ގާޒާއަށް ވަންނަން އޮންނަ މަގުތައް އިޒްރޭލުން ބަންދުކޮށްފައި އޮތުމަށްފަހު އެންމެ ފަހުން ރަޝިއާއިން ގާޒާއަށް ހަދިޔާ ކުރި ކޮރޯނާވައިރަސް ވެކްސިންގެ 2،000 ޑޯޒް ގާޒާއަށް އެތެރެކުރެވިއްޖެ އެވެ.
ފަލަސްތީނާއި އިސްރާއިލްގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވާ ގޮތުގައި ޕަލެސްޓައިނިއަން އޮތޯރިޓީ (ޕީއޭ) އިން ފޮނުވި މި ޝިޕްމެންޓްގައި ހިމެނެނީ ރަޝިއާ އިން އުފެއްދި "ސްޕަޓްނިކް ވީ" ވެކްސިނެވެ. އަދި ކޮންމެ މީހަކަށް ދެ ޑޯޒް ދޭ ގޮތަށް ޖުމްލަ 1،000 މީހުންނަށް ދެވޭ ވަރަށް އެ ޝިޕްމެންޓްގައި ވެކްސިން ހުންނާނެ އެވެ.
"މި ވެކްސިން ދޭނީ އޯގަން ޓްރާންސްޕްލާންޓް ކޮށްފައިވާ މީހުންނާއި ކިޑްނީ ފެއިލްވެފައިވާ ބަލި މީހުންނަށް،" ރޮއިޓާސް އަށް މައުލޫމާތު ދެއްވަމުން ގާޒާގެ ހެލްތު މިނިސްޓްރީގެ އޮފިޝަލެއް ކަމަށްވާ މަޖްދީ ދައިރް ވިދާޅުވި އެވެ.
"ވެކްސިން ދިނުމުގެ މި ބުރުގައި ސިއްހީ ހިދުމަތްތެރިންނަށް ވެކްސިނެއް ނުދޭނެ. ސަބަބަކީ މި ޝިޕްމެންޓްގައި އެވަރަށް ވެކްސިން ނެތުމުން،" މަޖްދީ ވިދާޅުވި އެވެ.
އިޒްރޭލު މަގުން ގާޒާއަށް އެތެރެކުރި މި ވެކްސިނާމެދު އިޒްރޭލްގެ ކަނާތު ފިޔައިގެ ސިޔާސީ މީހުން ވަނީ ފާޑުކިޔާފަ އެވެ. އެގޮތުން ވެކްސިން އެތެރެކުރިޔަ ދޭނީ ގާޒާގައި ހައްޔަރުކޮށްފައިވާ ކަމަށް ބެލެވޭ އިޒްރޭލްގެ ދެ ރައްޔިތުންނާއި، 2014 ވަނަ އަހަރު ގާޒާއާއި އިޒްރޭލްގެ ދެމެދުގައި ހިނގާދިޔަ ހަމަލާ ބަދަލުކުރުމުގައި މަރުވި އިޒްރޭލުގެ ދެ ފައުޖީންގެ ހަށިގަނޑު ހަވާލުކުރުމުން ކަމަށް އެ މީހުން ބުނަމުންދެ އެވެ. އަދި އެފަދައިން ކަންތައް ކުރުމަށް އެ މީހުންގެ ސަރުކާރަށް ވެސް ދަނީ ގޮވާލަމުންނެވެ.
ނަމަވެސް މިހާރު ވެކްސިން ދިނުމުގެ ސްޕީޑްގެ ގޮތުން ބަލާއިރުވެސް ކުރީގައި އުޅޭ އިޒްރޭލުން ގަދަކަމުން އަތުލައިގަނެފައިވާ ފަލަސްތީނުގެ ހިސާބުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ގޮވާލާ، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ދަނީ ޕްރެޝަރު ކުރިމަތި ކުރުވަމުންނެވެ.
މި ޕެންޑެމިކްގައި ގާޒާއިން 53،000 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން 537 މީހުން ވަނީ މަރުވެފަ އެވެ.
-- އަލް ޖަޒީރާ