ހިތާމައަކީ ކޮންމެ އިންސާނެއްގެ ހަޔާތުގައި ވެސް ކުރިމަތިވާނެ ޖަޒުބާތެކެވެ. ހިތާމައިގެ ފަހަތުގައި އެކި ސަބަބުތައްވާއިރު ދިރިއުޅުމުގައި ގެންގުޅެވޭ ބައެއް އާދަތަކުގެ ސަބަބުން ވެސް ހިތާމައަށް މަގުފަހިވެ އެވެ.

ހެނދުނުގެ ނާސްތާ ނުކުރުން

ދިރާސާތަކުން ދައްކާ ގޮތުގައި އާއްމުކޮށް ހެނދުނުގެ ނާސްތާ ދޫކޮށްލާ މީހުންގެ ހަށިގަނޑުގައި ސްޓްރެސް ހޯމޯން ކަމަށްވާ "ކޯޓިސޯލް"ގެ މިންވަރު އިތުރުވެ އެވެ. ނަތީޖާއަކަށްވަނީ ހާސްކަމާއި ހިތާމަ އެވެ.

މާ ގިނައިން ސޯޝަލް މީޑިއާ ބޭނުންކުރުން

ސޯޝަލް މީޑިއާ އާއްމުކޮށް ބޭނުން ކުރާނަމަ ދިރިއުޅުމުގެ ކަންކަން އެހެން މީހުންގެ ދިރިއުޅުމާ އަޅާކިޔޭ ގޮތްވެ އެވެ. ނަތީޖާއެއްގެ ގޮތުން ތިމާގެ ދިރިއުޅުގައިވާ އުނި ކަންކަން ފާހަގަވެ ހިތާމަވެރި ޖަޒުބާތުތައް އިތުރުވެ އެވެ.

ކަސްރަތު ނުކުރުން

ހަށިގަނޑަށް ޖިސްމާނީ ކަސްރަތު ލިބުމަކީ ހަށިގަނޑުގައި އެންޑޯފިންގެ މިންވަރު އިތުރުކޮށްދީ އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވައިދޭ ކަމެކެވެ. ކަސްރަތު ނުލިބޭނަމަ އޮތީ ހިތާމައާއި ހިތްދަތިކަމެވެ.

ނިދި މަދުވުން

ރެއަކާ ދުވާލު ލިބެންޖެހޭ ވަރަށް ހަށިގަނޑަށް ނިދި ނުލިބޭނަމަ ސިކުނޑިން ޖަޒުބާތުތައް ކޮންޓްރޯލް ކުރުމުގައި ދަތިތަކެއް ކުރިމަތިވެ ދެރަވުމުގެ އިހުސާސެއް ކުރެވެ އެވެ.

އިރުގެ އަލި ނުލިބުން

ބޭރަށް ނުކުމެ އިރުގެ އަލި ލިބޭ ތަންތަނުގައި ވަގުތު ހޭދަކުރުމަކީ އުފާވެރިކަން ގެނުވައިދޭ ސެރެޓޮނިން ހޯމޯން ހަށިގަނޑުގައި އިތުރު ކޮށްދޭ ކަމެކެވެ. އެހެން ކަމުން ގުދުރަތީ އަލި ނުލިބޭ ބެދިފައިވާ ތަންތަނުގައި ގިނަ ވަގުތު އުޅޭނަމަ ދެރަވާ ގޮތްވެ އެވެ.

މާ ގިނައިން މަސައްކަތް ކުރުން

ވަޒީފާއަށް ގޮސް ހުސްވެ އަމިއްލަ ނަފްސަށް ދޭން ޖެހޭ ވަގުތު ނުދެވުމަކީ ގިނަ މީހުންނަށް ހިތާމައިގެ އިހުސާސް ކުރެވޭ މައިގަނޑު އެއް ސަބަބު ކަމަށް ދިރާސާތަކުން ދައްކަ އެވެ.