މަޝްހޫރު ގޮލްފް ކުޅުންތެރިޔާ ޓައިގާ ވުޑްސް ދުއްވަމުންދިޔަ ކާރު ފުރޮޅާލައި، އެކްސިޑެންޓްވެ ވަރަށް ބޮޑަށް އަނިޔާ ވެއްޖެ އެވެ.

ލޮސްއެންޖަލިސް ކައުންޓީ ޝެރިފް ޑިޕާޓްމަންޓުން ބުނީ ވުޑްސް ދުއްވަމުން ދިޔަ ކާރު ފުރޮޅާލާފައިވަނީ ބާރު ސްޕީޑްގައި ދުއްވުމުން ކޮންޓްރޯލް ނުވެގެން ގޮސްކަމަށް ބެލެވޭ ކަމަށެވެ. އޭނާ ދުއްވި ކާރު ވަނީ ކޮންޓްރޯލް ނުވެ، ފުރޮޅާލައި 100 އެއްހާ ފޫޓް ދުރަށް ކަހާލައިގެން ގޮސްފަ އެވެ. މި އެކްސިޑެންޓްގައި ކާރު ކުރީ ކޮޅު އެއްކޮށްހެން ވަނީ ހަލާކުވެފަ އެވެ.

ޝެރިފް ޑިޕާޓްމަންޓުން ބުނިގޮތުގައި އެ އެކްސިޑެންޓްގައި ޓައިގާ ވުޑްސް ދެ ފަޔަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް ބެލެވެ އެވެ. ކާރުގެ ދޮރު ހަލާކުވެފައި ހުރުމުގެ ސަބަބުން ވުޑްސް ކާރު ތެރެއިން ނެރެން ޖެހުނީ ފަޔާ ފައިޓަރުންގެ އެހީތެރިކަމާއެކު އެވެ.

ޓައިގާ ވުޑްސްގެ މެނޭޖަރު ވެސް ވަނީ ވުޑްސް ގެ ދެ ފަޔަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށާއި އަދި އެކަމުގެ ސަބަބުން އޮޕަރޭޝަން ކުރަމުންދާ ކަމަށް ބުނެފަ އެވެ. އަދި ވުޑްސް ގެ ހާލު ރަނގަޅު ކަމަށް ބުނެފައިވެ އެވެ.

ޓައިގާ ވުޑްސް ވަނީ ދުނިޔޭގެ ގޮލްފް ޗެމްޕިއަންކަން 15 ފަހަރު ހޯދާފައި

ވުޑްސް އަށް ވަނީ 2009 ވަނަ އަހަރު ވެސް ކާރު އެކްސިޑެންޓެއްގައި އަނިޔާ ވެފަ އެވެ. އަދި 2017 ވަނަ އަހަރު މަސްތުގެ ހާލަތުގައި ހުރެ ކާރު ދުއްވައިގެން ވުޑްސް ވަނީ ހައްޔަރުވެސް ކޮށްފަ އެވެ.

ވުޑްސް ވަނީ އެކަމަށް އެއްބަސްވެ މައާފަށް އެދިފަ އެވެ. ޓައިގާ ވުޑްސް ވަނީ ދުނިޔޭގެ ގޮލްފް ޗެމްޕިއަންކަން 15 ފަހަރު ހޯދާފަ އެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ވުޑްސް ވަނީ މާސްޓާސް ޓޯނަމެންޓް ކާމިޔާބު ކޮށްފަ އެވެ.

މިއަހަރު އެޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ މާސްޓާސް ޓޯނަމެންޓްގައި ބައިވެރިވުމަށް ވުޑްސް ދިޔައީ ތައްޔާރުވަމުންނެވެ.