މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވާދަކުރެއްވުނީ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ކުރެއްވި ބުރަ މަސައްކަތުންކަން، ސިޔާސީ ކަންކަމަށް ކިރިޔާ ވެސް ޝައުގު ހުރި މީހަކަށް ވިއްޔާ އެނގޭނެ އެވެ.
ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައި އޮތް ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަންވެފައި އޮތް އިރު ވެސް އޭރުގެ އިދިކޮޅު ޕާޓީ، ޕީޕީއެމުން ރިޔާސީ ކެންޑިޑޭޓެއް ދައްކައިފައެއް ނުވެ އެވެ. އިންތިޒާރު ކުރަމުން ދިޔައީ ޕީޕީއެމުން ރިޔާސީ ޓިކެޓް އަރުވާފައިވާ ރައީސް އަބްދުﷲ ޔާމީނަށް އިންތިޚާބުގައި ވާދަކުރެވޭނެތޯ ބެލުމަށް ސުޕްރީމް ކޯޓުގައި ހިނގަމުން ދިޔަ މައްސަލަ ނިމޭނެ ގޮތަކަށެވެ. ޖަލު ހުކުމެއްގައި ހުންނެވި ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަނުކުރެއްވޭނެކަން ޔަގީންކޮށްގެން ތިބި މެންބަރުންތަކެއް އޭރު ވެސް ޕީޕީއެމްގައި ތިއްބެވެ. އެ ބޭފުޅުން ތިއްބެވީ ކިރިޔާ ވެސް ފުރުސަތެެއް ލިބިއްޖެ ނަމަ ރިޔާސީ ޓިކެޓް ޖަހައިގަންނަން ތައްޔާރަށެވެ. ރިޔާސީ ޓިކެޓަށް ފައި ނަންގަވައގެން، ކިތަންމެ ސިއްރުން ނަމަވެސް ކަންކަން ހިންގަވަމުން ގެންދެވި އެއްބޭފުޅަކީ ރައީސް މުއިއްޒުކަން އޭރު ވެސް އެއް ބަޔަކަށް އެނގެ އެވެ. އެކަން ސިއްރު ކުރައްވައިގެން ހުންނެވި އެއްބޭފުޅަކަށް އަދުރޭ ވާނެ އެވެ.
ރައީސް ޔާމީން ނޫން ބޭފުޅަކު ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރުން ވެސް އޭރު އޮތީ "ކުށަކަށް" ހަދައިފަ އެވެ. އެފަދަ ތުހުމަތެއް ކުރެވޭ ބޭފުޅެއް ނަމަވެސް ހާޒިރުކޮށް މައްސަލަ ބަލަ އެވެ. ރައީސް މުއިއްޒަށް ޓިކެޓް ހޯދައިދޭން މަސައްކަތް ކުރި ކަމަށް ބުނާ ޕީޕީއެމްގެ މެންބަރެއްގެ މައްސަލަ ބަލަން ވެސް އުޅުނެވެ. އެކަން ކުރަން އުޅުނީ ސީދާ ރައީސް ޔާމީންގެ އަމުރަށެވެ. ނަމަވެސް ސިޓީ ކައުންސިލްގައި ރައީސް މުއިއްޒުއާ ވަރަށް އަރިސް އެ ބޭފުޅާ ވަނީ މައްސަލަ ބެލުމުގެ ކުރިން ޕީޕީއެމުން ވަކިވެފަ އެވެ. ރިޔާސީ ޓިކެޓަށް މަގު ފަހިކުރެއްވުމަށް ރައީސް މުއިއްޒު ބޭނުން ކުރެއްވި އެއް ހަތިޔާރަކީ އޭރު އެމަނިކުފާން މޭޔަރުކަން ކުރައްވަމުން ގެންދެވި މާލޭ ސިޓީ ކައުންސިލެވެ. ޕީޕީއެމް/ޕީއެންސީގެ ސެނެޓުގެ ގިނަ ބަޔަކަށް ކައުންސިލުން ވަޒީފާ ހަމަޖައްސައިދީ، ވޯޓެއް ލައިފި ނަމަ އެ މީހުންގެ ރުހުން ލިބޭނެ ކަމުގެ ޔަގީންކަން ވަނީ ހޯއްދަވައިފަ އެވެ.
ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަނުކުރެއްވޭނެކަން ސުޕްރީމް ކޯޓުން ނިންމެވީ އިންތިޚާބަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާން ދެތިން ދުވަހަށް ވެފައި ވަނިކޮށެވެ. ރައީސް ޔާމީން ނިންމެވީ އެމަނިކުފާނަށް ވާދަނުކުރެއްވޭނެ އިންތިޚާބެއްގައި ޕީޕީއެމުން ބައިވެރި ނުވެ އިންތިޚާބު ބޮއިކޮޓް ކުރުމަށެވެ. އެމަނިކުފާނުގެ އެ ނިންމެވުމާ ޕީޕީއެމް/ޕީއެންސީ ސެނެޓުން ދެކޮޅު ހެދުމުން ރައީސް ޔާމީން ދެވަނަ ފަހަރަށް ވެސް ވަނީ އިންތިޚާބު ބޮއިކޮޓް ކުރުމަށް އަންގަވައިފަ އެވެ. ނަމަވެސް އެމަނިކުފާނުގެ އެ ނިންމެވުމާ ދެކޮޅަށް ދެތުވެވަޑައިގަތް ބޭފުޅަކީ އަބްދުއްރަހީމެވެ. އޭނާ ގަބޫލް ކުރެއްވީ ޕީޕީއެމް ކޯލީޝަނުން އިންތިޚާބުގައި ވާދަކުރަން ޖެހޭނެ ކަމަށެވެ. ރައީސް ޔާމީން ޖަލުން މިނިވަން ކުރެވޭނީ ވެސް އިންތިޚާބުގައި ޕީޕީއެމް ވާދަކޮށްގެން ކަމަށެވެ.
ޕީޕީއެމުން ކެންޑިޑޭޑެއް ނުނެރޭނަމަ ޕީއެންސީން ކެންޑިޑޭޓެއް ނެރެގެން ވެސް އިންތިޚާބުގައި ވާދަކުރެއްވުމަށް އަދުރޭ ހުންނެވީ ތައްޔާރުވެގެންނެވެ. ރިޔާސީ ކެންޑިޑޭޓެއް ނޮމިނޭޓް ކުރަން ރައީސް ޔާމީނަށް ދެ ފަހަރަށް ފުރުސަތު ދިނެވެ. ނަމަވެސް ރައީސް ޔާމީން ވަކި ބޭފުޅެއްގެ ނަމެއް ވިދާޅެއް ނުވެ އެވެ. އެއީ ރައީސް މުއިއްޒުގެ ނަސީބުކަމުގައި ވެސް ވެދާނެ އެވެ. ރައީސް މުއިއްޒު ކެންޑިޑޭޓަކަށް ހަދަން މަގު ކޮށްޓަވައިދެއްވަން އަދުރޭ ހުންނެވީ ތައްޔާރަށެވެ. އޭރު ރައީސް މުއިއްޒު ހުންނެވީ ޕީޕީއެމްގަ އެވެ. ޕީޕީއެމުން ކެންޑިޑޭޓެއް ނުނެރޭން ނިންމުމާ އެކު ރައީސް މުއިއްޒު ވަނީ އެމަނިކުފާން ނައިބުކަން ކުރައްވަމުން ގެންދެވި ޕާޓީ ދޫކުރައްވައި ޕީއެންސީ އަށް ބަދަލުވެވަޑައިގެންފަ އެވެ. ހަމަ އެ ދުވަހު ވަނީ ރިޔާސީ ޓިކެޓް ދޭނެ ފަރާތެއް ކަނޑައެޅުމަށް ޕީޕީއެމް/ޕީއެންސީގެ ސެނެޓުގައި ވޯޓު ނެގުމަށް ނިންމައިފަ އެވެ. ވާދަކުރެއްވުމަށް ހުށަހެޅުއްވީ މުއިއްޒުގެ އިތުރުން އާދަމް ޝަރީފެވެ. ސެނެޓުގެ ވޯޓު ނެގުން އޮތީ ރޭގަނޑު އެވެ. ނަމަވެސް އެއީ ގޯހެއްކަން އެނގުނު ހިސާބުން އަދުރޭ ވަނީ އެ ވޯޓު ހަވީރަށް ބަދަލުކޮށްފަ އެވެ. އެންމެ ދެ ވޯޓުގެ ތަފާތުން ކެންޑިޑޭޓުކަން ކާމިޔާބު ކުރެއްވީ ރައީސް މުއިއްޒެވެ. ކަންކަން އެނގޭ ބައެއް މީހުން ބުނި ގޮތުގައި ރޭގަނޑު ވޯޓު ނަގަން ފަސްކުރި ނަމަ ކާމިޔާބު ކުރައްވާނީ އާދަމް ޝަރީފެވެ. އަދުރޭ އަޑިއަޑިން ނެރެން ރާވަމުން ދިޔަ ކެންޑިޑޭޓް ފޭލްވީހެވެ. އޭރު ވަނީ ރައީސް މުއިއްޒުގެ ކެންޑިޑެސީ އަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ފުރިހަމަކޮށްފަ އެވެ. އެ މައުލޫމާތު ވަނީ އެހެން ބައެއް ބޭފުޅުން ވެސް ފުރިހަމަކޮށް ރިޔާސީ އިންތިޚާބަށް ކުރިމަތިލާން ފޯމު ތައްޔާރުކޮށްފައި ކަމަށްވެ އެވެ. އެކަމަކު އެއިން އެއްވެސް ބޭފުޅަކަށް ފުރުސަތު ނުދީ ޕީޕީއެމާއި ޕީއެންސީގެ ތައްގަނޑު ހިއްޕަވައިގެން އަދުރޭ އެރޭ ފިއްލެވިކަމަށް އަޑުތައް އެރި އެވެ. ދެ ޕާޓީ ހިންގެވުމުގެ އިސް ބޭފުޅަކަށް ރައީސް ޔާމީން އައްޔަން ކުރައްވާފައި އޭރު ހުންނެވީ އަދުރޭ އެވެ. އަނެއް ދުވަހުގެ މެންދުރު 2 ޖަހާއިރު ފޯމު ހުށަހެޅުމުގެ ސުންގަޑި ހަމަވާނެ އެވެ.
އޮގަސްޓް 7 ވަނަ ދުވަހުގެ ހެނދުނު ހެނދުނާ ރައީސް މުއިއްޒުގެ ފޯމު ހުށަހެޅުއްވުމަށް އިލެކްޝަން ކޮމިޝަނަށް ވަޑައިގެންނެވި އެވެ. އަރިހުގައި ވަޑައިގެންނެވީ މުއިއްޒުގެ ރަނިން މޭޓް ހުސައިން މުހައްމަދު ލަތީފް އާއި އަދުރޭ އަދި ޕީޕީއެމްގެ އޭރުގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ތޮލާލެވެ. ރައީސް ޔާމީންގެ ރުހުން ނެތް ކަމަކަށް ވާތީ ދެ ޕާޓީގެ އެހެން އެއްވެސް ބޭފުޅަކަށް މުއިއްޒުގެ އަރިހުގައި ފޯމު ހުށަހަޅަން ދަރުބާރުގެއަށް ވަޑައިގަންނަވާކަށް ނުކެރުނެވެ. ޖަލުގައި ހުންނެވި ޔާމީން އެންމެ ފަހުން ގޮތް ދޫކުރައްވައި މުއިއްޒަށް ތާއީދު އޮތްކަން، އަނބިކަނބަލުން ފާތިމަތު އިބްރާހިމް މެދުވެރި ކުރައްވައި ހާމަކުރެއްވީ މުއިއްޒު ފޯމު ހުށަޅަން މަދު މިނިޓް ކޮޅަކަށްވެފައި ވަނިކޮށެވެ. ޔާމީންގެ ތާއީދު ނެތް ނަމަވެސް މުއިއްޒު ފޯމު ހުށަހަޅުއްވާނެކަން ޔަގީންވި ހިސާބުންނެވެ.
އާޚިރު ނަތީޖާ އަކީ ރިޔާސީ އިންތިޚާބުގެ ދެ ބުރުގައި ވެސް ރައީސް މުއިއްޒު ކުރި ހޯއްދަވައި ވެރިކަމަށް ވަޑައިގަތުމެވެ. ރައީސް މުއިއްޒަށް މި ފުރުސަތު ފަހިވީ ދެ ޕާޓީގެ ކޯލިޝަނުގެ ވަރުގަދަ ލީޑަރު، ރައީސް ޔާމީންގެ ނިންމެވާ ދެކޮޅަށް އަދުރޭ ތެދުވެވަޑައިގަތުމުންނެވެ. އެހެން ނޫން ނަމަ އޭރު ވެރިކަމުގައި އޮތް އެމްޑީޕީ އަދިވެސް އޮންނާނީ ވެރިކަމުގަ އެވެ. ޕީޕީއެމް/ޕީއެންސީ ކޯލިޝަން އޮންނާނީ މާ ހާލުގަ އެވެ.
އިންތިޚާބު ކާމިޔާބު ކުރެއްވުމާ އެކު ރައީސް މުއިއްޒު، އަދުރޭ ދުލެއް ނުކުރައްވަ އެވެ. ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ޓްރާންސިޝަން ކޮމިޓީގެ ވެރިއަކަށް ހެއްދެވީ އަދުރޭ އެވެ. ވެރިކަަން ލިބިވަޑައިގަތުމުން ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރުކަން ދެއްވީ އަދުރޭ އަށެވެ. އަދުރޭގެ ފިރިހެން ދަރިކަލުންނަށް ޓޫރިޒަމް މިނިސްޓަރުކަން ދެއްވި އެވެ. އެނޫން ވެސް އަދުރޭ ބޭނުންވި ބޭފުޅުންނަށް މިނިސްޓަރުކަން ދެއްވި އެވެ. އަދުރޭ ބޭނުންވި ބަޔަކު ކުންފުނިތަކުގެ ވެރިންގެ ގޮތުގައި ހަމަޖެއްސި އެވެ. ސަރުކާރުގެ އެ ނޫން މަތީ މަގާމުތަކަށް އަދުރޭގެ ގާތް މީހުން ހަމަޖެއްސި އެވެ.
މަޖިލިސް އިންތިޚާބުގައި އަދުރޭ ވާދަކުރައްވަން ނިންމެވީ ޕީއެންސީން އަޣުލަބިއްޔަތު ހޯދާނެ ކަމުގެ އުއްމީދުގަ އެވެ. އެހެން ވެއްޖެ ނަމަ މަޖިލިސް ރައީސްކަން ހޯއްދެވުމުގެ މާބޮޑު އުއްމީދެއްގަ އެވެ. ކަންވީ ވެސް އެބޭފުޅުން ހީކުރެއްވި ގޮތަކަށެވެ. ޕީއެންސީ އަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުނީ އެވެ. އަދި މަޖިލީހުގެ ރައީސް ކަމަށް އަދުރޭ އަށް ވަޑައިގަނެވުނީ ރައީސް މުއިއްޒު އަދުރޭ ނޮމިނޭޓް ކުރެއްވުމުންނެވެ.
ރައީސް ޔާމީންގެ ނިންމެވުމަކާ ދެކޮޅަށް ތެދުވެ މަސައްކަތް ކުރުމުން، ގައުމުގެ ރައީސް ކަމަށް ވަޑައިގަތީ މުއިއްޒެވެ. އެމަނިކުފާން ވެރިކަމަށް ވަޑައިގަތުމަށް މަގުފަހިކޮށްދެއްވި އަބްދުއްރަހީމަށް ލިބިވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމެވެ. މިއީ ފެންނަން އޮތް ހަގީގަތެވެ. މިއަދު އެ ދެ ބޭފުޅުންނަކީ ގައުމުގެ ތިން ބާރުގެ ތެރޭން ދެބާރުގެ ވެރިންނެވެ.