ހެނދުނުގެ ނާސްތާއަކީ ބަނޑުހުސްކޮށް ގިނަ ވަގުތު ބެހެއްޓުމަށްފަހު ފުރަތަމަ ހަށިގަނޑަށް އެތެރެކުރެވޭ ކާނާ އެވެ.
ހަށިގަނޑުގެ މަސައްކަތް ފެއްޓުމަށް ދެވޭ ދުވަހުގެ ފުރަތަ ހަކަތަ އެވެ. މި ނާސްތާގެ ސަބަބުން ލޭގައި ހަކުރު ހުންނަންވާ މިންވަރަށް ހަކުރު ނަގައިދެ އެވެ.
ދިރާސާތަކުން ދައްކާގޮތުގައި ސްކޫލަށް ދާއުމުރުގެ ކުދިންގެ ތެރެއިން ހެނދުނުގެ ނާސްތާ ނަގާ ކުދިންގެ ވިސްނުމުގެ ބާރު އެނޫން ކުދިންނާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރެވެ. ވީމާ ހެދުނު ސްކޫލަށް ދިއުމުގެ ކުރިން ނާސްތާއެއް ދިނުމާއި އެ ނާސްތާގައި ފައިދާހުރި ކާނާ ހިމެނުމަކީ ވަރަށް މުހިންމު ކަމެކެވެ.
އެކި ކުދިންގެ ހެދިބޮޑުވުން ތަފާތެވެ. އެއްބައި ކުދިންނަކީ ހެނދުނު ކާހިތް ނުވާ ނުވަތަ ކެއުމުގެ ސަބަބުން އުނދަގޫތަކެއް މެދުވެރިވެދާނެ ކުދިންނެވެ. ވީމާ އެފަދަ ކުދިންނަށް ގަދަކަމުން ކާންދޭން އުޅުމުގެ ބަދަލުގައި ސްކޫލްގެ ސައިގަޑިއަށް ފުރިހަމަ ނާސްތާއެއް ފޮނުވުމަކީ އެންމެ ރަނގަޅު ގޮތެވެ.
ނަމަވެސް ހެނދުނު ކެވޭ ކުދިން ނާސްތާ ނަގަން އިންކާރުކުރާ ވަރަށް ގިނަ ސަބަބުވެ އެވެ. ބެލިނިވެރިއެއްގެ ހައިސިއްޔަތުން އެ ސަބަބުތައް ދެނެގަނެ އެކަމަށް ހައްލެއްހޯދުމަކީ ކިޔެވުމަށްދެވޭ ވަރަށް ބޮޑު ބާރެކެވެ.
ހޭލާގޮތަށް ސައިބުއިމަކީ އެކި ސަބަބުތަކާ ހުރެ ބައެއް މީހުންނަށް އުނދަގޫ ކަމެކެވެ. ކުޑަކުދިން ވެސް އެފަދަ އެވެ. މިފަދަ ކުދިން ހެނދުނު ކާއެއްޗެއް ކެވޭނީ ހޭލުމަށްފަހު އެއްގަޑިއިރު ނުވަތަ ދެ ގަޑިއިރު ފަހުންނެވެ. ސްކޫލްގެ ގަޑި ޖެހޭތީ އަވަހަށް ކަންތައްކުރުމަށް ބުނުމަކީ ވެސް ކުދިން ކާންބޭނުން ނުވާނެ ސަބަބެކެވެ.
ހާއްސަކޮށް ހެނދުނު ހޭލައިގެން ހަރަކާތްތައް ލަސްކޮށް ހުންނަ ގަޑިއެއްގައި އަވަސްކޮށް އެއްވެސް ކަމެއް ކުރުމަކީ އެކުދިންނަށް ފަސޭހަކަމަކަށް ނުވާނެ އެވެ. އެވަގުތު އެއްޗެއް ކެއުން ވެސް އެފަދަ އެވެ. ނިދި ހަމަނުވާނަމަ ހަށިގަނޑަށް ލިބިފައި ހުންނަ ވަރުބަލިކަމާ ހުރެ ވެސް ގިނަކުދިން ހެދުނުގެ ނާސްތާއާ ގަޔާނުވެ އެވެ. ހޭލާއިރު އެކުއްޖެއްގެ އުމުރަށް ބޭނުންވާ ވަރަށް ނިދި ހަމަވެފައި ހުރުމަކީ ނާސްތާއެއް ނެގުމަށް ވަރަށް މުހިންމު ކަމެކެވެ.
މިސާލަކަށް އުމުރުން އެއްއަހަރާއި ތިން އަހަރާ ދޭތެރޭ ކުދިންނަށް އެންމެ މަދުވެގެން 11 ގަޑިއިރު ނިދި ބޭނުންވެ އެވެ. ހަ އަހަރާއި 12 އަހަރާ ދޭތެރޭ ކުދިންނަށް ނުވަ ގަޑިއިރާއި 11 ގަޑިއިރުގެ ނިދި ބޭނުންވެ އެވެ.
އެންމެ ކުޑައިރުއްސުރެ ވަކިގަޑިތަކަށް ކާންދިނުމަކީ ވެސް ވެސް ވަރަށް މުހިންމު ކަމެކެވެ. ގަޑިންގަޑިއަށް ކެއުމުގެ ވިސްނުން ބައްޓަންވެފައި ނުވާނަމަ ނާސްތާއަކީ އެކުދިން މުހިންމު އެއްޗެއް ކަމުގައި ނުދެކޭނެ އެވެ. ކުދިން ކާ ހިތްޖެއްސުމަށް އެކުދިން އެންމެ ކާހިތްވާ ފައިދާ ހުރި ކާ އެއްޗެއް އެގަޑީގައި ދިނުމަކީ ވެސް ކުރެވިދާނެކަމެކެވެ.
ރޭގަނޑު ލަހުން ކާންދެވޭނަމަ ހޭލާއިރު ބަނޑުހައި ނުވުމަކީ ވެދާނެކަމެކެވެ. އެއީ ދުވާލާ ޚިލާފަށް ގުދުރަތީގޮތުން ހަޖަމްކުރުމުގެ މަސައްކަތް ރޭގަނޑު ލަސްވާތީ އެވެ. ވީމާ ހެނދުނު ނާސްތާނެގުމަށް ފަސޭހަކުރުމަށްޓަކައި ކެއުމަށް ވަކިގަޑިތަކެއް ހަމަޖައްސައި ރޭގަނޑުގެ ކާންދޭ ގަޑި އަވަސް ކުރުމަކީ މިކަމަށް އޮތް ރަނގަޅު ހައްލެކެވެ.
މީގެ އިތުރުން އަވަހަށް ނިންދެވުމާއި އަވަހަށް ހޭލެއްވުމެވެ. އަދި ފަތިސްނަމާދު ކުރުމަށް ފަހު ސްކޫލަށް ދިއުމާ ދޭތެރޭ ލިބޭ ވަގުތު ނުނިންދެވުމެވެ.