ރާއްޖޭގެ ތިންބާރުން ކުރެ އެއްބާރުގެ ވެރިއަކަށް ލ. އަތޮޅުގެ އާދައިގެ އާއިލާއަކުން ވަޑައިގެންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ފަދަ ބޭފުޅަކު ވެދާނެ ކަމަށް މީގެ އަހަރުތަކެއް ކުރިން ގަބޫލްކުރާނެ މީހުން މަދުވާނެ އެވެ. އެކަމަކު ރާއްޖެ އަށް ޑިމޮކްރެސީ ތައާރަފްވެގެން އައި ދުވަސްވަރުން ފެށިގެން ރައީސް ޔާމީން އަބްދުއްގައްޔޫމުގެ އަރިހުގައި ސާބިތުކަމާ އެކު ހުންނެވި އަދުރޭ އަކީ ގިނަ ބަޔަކު ގަބޫލްކުރާ ގޮތުގައި ރާއްޖޭގެ ސިޔާސީ ވެށި އެންމެ ރަނގަޅަށް ދަންނާނެ އެއްބޭފުޅާ އެވެ. ރާއްޖޭގެ އެއްވެސް ރަށެއްގައި ސިޔާސީ ގޮތުން ހަރަކާތްތެރި ބޭފުޅެއް ނަމަ އެބޭފުޅެއް އަދުރޭ އަށް ނިކަން ރަނގަޅަށް އެނގޭނެ އެވެ.
ރައީސް ޔާމީން ޖަލުގައި ހުންނެވި ދުވަސްވަރު ޕީޕީއެމް/ޕީއެންސީ ހިންގަވައި ޕާޓީ އެކަތި ގަނޑަކަށް ހެއްދެވުމުގެ އިސް މޭސްތިރިޔަކީ އަދުރޭ އެވެ. ހަގީގަތް ގަބޫލްކުރާ ބަޔަކު ނަމަ ގަބޫލްކުރާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމަށް ވަޑައިގަތުމަށް އެންމެ ބޮޑަށް މަގު ކޮށްޓަވައިދެއްވި ބޭފުޅަކީ ވެސް އަދުރޭ ކަމަށެވެ. އެހެންވެ އެއްބަޔަކު ބުނާ ގޮތުން ނަމަ ރާއްޖޭގެ ބަރުލަމާނީގެ ވެރިއަކަށް އަދުރޭ މިއަދު އެ ހުންނެވީ ރައީސް މުއިއްޒު ދެއްވި "ހަދިޔާ"އެއްގެ ގޮތުގަ އެވެ. ނަމަވެސް އަދުރޭ ވިދާޅުވާ ގޮތުގައި އެއީ މުޅިން ތެދު ވާހަކައެއް ނޫނެވެ.
އަދުރޭ ގަބޫލް ކުރައްވާ ގޮތުގައި ކާމިޔާބީއާ ހަމައަށް ދެވޭނީ ކެތްތެރިކަމާ އެކު ބުރަ މަސައްކަތް ކޮށްގެންނެވެ. އޭނާ އަށް މި ފިލާވަޅު ލިބުނީ އެސްޓީއޯގައި މަސައްކަތް ކުރެއްވި ދުވަސްވަރު ދިމާވި ކަމެއްގައި ޖަލަށްލައި ގޭބަންދުކޮށް އަދި އަރުވާލުމުގެ ސަބަބުންނެވެ. އެއީ އަދުރޭގެ ހަޔާތުގައި ވަރަށް މުހިންމު ދުވަސްވަރެއް ވެސް މެ އެވެ. އެ ހާލަތަށް ކެތްތެރިވެވަޑައިގެން ކުރިއަށް ފިޔަވަޅު އެޅުމަކީ މިއަދު މި ހާސިލްކުރެވުނު ކާމިޔާބީއާ ހަމައަށް ވަޑައިގަތުމުގެ ސިއްރު ކަމަށް އަދުރޭ ވިދާޅުވި އެވެ.
"އަޅުގަނޑަށް ގަބޫލްކުރެވޭ ގޮތުގައި އަޅުގަނޑުގެ ކާމިޔާބުގެ ވަރަށް ބޮޑު ހިއްސާއެއް އަދާކުރި ކަމެއް މި އަރުވާލުމަކީ. ކެތްތެރިކަން މީގެ އެންމެ ބޮޑު ކަމަކީ. އަޅުގަނޑު ޖަލަށްލީ އަޅުގަނޑު އަލަށް މީހަކާ އިނދެގެން ތިން މަހެއްހާ ދުވަސްވީ ތަނާ. އޭރު އަޅުގަނޑުގެ ފުރަތަމަ ދަރިފުޅަށް އަންހެނުން ބަލިވެ އިނދެ ބަނޑަށް އެއް މަސް. އަޅުގަނޑަށް ހީވަނީ އިންސާނެއްގެ ހަޔާތުގައި އެންމެ ހިތްދަތިވާނެ އެއް ހާލަތުހެން މިއީ. އަޅުގަނޑު ކައިވެނި ކުރި އިރި އަޅުގަނޑު އުމުރުން 18 އަހަރު. އަޅުގަނޑުގެ އަންހެނުންގެ އުމުރުން 16 އަހަރު. އޭރު އޮންނަނީ 15 އަހަރުގައި ކައިވެނި ކުރެވޭ ގޮތަށް. އަޅުގަނޑުމެން ދެ މީހުން ކައިވެނި ކުރީ 16 އަހަރާއި 18 އަހަރުގައި،" ހަޔާތުގައި ކުރައްވަން ޖެހުނު އެންމެ ހިތްދަތި އެއް ހާލަތު މިދިޔަ ހަފުތާގެ ޓީވީއެމްގެ ހޭޔަންބޯ ޕްރޮގްރާމަށް ހިއްސާ ކުރައްވަމުން އަދުރޭ ވިދާޅުވި އެވެ. "ޖަލުގައި ތިން މަހާއި 18 ދުވަސް ހޭދަކުރިން. އޭގެ ކުރިން އަޅުގަނޑު ދުވަހަކު ވެސް ޖަލަކަށް ނުގެންދޭ. އެހެންވީމާ ޖަލަށް ގެންދިޔައީމާ ދަސްވި ވަރަށް ގިނަ ކަންތައް."
އަދުރޭ ބަންދުކުރީ ގާމާދޫ ޖަލުގަ އެވެ. ގޮޅިއެއްގައި 18 މީހުން ތިބެ އެވެ. ފެންވަރަށް ބޭރަށް ނެރެނީ ދެދުވަހުން އެއް ދުވަހު އެވެ. އެ 18 މީހުން ފެންވަރަށް ލިބެނީ 15 މިނިޓެވެ.
"ބޮޑު ވަޅަކުން ހަތަރު ދާނިން ފެންވަރާނީ. ފަނަރަ މިނިޓް ތެރޭ ފެންވަރާ ނުނިމެއްޖިއްޔާ ގަދަކަމުން ވެސް ގޮޅިއަށް ވައްދާނެ. ފުރަތަމަ ކޮޅު ވަރަށް އުނދަގޫވި. އެތާނގައި އެ ހުންނަ ކެއުމާއި ހުރިހާ ކަމަކަށް ވެސް. އެކަމަކު ދުވަސްކޮޅަކުން ހޭނިއްޖެ އެހާބޮޑުކަމަށް ނުވި ދެން. ކެއުން ވެސް ވަރަށް ފައްކާއެއްޗަަކަށްވީ ފަހުން. ޚާއްސަކޮށް މިހާރު ވެސް އަޅުގަނޑަށް ވަރަށް މީރުވާނެ މުގު ރިހަ. ވީ ގޮތަކީ ތިންހާއި 18 ދުވަސްވީއިރު ކޮންމެ ދުވަހަކު ވެސް ހެނދު ކާން ލިބޭއެއްޗެއް މުގު ރިހައަކީ. އެހެންވީމާ މުގު ރިހައަކީ ރިހައިގެ ތެރޭން އަޅުގަނޑަށް މިހާރު އެންމެ މީރު ރިހަ. އެވެސް ވަރަށް ބޮޑު ތަޖުރިބާއެއް،" ޖަލުގެ ތަޖުރިބާތައް އަދުރޭ ހިއްސާ ކުރެއްވި އެވެ.
ޖަލުން ނެރެގެން ދެން ގެންދިޔައީ ގޭބަންދަށެވެ. ގޭބަންދުގައި ވެސް އެއް އަހަރާއި ދެ މަސް ހުންނަވަން ޖެހުނެވެ. އަދުރޭ ވިދާޅުވަނީ އޭރުގެ ގޭބަންދެން ނަމަ ހުންނަން ޖެހޭނީ ގޭގައި ކަމަށެވެ. މަގު މައްޗަށް ވެސް ނުނިކުމެވޭނެ ކަމަށެވެ.
"އަޅުގަނޑުގެ ފުރަތަމަ ދަރިފުޅު ލިބުނުކަން ވެސް އަޅުގަނޑަކަށް ނޭނގޭ. ދަރިފުޅު ވިހެއީތާ އެތައް ދުވަހެއް ފަހުން ލިބުނު ސިޓީއަކުން އެނގުނީ ދަރިފުޅު ލިބުނުކަން ވެސް. އެހެންވީމާ މިއީ އިންސާނެއްގެ ހަޔާތުގައި އަންނާނެ ވަރަށް ހިތްދަތި ހާލަތެއް. މިކަން ކަމާ ކުރިމަތިލާފައި އަނެއްކާ ދެން އަރުވާލީ،" ދޮށީ ފިރިހެން ދަރިކަލުން އިބްރާހިމް ފައިސަލް ލިބިވަޑައިގެންނެވި އިރު ހުންނެވި ހާލަތު ވިދާޅުވި އެވެ.
ފައިސަލް އަކީ މިހާރު ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރެވެ.
އަދުރޭ އަރުވާލީ ބ. އަތޮޅު މާޅޮހަށެވެ. އަދުރޭ ވިދާޅުވީ އަރުވާލުމަކީ އެ ޒަމާނަށް ބަލައިފި ނަމަ ވަރަށް ނިކަމެތި ކަމެއް ކަމަށެވެ. އަރުވާލާ މީހުންނަށް ކިޔާނެ ނަމެއް ވެސް ނޯންނަ ކަމަށް ވިދާޅުވި އެވެ. ގިނަ ފަހަރަށް ގިނަ ރަށްރަށުގައި އެ ރަށު މީހުން ކުރާ އެއްވެސް ކަމެއްގައި ބައިވެރިއެއް ވެސް ނުވެވޭ ކަމަށް ވިދާޅުވި އެވެ.
"ޒުވާން އުމުރު އެއީ. އަނެއްކާ އެހާ ވަރަށް ކުޅިވަރު ކުޅެން. އެކަމަކު ފުރަތަމަ ކޮޅު ކުޅިވަރެއްގައި ވެސް ބައިވެރި ނުވެވޭ. އޭރު އަރުވާލާ މީހަކަށް ސަރުކާރު ދޭނެ ހަތް ނާޅި ބައި ހަނޑޫ. އެއީ ހަތް ކިލޯ ހަނޑޫ. އެ ހުންނަ ގެއަކަށް އެ ގެންދާނީ. އިތުރު އެއްޗެއް ނުދޭނެ. އެހެންވީމާ އާމްދަނީ ހޯދަން މަސައްކަތް ކުރަން ޖެހޭ،" މާޅޮހުގެ ދިރިއުޅުން އަދުރޭ ވިދާޅުވެ ދެއްވި އެވެ.
އަރުވާލާފައި ހުންނެވި ނަމަވެސް ދިރިއުޅުމަށް މާޅޮހުގައި ވެސް އަދުރޭ ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި އެވެ.
"އަޅުގަނޑާ ދޭތެރޭ އެ ބޭފުޅުން ވަރަށް ރަނގަޅަށް ކަންތައް ކުރީ. މަހަށް ދިއުން އެއީ އެއްކަމެއް އަޅުގަނޑު ކުރި. އިހި ނަގަން ފީނިން. ސޫފި ލަނޑާ ނަގަން އަޅުގަނޑު ފީނިން. ލޭނު އަޅަން ދިޔައިން. ރާނާ ސިމެންތި ޖަހަން އުޅުނިން. މިއީ އެ ރަށުގައި ކުރި މަސައްކަތް. ގާތްގަނޑަކަށް ދެ އަހަރާއި ބައި، ތިން އަހަރެއްހާ ދުވަހު މިކަންތައްތަކުގެ ތެރޭގައި އުޅުނީމާ އަޅުގަނޑަށް ދަސްވި ދިރިއުޅުމަކީ ކޮބައިކަން. ދިމާވާ ކޮންމެ ހާލަތަކަށް ކެތްކޮށް އެއަށް ކުރިމަތިލާން ދަސްވި. އެހެންވީމާ އަޅުގަނޑު ދަންނަވާނީ މި ކާމިޔާބީގައި ވަރަށް ބޮޑު ބައެއް އަދާކުރިއޭ، ނަސީބެކޭ އެކަން (ޖަލަށްލައި އަރުވާލުން) ދިމާވިކަން ވެސް އެއީ. އެހެން ނޫންނަމަ މެނޭޖަރުގެ މަގާމުގައި (އެސްޓީއޯގައި) އަޅުގަނޑު ހުރެގެން އެއްވެސް ކަމެއް ދިމާނުވެ ދިޔަ ނަމަ އަޅުގަނޑަކަށް އިހުސާސެއް ނުކުރެވޭނެ މީހުން އަރުވާލީމާ އުޅޭ ގޮތެއް. ހިތްދަތިވީމާ ދެން ކުރެވޭނެ ކަމެއް. އެ ދަތުރު ނިމުނު އިރު އަޅުގަނޑަކަށް އުނދަގޫ ކަންތައްތަކެއް ނުހުރޭ. ކޮންމެ ކަމެއް ވެސް ކުރިމަތިވެދާނެ ކަމަށް އަޅުގަނޑު ވިސްނައިގެން ހުންނަނީ. އެކަމަކަށް ތައްޔާރުވެގެން ހުންނަނީ. އެއީ މި ކާމިޔާބީގެ އެންމެ ބޮޑު ސަބަބަކީ،" ކާމިޔާބީއާ ހަމައަށް ވާސުލްވުމުގައި ދިރިއުޅުމުގައި ދިމާވި ހާދިސާއިން ހޯދި އިބްރަތް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލް ކުރާ ގޮތުގައި ކާމިޔާބީއާ ހަމައަށް މި ދެވެނީ ވަރަށް މަސައްކަތް ކޮށްގެން. އޭގެ އިތުރުން އަޅުގަނޑު ގަބޫލް ކުރަނީ ވަރަށް މަސައްކަތުން ކާމިޔާބު ލިބުނީމައޭ އޭގެ ހިތްހަމަޖެހުން ލިބޭނީ. އަޅުގަނޑު ގަބޫލް ކުރަނީ އަޅުގަނޑުގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ ދިމާވާ ކޮންމެ ކަމަކާ ކެރިގެން ކުރިމަތިލުން. އަޅުގަނޑަށް ވަރަށް ގިނަ ގޮންޖެހުންތަކާ ދިމާވި. އަޅުގަނޑުގެ ބައްޕަ ނިޔާވީ އުމުރުން 10 އަހަރުގައި. އެ ޒަމާނުގައި ބައްޕައެއްގެ އެހީ ނެތި އުޅުމަކީ ވަރަށް އުނދަގޫ ކަމެއެ. އެހެން ނަމަވެސް އަޅުގަނޑުގެ ތިބޭ އެއްބަނޑު އެއްބަފައި ހަތް ކުދިން. އަޅުގަނޑުމެން ހަތް ކުދިން ވެސް އުޅުނީ ވަރަށް ގުޅިގެން. އަޅުގަނޑުގެ ދޮށީ އެންމެންގެ އެހީތެރިކަން ލިބުނު."
މާޅޮހަށް އަރުވާލުމަށް ފަހު އަދުރޭ މިނިވަންވީ 1988 ވަނަ އަހަރު އެވެ. މިނިވަން ވުމަށް ފަހު ސަރުކާރަށް ދެން އިތުރަށް ޚިދުމަތް ކުރުމުގެ ޝައުގެއް އަދުރޭ އެދުވަސްވަރު ނެތެވެ. އެހެންވެ ދެން ވަޑައިގެންނެވީ އުފަން ރަށް ލ. ފޮނަދު އަށެވެ. ރަށުގައި މަހަށް ދިއުމާއި މާލެ ދަތުރު ކުރުމާއި އިމާރާތް ކުރުމުގެ މަސައްކަތުގައި އުޅުއްވި އެވެ.
ސިޔާސީ ދާއިރާ އަށް ވަދެވަޑައިގެން އަދުރޭ ވަނީ 17 ވަނަ އަދި 18 ވަނަ މަޖިލީހުގައި ލ. ފޮނަދޫގެ މެންބަރުކަން ކުރައްވައިފަ އެވެ. ނަވާރަ މަޖިލީހަށް ކުރިމަތިލެއްވި ނަމަވެސް އެ ފަހަރު ހޮވިވަޑައެއް ނުގެންނެވި އެވެ. އޭގެ ފަހުން 20 ވަނަ މަޖިލީހަށް ކުރިމަތިލެއްވީ ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއްބޭފުޅާގެ ގޮތުގައި ހުންނަވައިގެންނެވެ.
މަޖިލިސް އިންތިޚާބުގެ ކުރިން މިފަހަރު އަދުރޭ ޖެއްސި ހިސާބު ދިމާވުމަކީ ސިޔާސީ ގޮތުން އޭނާގެ ތަޖްރިބާ ބޮޑުވުމެވެ. އާ ސަރުކާރަށް އެހާ ބޮޑު އަޣުލަބިއްޔަތެއް ލިބުމަކީ މަޖިލީހުގެ ރައީސްގެ މަގާމަށް އަދުރޭ ވެސް ކުރެއްވޭނެ އުއްމީދެކެވެ. އެހެން ނަމަވެސް އެކަން ޔަގީންވީ ރައީސް މުއިއްޒު އަދުރޭގެ ނަން އެންޑޯޒް ކުރެއްވުމުންނެވެ.
ދިރިއުޅުމުގައި ދިމާވި ހިތްދަތި ހާދިސާތަކުން ކެތްތެރިކަމާ އެކު މަސައްކަތް ކުރައްވައި، ކާމިޔާބު ހޯއްދަވައިގެން އަދުރޭ މިއަދު އެ އިންނެވީ ރާއްޖޭގެ ވެރިކަމުގެ ތިން ބާރުގެ ތެރޭން އެއްބާރު ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ އެންމެ ޝަރަފުވެރި ގޮނޑީގަ އެވެ.
ރާއްޖޭގެ ސިޔާސީ ދާއިރާގަ މިއުޅެނީ ހުސް ކުށްވެރިން ޖަލަށްލާފަ ނޫނީ އަރުވާލާފަ ތިބޭ މީހުން، ދެން އުޅެނީ ޑްރަގްލޯޑުން