ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅުމަކީ އަބަދުވެސް ހާއްސަ ކަމެއް ކަމަށާއި މި އަަހަރުގެ ޔޫރޯ ކާމިޔާބުކުރުމަކީ އޭނާ ދެކެމުންދާ ހުވަފެނެއް ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ޖަރުމަންގައި މިރޭ ފަށާ ޔޫރޯ އަށް ޕޯޗުގަލްގެ ޓީމާއެކު ރޮނާލްޑޯ ނުކުންނައިރު، އޭނާގެ އުމުރުން މިހާރު 39 އަހަރެވެ. ރޮނާލްޑޯ ގައުމީ ޓީމަށް ކުޅެން ފެށީ 2003 ވަނަ އަހަރެވެ. ރޮނާލްޑޯގެ ކެޕްޓަންކަމުގެ ދަށުން ޕޯޗުގަލް އިން ވަނީ 2016 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްފަ އެވެ.

ޔޫރޯއަށް ތައްޔާރުުވުމަށް ޕޯޗުގަލް ކުޅުނު އެކުވެރިކަމުގެ މެޗުގައި ރޮނާލްޑޯ ވަނީ ރިޕަބްލިކް އޮފް އަޔަލޭންޑް ކޮޅަށް ދެ ލަނޑު ޖަހައިފަ އެވެ.

މި މެޗަށް ފަހު ރޮނާލްޑޯ ބުނީ ގައުމީ ޓީމަށް ކުޅުމާއި ގައުމީ ޓީމަށް ލަނޑު ޖެހުމަކީ ވަރަށް ހާއްސަ ކަމެއް ކަމަށެވެ. އަދި މި އަހަރުގެ ޔޫރޯ ކާމިޔާބުކުރުމަކީ އޭނާގެ ހުވަފެނެއް ކަމަށެވެ.

"ދެން މާ ގިނަ ދުވަހެއް ނެތް އަހަރެން ކުޅުން ހުއްޓާލާކަށް. މިހާރު އަހަރެންގެ އުމުރުން 39 އަހަރު. ކޮންމެ އަހަރަކުވެސް މި ބަލަނީ ކުޅެގެން ހިތްހަމަޖެހުން ހޯދަން. ގައުމީ ޓީމަށް ލަނޑު ޖެހުމަކީ ވަރަށް ހާއްސަ ކަމެއް. އަހަރެން އެންމެ ލޯބިވަނީ ގައުމީ ޓީމު ދެކެ. މި މުބާރާތް ކާމިޔާބުކުރުމަކީ ހުވަފެނެއް،" ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ އޭނާހުރީ ޔޫރޯއަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށާއި އޭނާގެ "100 ޕަސެންޓް" ގައުމީ ޓީމަށް ދޭނެ ކަމަށެވެ.

"އަހަރެން ހުންނާނީ ތައްޔާރަށް. އަދި ކޯޗުގެ ނިންމުންތަކަށް އިހުތިރާމްވެސް ކުރާނަން،" ރޮނާލްޑޯ ބުންޏެވެ.