މައްކާ (ޖޫން 15) - އުމްރާ ނުވަތަ ހައްޖަށް ވަޑައިގަންނަވާ ދިވެހިންނަށް ވެސް އެ ބޭފުޅެއްގެ ގުރުއާން ކިޔެވުމުގެ އަޑު އިވުމާ އެކު އެއީ ފަރިތަ އަޑެއްކަން އެނގޭނެ އެވެ. ނުވަތަ ސައުދީ އަށް ވަޑައިނުގެންނެވި ނަމަވެސް ސައުދީ ގުރުއާން ޗެނަލް ބައްލަވާ ބޭފުޅުންނަށް އެއީ އާ އަޑަކަށް ނުވާނެ އެވެ. އެއީ މި އަހަރުގެ މާތްވެގެންވާ ހައްޖު ދުވަހު އަރަފާތު ބިމުގެ ނަމިރާ މިސްކިތުގައި ހައްޖު ޚުތުބާ މިއަދު ދެއްވާ ސައުދީގެ މަޝްހޫރު ގާރީ އަދި މައްކާގެ ހަރަމްފުޅުގެ އިމާމް މާހިރު އަލް މުއީގްލީ އެވެ.

މާހިރުގެ ގުރުއާން ކިޔަވާ ވިދާޅުވާ ހިތްގައިމު އަޑު އިވުމާ އެކު އެތައް ބަޔަކަށް ހިތްހަމަޖެހުން ގެނުވަ އެވެ.

ޝެއިޚް ޑރ. މާހިރު ބިން ހަމަދު އަލް މުއީގްލީ އުފަންވެވަޑައިގަތީ މަދީނާގައި 1969 ވަނަ އަހަރު އެވެ. އެމަނިކުފާން ނިސްބަތްވަނީ މުއީގްލީ ވަންހަ އަށެވެ. ވަރަށް ކުޑައިރުއްސުރެ ހިސާބު އިލްމަށް ޝައުގުވެރިކަން އުފެދުނެވެ. ހަޔާ އެޑިއުކޭޝަނަށް ފަހު އެންމެ ފުރަތަމަ އިޚްތިޔާރު ކުރެއްވީ ހިސާބު އިލްމުން ކުރިއަށް ވަޑައިގަތުމަށެވެ. ފުރަތަމަ ގުރެޖުއޭޓް ވެވަޑައިގެންނެވީ ހިސާބު ޓީޗަރެއްގެ ގޮތުގަ އެވެ. އެ ދުވަސްވަރު ގުއާން ހިތުދަސްކުރައްވައި މަދީނާގެ ބައެެއް މިސްކިތްތަކުގައި އިމާމުވެ ނަމާދު ކުރެއްވި އެވެ.

ޝެއިޚް މާހިރު ޚުތުބާ ދެއްވަނީ.

އޭގެ ފަހުން ދީނީ ތައުލީމް އުނގެނިވަޑައިގަތުމަށް މައްކާ އަށް ބަދަލުވެވަޑައިގެން އުއްމުލް ގުރާ ޔުނިވާސިޓީން ފިގްހު އިލްމުން މާސްޓާސް ޑިގްރީ ނެންގެވި އެވެ. އަދި ހަމަ އެ ޔުނިވާސިޓީން 2012 ވަނަ އަހަރު ޕީއެޗްޑީ ނެންގެވި އެވެ. އެންމެ ފުރަތަމަ ޕީއެޗްޑީ ހެއްދެވީ ގުރުއާން ތަފްސީރުންނެވެ. އޭގެ ފަހުން ހަމަ އެ ޔުނިވާސިޓީން ފިގްހު އިލްމުން 2014 ވަނަ އަހަރު ވަނީ ޑިސްޓިންކްޝަން ދަރަޖައިގައި ދެވަނަ ޕީއެޗްޑީއެއް ނަންގަވައިފަ އެވެ. އޭގެ ފަހުން އުއްމުލް ގުރާ ޔުނިވާސިޓީގައި ވަނީ އެސޯސިއޭޓް ޕްރޮފެސަރެއްގެ ގޮތުގައި ޝެއިޚް މާހިރު މަސައްކަތް ކުރައްވައިފަ އެވެ.

މިއަހަރުގެ ހައްޖު ޚުތުބާ ދެއްވާ މައްކާގެ ހަރަމްފުޅުގެ އިމާމް މާހިރު އަލް މުއީގްލީ އަރަފާތު ބިމަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ. ފޮޓޯ: ސައުދީ މިނިސްޓްރީ އޮފް ހައްޖު

އެ ދުވަސްވަރު މައްކާގެ ވެސް ބައެއް މިސްކިތްތަކުގައި އިމާމުވެ ނަމާދު ކުރައްވަން ފެއްޓެވި އެވެ. ޚާއްސަކޮށް ރޯދަ މަހު ޝެއިޚް މާހިރު ތަރާވީހު ނަމާދު ކުރައްވާ މިސްކިތްތައް ފުރި ބާރުވެ އެވެ. މާގިނަ ދުވަހެއް ނުވެ ޝެއިޚް މާހިރުގެ މަގްބޫލްކަން ވަރަށް ބޮޑުވެއްޖެ އެވެ. އަދި ޝާހީ އާއިލާގެ ބޭފުޅުން ވެސް ގަޔާވާ ބޭފުޅަކަށް ޝެއިޚް މާހިރު ވެއްޖެ އެވެ. އޭގެ ފަހުން މައްކާގައި ޕްރިންސް އަބްދުލް މާޖިދުގެ އެޑްވައިޒަކަށް ޝެއިޚް މާހިރު ހަމަޖެއްސެވި އެވެ.

އެޑްވައިޒަރުގެ މަގާމުން ވަކިވެވަޑައިގެން ޝެއިޚް މާހިރު ވަނީ މައްކާގެ ކިންގް އަބްދުﷲ ސައުދު ޔުނިވާސިޓީގައި ކިޔަވައިދެއްވަން ފައްޓަވައިފަ އެވެ.

ޝެއިޚް މާހިރު އިމާމުވެ ނަމާދު ކުރައްވަނީ.

މަދީނާގެ މަސްޖިދުއްނަބަވީގައި އިމާމުވެ ތަރާވީހު ނަމާދު ކުރައްވާ ބޭފުޅެއްގެ ގޮތުގައި ޝެއިޚް މާހިރު ހަމަޖެއްސެވީ 2005 ވަނަ އަހަރު އެވެ. ދެ އަހަރު ނަބަވީގައި ހޭދަކުރެއްވުމަށް ފަހު މަސްޖިދުލް ހަރާމްގައި އިމާމުވެ ތަރާވީހު ނަމާދު ކުރައްވާ ބޭފުޅެއްގެ ގޮތުގައި ޝެއިޚް މާހިރު ހަމަޖެއްސެވީ 2007 ވަނަ އަހަރު އެވެ. މަސްޖިދުލް ހަރާމްގެ ޚަތީބެއްގެ ގޮތުގައި ޝެއިޚް މާހިރު ހަމަޖެއްސެވީ 2016 ވަނަ އަހަރު އެވެ. ހަރަމްފުޅުގައި ޝެއިޚް މާހިރު އެންމެ ފުރަތަމަ ޚުތުބާ ދެއްވީ 15 ޖުލައި 2016 ގަ އެވެ. މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ނަމިރާ މިސްކިތުގެ ޑެޕިއުޓީ ޚަތީބެއްގެ ގޮތުގައި ވެސް ހުންނެވީ ޝެއިޚް މާހިރެވެ.

ޝެއިޚް މާހިރަކީ ދުނިޔޭގައި މި ވަގުތު ތިއްބެވި އެންމެ ރީތިކޮށް ގުރުއާން ކިޔަވާ ވިދާޅުވާ ގާރީންގެ ތެރޭން އެއްބޭފުޅާ އެވެ. އެމަނިކުފާނުގެ އަޑުފުޅުން ދާދި ފަހުން ވަނީ ގުރުއާން އެކުގައި ރެކޯޑްކޮށްފަ އެވެ.

https://www.youtube.com/watch?v=NKtAFqdYt2g