެ ހުރިހާ ހަރަދެއް ކުރަމުންދަނީ ހަނިމާދޫ ކައުންސިލުންނެވެ.
މޭޔަރު ސައުދާއި ތިން ކައުސިލަރަކަށް އިތުރު ދައުވާއެއް
ޒުވާނުންނަށް ނަފްސާނީ އެހީ ފޯރުކޮށްދޭ ހެލްޕްލައިން ތައާރަފްކޮށްފި
ރޭސިން ޗެމްޕިއަންޝިޕްގައި ޒުވާނެއްގެ ހާލު ސީރިއަސް
ހިރިމަރަދޫ އަކީ މީހުން ދިރިނޫޅޭ ރަށެއް ކަމަށް ކަނޑައަޅައިފި
މީހުން ބާލަން ނިންމާފައިވާ ހިރިމަރަދޫގައިވެސް ބޮޑު ޕްރޮޖެކްޓެއް!
ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރަން ނިންމީ މަޝްވަރާނުކޮށް