ދަރިން ބޮޑުވަނީ މައިންބަފައިންގެ ފުރިހަމަ ރައްކާތެރިކަމާއި ލޯތްބާ އެކު އެވެ. ރަނގަޅަށް ދަރިފުޅު ބަލަހައްޓައި ތަރުބިއްޔަތު ކުރުމަށްޓަކައި ދެމަފިރިން އެއްބަސްވެގެން ވަޒީފާ ގުރުބާންކުރާ މައިން ވެސް މަދެއް ނޫނެވެ. ހަމަ އެފަދައިން މަންމައާއި ބައްފަ ދެކެ އެކުދިން ވެސް އިންތިހާއަށް ލޯބިވެ އެވެ. އަދި ހުރިހާ ކަމެއް ވެސް ކުރަނީ މަންމައާއެކު އެވެ. ނުވަތަ ބައްޕައާއެކު އެވެ. އެއީ އެކުދިންނަށް އަމިއްލައަށް ކަންކަން ކުރުމުގެ ކުޅަދާނަކަމާ އިޚްތިޔާރު ނެތީމަ އެވެ.

ނަމަވެސް އިރެއްގައި މައުސޫމުކަމުން ފުރިގެންވީ ދަރިފުޅު ބޮޑުވަމުން އަންނަ ވަރަކަށް އޭނާގެ ކިބައިން ހަރުދަނާ ގޮތްތަކެއް ފެންނަން ފަށަ އެވެ. އުމުރުން 12 އަހަރަށް އަޅާއިރު ކުއްޖާގެ މިޒާޖަށް ބަދަލުތަކެއް އަންނަކަން ފާހަގަކުރެވެ އެވެ. ކުރިން ދިޔަގޮތަށް، އެކުގައި ތަންތަނަށް ދާން އިންކާރު ކުރަން ފަށަ އެވެ. ގަނެދޭ އަންނައުނަށް ފާޑު ކިޔަން ފަށަ އެވެ. ބޮލުގައި ފުނާ އަޅާ ގޮތް ކަމުނުދާން ފަށަ އެވެ. ސްކޫލުން އައުމަށްފަހު ކިޔައިދޭ ވާހަކަތައް މަދުވާން ފަށަ އެވެ.

މިވަނީ ކީއްހެއްޔެވެ؟

ދަރިން ތަރުބިއްޔަތު ކުރުމާބެހޭ އިލްމުގެ މާހިރެއް ކަމަށްވާ ޑރ. ޖަސްޓިން ކޯލްސަން ބުނާގޮތުގައި ކުދިން ބޮޑު ވާވަރަކަށް އަމިއްލަ މީހާ ދެނެގަންނަން ފަށަ އެވެ. މިނިވަންކަމަށް ލޯބިކުރެ އެވެ. އަދި މައިންބަފައިންނާ ދުރުވެ އެވެ. މިކަމުގެ ހައްލެއް ކަމުގައި ޑރ. ޖަސްޓިން ވިދާޅުވަނީ ކުއްޖާ ކުރާ ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި، ކުއްޖާއާ އޮންނަ ގުޅުން ރަނގަޅު ކުރަން މަސައްކަތް ކުރުމަށެވެ. ކުރިން އުޅުނު ގޮތަށް އުޅެން ބާރުއަޅާނަމަ ކަންކަން ގޯސްވާނެ ކަމަށެވެ. އެއީ ބޮޑަށް ބާރު އަޅާވަރަކަށް އެކުދިންނަށް ބާރެއް ލިބިގެންވާކަން އެކުދިންނަށް އިހްސާސް ވާނެތީ އެވެ.

ޑރ. ޖަސްޓިން ވިދާޅުވާ ގޮތުގައި އެންމެ ގާތް ބެސްޓް ފްރެންޑަށް ވުމަށް މަސައްކަތް ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. ބޮޑުވަމުން އަންނަ ދުވަސްވަރަކީ އާ ކަންކަން ދަސްކުރާ ދުވަސްވަރަކަށް ވާތީ އެކަންކަން އަމިއްލަޔަށް ދަސްކުރަން ދޫކޮށްލުން ރަނގަޅު ކަމަށް ވެސް އޭނާ ލަފާ ދެއްވަ އެވެ. އަދި ކަންކަން ދަސްކުރާއިރު އެންމެ ރަނގަޅާށް އެކަމެއް ނުކުރެވޭނެކަން ވެސް މައިންބަފައިން ދެނެގަތުމަށް އޭނާ ބުނެ އެވެ.

ގުޅުން ރަނގަޅުކުރުމަށް ކުރާނީ ކޮންކަމެއް؟

ކުއްޖާ ތަނެއްގައި ބައިންދައިގެން އެއްފަހާ ހުރިހާވާހކަތަކެއް ދެއްކުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

މިސާލަކަށް ސްކޫލާ ބެހޭގޮތުން ކުރިން ސުވާލު ކުރި ގަޑިތަކާ މިހާރު ސުވާލު ކުރާ ގަޑިތަކާ ތަފާތު ވާން ޖެހޭނެ އެވެ.

ޑރ. ޖަސްޓިން ލަފާދެއްވަނީ ކުދިންނާ ރަނގަޅަށް ވާހަކަ ދައްކާލުމަށް އެކުދިން އެންމެ ހިތްހަމަޖެހޭ ތަނެއްގައި އެކަން ކުރުމަށެވެ. ކާ ތަންތަނުގައި މީހުންގެ ތެރޭގައި އެކުދިން ގިނައިން ވާހަކަ ދައްކާ ހިތްވާނެ އެވެ.

އެ ކުދިން ކުރާހިތްވާ ކަންތައްތަކުގައި ބައިވެރިވެ އުޅުމަކި ވެސް އެކުދިންނާ އޮންނަ ގުޅުން ރަނގަޅު ވާނެ ކަމެކެވެ. ގިނައިން އެފަދަ ކަންކަމުގައި ބައިވެރިވެ އުޅޭނަމަ، ގިނަ ވާހަކަތައް އެކުދިން ހިއްސާ ކުރާނެ އެވެ. އެންމެ މުހިންމު ކަމަކީ އެކުދިންނާއެކީ އެއްތަނެއްގައި ވުމެވެ.

ބޭކާރު ވާހަކަ ވެސް ދެއްކުމަކީ ޑރ. ޖަސްޓިން ލަފާދެއްވާ ގޮތުގައި، މުހިންމު ވާހަކަތަކަށް ހުޅުވޭ ދޮރެކެވެ.

ޑރ. ޖަސްޓިން އިތުރަށް ވިދާޅުވާ ގޮތުގައި، ފުރާވަރަށް އަޅާ އުމުރު ފުރަގައި ކުދިން ދުރުހެލިކޮށް އުޅުނު ނަމަވެސް ފަހުން އަނެއްކާ ވެސް އުމުރުގެ ވަކި ހިސާބަކުން ގާތް ވާން ބޭނުންވާނެ އެވެ. އެކަން ހަނދާނުގައި ބަހައްޓައި، މައިންބަފައިންނާއި ދަރިންގެ ދެމެދުގައިވާ ގުޅުން ރަނގަޅަށް އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ.