ރާއްޖޭގެ އިގްތިސާދު ބިނާވެފައި ވަނީ ކޮންކަމެއްގެ މައްޗަށްތޯ ސުވާލުކޮށްފިނަމަ ޖަވާބު ދޭން ވަރަށް ފަސޭހަވާނެ އެވެ. އެއީ ޓޫރިޒަމާއި މަސްވެރިކަމޭ ބުނުމުން ނިމުނީ އެވެ. ހަގީގަތުގައި ވެސް ކަން އޮތީ އެހެންނެވެ. އިގްތިސާދުގައި ފައިސާއެއް ދައުރުވާނަމަ ދައުރު ވަނީ އެ ދެ ދާއިރާއިން ލިބޭ އެއްޗަކުންނެވެ.

އޭގެ ތެރެއިން ވެސް ޚާއްސަކޮށް ޓޫރިޒަމެވެ. ރާއްޖެއަށް ލިބޭ ބޭރު ފައިސާއެއްގެ ބޮޑު ބައި ލިބެނީ ޓޫރިޒަމުންނެވެ. ރާއްޖޭގެ އިގްތިސާދު ބަދަލުކޮށް، ތަފާތު ގިނަ ދާއިރާތަކަކުން އާމްދަނީ އިތުރު ކުރެވޭނެ މަގުފަހިކުރުމަކީ ފަހަކަށް އައިސް ވެރިކަމަށް އަންނަ ކޮންމެ ސަރުކާރެއްގެ ވެސް މެނިފެސްޓޯގެ އެންމެ މުހިންމު އެއްބަ އެވެ. ވެރިކަމަށް އައުމަށްޓަކައި މެނިފެސްޓޯ ލިޔެ، އެ މެނިފެސްޓޯ ވިއްކަން ފެށިފަހުން އަންނަ ކޮންމެ ސަރުކާރެއްގެ މެނިފެސްޓޯއެއްގައި އެ ވާހަކަ ލިޔެފައި އޮތް ކަމަށް ވިޔަސް އެއީ މިހާތަނަށް އެއްވެސް ސަރުކާރަށް ވެސް، ވެރިއަކަށް ވެސް ހާސިލުކުރެވުނު ލަނޑުދަނޑިއެއް ނޫނެވެ.

ރާއްޖޭގައި އިގްތިސާދީ ގޮތުން ހަރަކާތް ކުރާ ދެ އިންޑަސްޓްރީ، މަސްވެރިކަމާއި ޓޫރިޒަމްގެ ވެސް ބިންގާ އަޅުއްވައި ދެއްވީ ދެވަނަ ޖުމްހޫރިއްޔާގެ ބާނީ ސުމުއްވުލް އަމީރު އިބްރާހިމް ނާސިރެވެ.

ދުނިޔެއަށް އިންޑަސްޓްރިއަލް ރިވޮލިއުޝަނެއް އައިސް، މަސައްކަތްތެރިކަމަށް އިންގިލާބު އައުމުމުގެ ކުރިން ރާއްޖެއަކީ މި ސަރަހައްދުގެ ނިސްބަތުން ވެސް މުއްސަނދި ގައުމެކެވެ. ސަރަހައްދުގައި ފައިސާއެއްގެ ގޮތުގައި ގެންގުޅުނު ބޮއްޔަކީ ރާއްޖެއިން އެކްސްޕޯޓު ކުރާ އެއްޗެކެވެ. ރުކުގެ ތަފާތު އުފެއްދުންތަކާއި ރޯނާއި އެނޫން ވެސް ކިތަންމެ ބާވަތްތަކެއް ރާއްޖެއިން އެކްސްޕޯޓު ކުރި އެވެ. އޭރުގެ ހިސާބުތަކަށް ބަލާއިރު، އެކްސްޕޯޓުކުރާ މުދަލާ ގާތް ކުރާ މިންވަރަކަށް ވެސް ރާއްޖެއަށް މުދާ އިންޕޯޓެއް ނުކުރެ އެވެ. އެހެންކަމުން އެދުވަސްވަރު ރާއްޖޭގައި ބޭރު ފައިސާ ފުދޭވަރަކަށް ހުންނާނެ ކަމަށް ބެލެވެ އެވެ.

ނިސްބަތުން މުއްސަނދި ގައުމެއްގެ ގޮތުގައި ރާއްޖެ އޮތް އޮތުން ނިމުމަށް މެދުވެރިވީ މައިގަނޑު ދެ ސަބަބެކެވެ. އެއް ސަބަބަކީ ޔޫރަޕަށް އައި އިންޑަސްޓްރިއަލް ރިވޮލިއުޝަނެވެ. ދެވަނަ ސަބަބަކީ އެ ރިވޮލިއުޝަނާ ގުޅިގެން މެޝިނަރީތައް ތައާރަފުވެ، ދުނިޔޭގެ އުފެއްދުންތެރިކަމުގެ ވައްޓަފާޅިއަށް އައި ބަދަލަށް ދިވެހިންގެ ލޯ ނުހުޅުވުނު ކަމެވެ.

ބަލަބަލާ ތިއްބާ ދިވެހިންގެ އުފެއްދުންތެރިކަން ބޭކާރުވެ އެކްސްޕޯޓު ކުރާނެ އެއްޗެއް ނެތި އިމްޕޯޓު މައްޗަށް ދިޔައީ އެވެ. މިކަން މިގޮތަށް ދިމާވި ސަބަބެއް ކަމުގައި ތާރީޚީ އިލްމުވެރިން ވިދާޅުވަނީ އޭރު ރާއްޖޭގައި އޮތް ވެރިކަމުގެ ދޯހަޅިކަމެވެ. ތާރީޚީ ލިޔުންތެރިޔާ މަރުހޫމު އަބްދުލްހަކީމް ހުސެން މަނިކު ލިޔުއްވާފައިވާ ގޮތުންނަމަ އޭރު ރާއްޖޭގައި އޮތީ ހުރަވީ ދަރިކޮޅުގެ ދެ އާއިލާއެއްގެ ދެމެދުގައި ވެރިކަމާ ތޮޅުމެވެ. ދުނިޔޭގައި ކަން ހިނގާގޮތުގެ މައުލޫމާތު ރައްޔިތުންނަށް އެނގޭނެ ގޮތެއް ނެތެވެ. އެކަމަށް ވެރިން އޮތީ ހުރަސް އަޅާފަ އެވެ.

ރާއްޖޭގެ ވެރިކަމާ އިބްރާހިމް ނާސިރު ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިގުތިސާދުގައި ހަކަތައެއް ނެތެވެ. ދިވެހިން ބާނާ މަސްކޮޅު ވޯރާއިންނަށް ކިރައިގެން އެމީހުން ދޭ އެއްޗެއް ނޫނީ ލިބުމެއް ނެތެވެ. މުޅި އިގްތިސާދު ބިނާވެފައި އޮތީ އެ ވިޔަފާރިއަށެވެ.

ރާއްޖޭގައި މިނިވަން އިގްތިސާދީ ހަރަކާތްތަކެއް އުފެއްދެވުމަށްޓަކައި ރައީސް ނާސިރު ރާއްޖޭގައި ޓޫރިޒަމް ހިންގިދާނެތޯ ދިރާސާއެއް ކުރެއްވި އެވެ. ބައިނަލްއަގުވާމީ ތަޖުރިބާކާރުންގެ ޓީމަކުން ނިންމީ އެކަން ނުވާނެ ކަމަށެވެ. އެމީހުންގެ ރިކޮމެންޑޭޝަނަށް ބައްލަވައި އެކަމަށް މަގުފަހިކުރެއްވުމަށްޓަކައި ހުޅުލޭ އެއާޕޯޓް ގާއިމުކުރެއްވީ ބޭރުން ލޯ ލާރިއެއްގެ ދަރަނި ނުނަންގަވައި ދިވެހިންގެ އަމިއްލަ މަސައްކަތުންނެވެ. އެއަށްފަހު ފެއްޓެވި ޓޫރިޒަމްގެ މަސައްކަތަކީ މިއަދު ދިވެހިންގެ ރަން ބިސް އަޅާ ކުކުޅެވެ.

މަސްވެރިކަން އެދެވޭގޮތެއްގައި ކުރުމަށްޓަކައި ރާއްޖޭގެ ދޯނިފަހަރުގައި އިންޖީނު އަޅުއްވައި މަސްވެރިން ބާނާ މަސް ތާޒާކޮށް ކިރޭނެ ގޮތް ހަމަޖައްސަވައި ފެލިވަރުގައި ކޭނިން ފެކްޓްރީއެއް ގާއިމުކުރައްވައި، ނާސިރު ފެއްޓެވި މަސްވެރިކަމުގެ އިންޑަސްޓްރީއަކީ މިއަދު ރާއްޖޭގައި އޮތް ދެވަނަ އިގްތިސާދީ ހަރަކާތެވެ. މަސްވެރިކަމާއި ޓޫރިޒަމްގެ އިތުރުން އެމްއެސްއެލްގެ ނަމުގައި ޝިޕިން ލައިނެއް ފައްޓަވައި ސަތޭކައާ ކާއިރިކުރާ ވަރަށް ބޯޓު، އެކުންފުނީގައި ގެންގުޅުއްވި އެވެ.

ރައީސް ނާސިރު ވެރިކަން ދޫކުރައްވާފައި ވަޑައިގެންނެވި ފަހުން އެތައް ބޭފުޅުންނެއް ގައުމުގެ އެންމެ އިސް ގޮނޑި ފަޅުފިލުއްވައިފި އެވެ. ކޮންމެ ވެރިކަމެއްގައި ވެސް ކުރާކަމަކީ ރައީސް ނާސިރު ފައްޓަވައި ދެއްވި މަސައްކަތުން ލިބެން އޮތް ނަފައެއް ހޯދައިގެން އަމިއްލަ ބާރާއި ނުފޫޒު ގަދަކުރުވުމެވެ. އިތުރު ކަމެއް ތައާރަފެއް ނުކުރެވުނެވެ.

މިއަދުގެ ހާލަތަށް ބަލާއިރު ޓޫރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކުން ވަނީ އެމީހުންގެ މަސައްކަތް ކުރިއަށް ޖައްސައިފަ އެވެ. ރެގިއުލޭޓްކުރުމާއި ފެސިލިޓޭޓް ކުރުމުގައި ސަރުކާރަށް އެކަށީގެންވާ ރޯލެއް ނުކުޅެވުމުން އެ ދާއިރާ ދަނީ ދުވަހެއް ދުވަހަކަށް ބިކަވަމުންނެވެ.

މަސްވެރިކަމުގެ ވިޔަފާރީގެ ތެރެއަށް ސަރުކާރު ވަނުމުގެ ސަބަބުން އުފެދުނު ސިޔާސީ ކޮޅިގަނޑުތަކުގެ ތެރޭގައި އެ އިންޑަސްޓްރީއަށް އިންވެސްޓް ކުރި އަމިއްލަ ފަރާތްތައް ވަނީ ހުލިވެފަ އެވެ. މަސްވެރިންނަށް އެމީހުންގެ މަސައްކަތް ކުރެވޭނެ ކުރިމަގު ވަނީ ބަނަވެފަ އެވެ. ރައީސް ނާސިރު އުފެއްދެވި ޝިޕިން ކުންފުނީން ބޯޓުތައް މަދުވަމުން ގޮސް އެ ކުންފުނި އުވިއްޖެ އެވެ.

ފާއިތުވި ފަންސާސް އަހަރަށް ބަލާއިރު ވެސް ރާއްޖޭގެ އިގްތިސާދަށް އާކަމެއް ތައާރަފުކޮށް ދެވުނު ލީޑަރެއް ރައީސް ނާސިރު ފިޔަވައި ފެނިފައެއް ނެތެވެ. މިއަދު ގައުމު ދަރައި ވިކި ބަނގުރޫޓު ވާން ހިފާފައިވާއިރު، ރާއްޖޭގެ އިގްތިސާދު އެދި ގޮވަނީ ދެވަނަ ނާސިރަކަށެވެ.