ބަޑި ބޭނުންކުރާ ގޮތް ދައްކުވައިދޭ ވީޑިއޯތައް ޔޫޓިއުބަށް އަޕްލޯޑް ކުރުމާއި އެ ވީޑިއޯތައް ބެލުމުގައި ހިފެހެއްޓުންތަކެއް ގެންގުޅެން އެ ވެބްސައިޓުން ނިންމައިފި އެވެ.

ގޫގުލްގެ ދަށުން ހިންގާ ޔޫޓިއުބުން ބުނީ މި ހިނގާ ޖޫން މަހުގެ 18 ވަނަ ދުވަހުން ފެށިގެން ފަޔާ އާމްސް ބޭނުންކުރާ ގޮތް ދައްކުވާ ވީޑިއޯތައް އެ ވެބްސައިޓްއަށް އަޕުލޯޑް ނުކުރެވޭނެ ކަމަށެވެ.

އެއާއެކު ގޭގައި ބޭނުންކުރާ ލުއި ހަތިޔާރު ފެންނަ ވީޑިއޯތައް 18 އަހަރުން ދަށުގެ ކުދިންނަށް ނުފެންނަ ގޮތް ހަދަން ވެސް އެ ކުންފުނިން ނިންމާފައިވެ އެވެ.

މި ނިންމުން ނިންމާފައި މިވަނީ އެފަދަ ނުރައްކާތެރި ވީޑިއޯތައް ކުޑަކުދިންނަށް ފެންނާތީ އެކްޓިވިސްޓުން އެކަމާ ދެކޮޅު ހަދަމުން އަންނަ ދަނޑިވަޅެއްގަ އެވެ.

ގޭގައި ބަޑި ފަދަ ހަތިޔާރު ބޭނުން ކުރުމުގެ ތެރޭގައި އެތައް ސަތޭކަ ކުދިންނެއް 2020 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އެމެރިކާގައި މަރުވެފައިވެ އެވެ.