ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް އިސްލާހީ ބަދަލުތަކެއް ގެނެސް، ސަބްސިޑީތަކާއި އާއި އާސަންދަ ދިނުމުގެ އުސޫލަށް ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.
ވޯލްޑް ބޭންކުން ރާއްޖެއާ ގުޅޭގޮތުން ތައްޔާރުކުރި "ސްކޭލިން ބެކް އެންޑް ރީ- ބިލްޑިން ބަފާސް" ރިޕޯޓާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް އިއްޔެ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިސްލާހީ ބަދަލުތައް ގެނައުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް ވެސް ބަދަލުތަކެއް ގެނައުން ހިމެނޭ ކަމަށެވެ.
"މާލީ ދާއިރާއަށް އިސްލާހީ ބަދަލުތައް ގެނައުމަށް މިދަނީ ތައްޔާރުވަމުން، އެންމެ ރަނގަޅު ދަނޑިވަޅުގައި މި ބަދަލުތައް ތަންފީޒުކުރެވިގެންދާނެ. މި ބަދަލުތައް ގެނައުމުގައި ވޯލްޑް ބޭންކު އަދި އައިއެމްއެފް ފަދަ އެޖެންސީތަކުގެ އެއްބާރުލުން ބޭނުންވޭ،" ޝަފީގު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު ވިދާޅުވީ މިއަހަރަށް ދައުލަތަށް ލަފާކުރި އާމްދަނީގެ އަދަދުތަކާއި އެއްވަރަކަށް ދައުލަތަށް އާމްދަނީ ލިބެމުން އަންނަ ކަމަށެވެ. އަދި އަންނަ އަހަރަށް ދައުލަތުގެ ބަޖެޓު ތައްޔާރުކުރުމުގައި އައިއެމްއެފްއާއި ވޯލްޑް ބޭންކުން ރާއްޖޭގެ އިގްތިސާދާ ގުޅޭގޮތުން ނެރެފައިވާ ރިޕޯޓުތަކުގެ ބޭނުން ހިފާނެ ކަމަށް ވެސް ޝަފީގު ވިދާޅުވި އެވެ.
ވޯލްޑް ބޭންކުގެ ރިޕޯޓުގައި ވަނީ މިދިޔަ އަހަރު ތެރޭގައި ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބުނު ނަމަވެސް އިގްތިސާދީ ކުރިއެރުން މަޑުޖެހިފައިވާ ކަމަށެވެ. އަދި ފަތުރުވެރިން އައި އަދަދަށް ކުރިއެރުން ލިބުން ނަމަވެސް، ގައުމީ އުފެއްދުންތެރި ކަމަށް އެވަރުގެ ކުރިއެރުމެއް އައިސްފައި ނުވަނީ ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ފައިސާގެ މިންވަރު ދަށްވުމުން ކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އެ ރިޕޯޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު ވަނީ މިދިޔަ އަހަރު ނިމުނު ރާއްޖޭގެ އިގްތިސާދަށް އަންނާނެ ކަމަށް ލަފާކުރި މިންވަރަށް އިޤްތިސާދު ކުރިއަރާފައިނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މިއީ އެ އަހަރު ތެރޭގައި ސަރުކާރުން އަޅަން ރޭވި އިސްލާހީ ފިޔަވަޅުތައް އަޅާފައި ނުވާތީކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ރިފޯމް ޕްރޮގްރާމްތައް ތަންފީޒުކޮށްފައިނުވުމުން އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރި މިންވަރަށް ކުރިއަރާފައެއް ނުވޭ. އެެހެން ނަމަވެސް މިހާރު މިދަނީ އިސްލާހީ ގިނަ ފިޔަވަޅުތަކެއް އުޅުމަށް ތައްޔާރުވަމުން،" މިނިސްޓަރު ވިދާޅުވި އެވެ.