ދަރިން ތަރުބިއްޔަތު ކުރުމަކީ ކޮންމެ މަޔަކާއި ބަފަޔަކު ވެސް ބޮޑެތި މަސްއޫލިއްޔަތުތަކަކާއި ޒިންމާތަކެއް އުފުލަންޖެހޭ ކަމެކެވެ. "އެންމެ ރަނގަޅު ގޮތުގައި ކަންކަން ކުރަންޖެހޭނެ" ކަމަށް އަމިއްލައަށް ކުރެވޭ އުއްމީދުތަކާއި، ދިރިއުޅުމުގެ އެހެނިހެން ގޮންޖެހުންތަކުގެ ސަބަބުން މައިންބަފައިންނަށް ނަފްސާނީ ސްޓްރެސް ކުރިމަތިވުމަކީ އާންމު ކަމެކެވެ.

ނަމަވެސް، މައިންބަފައިންގެ މި ސްޓްރެސްގެ ނޭދެވޭ އަސަރު ގޭތެރޭގައި ބޮޑުވަމުންދާ ކުދިންގެ މުޅި ނަފްސާނީ އަދި ރޫހާނީ ދުޅަހެޔޮކަމަށް ފޯރާކަމަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ހާއްސަ ސައިކޮލޮޖިސްޓެއް ކަމަށްވާ ރީމާ ބަންޑޭކަރް ވަނީ ހާމަ ކޮށްފަ އެވެ.

އޭނާ ފާހަގަކުރި ގޮތުގައި، މައިންބަފައިން ސްޓްރެސްވުމަކީ އޭގެ އަމިއްލަ ޒާތުގައި ކުއްޖާއަށް ސީދާ އަނިޔާއެއް ލިބޭނެ ކަމެއް ނޫނެވެ.

ނަމަވެސް، މައިންބަފައިން މާބޮޑަށް ސްޓްރެސްވުމުން ކުދިންނަށް ދޭންޖެހޭ ސަމާލުކަމާއި އަޅާލުން ދިނުމަށް ނުކުޅެދި، އޭގެ އަސަރު ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރެ އެވެ.

މައިންބަފައިންގެ ސްޓްރެސްގެ އަސަރު ކުދިންނަށް ކުރާކަން އަންގައިދޭ ނިޝާންތައް

  • އުޅުމަށް ކުއްލި ބަދަލުތަކެއް އައުން: ކުއްޖާގެ އާންމު މިޒާޖަށާއި އުޅުމަށް ނޭދެވޭ ބަދަލުތަކެއް އައުން.
  • އިހުސާސްތައް ފާޅުކުރަން އުނދަގޫވުން: ކުއްޖާ ދައްކާ ވާހަކަ މައިންބަފައިން ނާހާކަމުގެ އިހުސާސް ކުރެވޭނަމަ، އެކުދިންގެ އަމިއްލަ އިހުސާސްތައް ބުނެދޭން ޖެހިލުންވުން.
  • އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވުން: ކުއްޖާގެ އަމިއްލަ އިތުބާރު ގެއްލި، ނަފްސާނީ ގޮތުން ރައްކާތެރިކަން ކުޑަވި ކަމުގެ އިހުސާސް ކުރެވުން.
  • އެކަހެރިވުން ނުވަތަ މާބޮޑަށް ޔަގީންކަން ހޯދަން އުޅުން: އެހެން މީހުންނާ ދުރުވެ، އެކަހެރިވުން ނުވަތަ މައިންބަފައިންގެ ލޯބި ލިބޭކަން ޔަގީންކުރަން މާބޮޑަށް މަސައްކަތް ކުރުން.

ހާއްސަކޮށް، މިއަދުގެ ޒުވާން ކުދިންނަކީ ސޯޝަލް މީޑިއާއާއި، އެކުވެރިންގެ ފަރާތުން އަންނަ ޕްރެޝަރުތަކާ ކުރިމަތިލާންޖެހޭ ކުދިންނަށްވާތީ، ގޭތެރެއިން އެކުދިންގެ އަޑު އަހާނެ މައިންބަފައިން ތިބުމަކީ ނުހަނު މުހިންމު ކަމެކެވެ.

މައިންބަފައިންނަށް ދެވިދާނެ ހައްލުތައް

  • އަމިއްލަ ނަފްސު ކޮންޓްރޯލްކުރަން ދަސްކުރުން: ރުޅިއަންނަ ވަގުތުތަކުގައި އަމިއްލަ ޖަޒުބާތުތައް ކޮންޓްރޯލްކޮށް، ހަމަޖެހިގެން ކަންކަމަށް ރައްދު ދިނުން.
  • ކުދިންގެ އިހުސާސްތަކަށް އިހުތިރާމް ކުރުން: ކުދިންގެ ނަފްސާނީ ބޭނުންތައް ދެނެގަނެ، މަޑުމައިތިރިކަމާއެކު ޖަވާބު ދިނުން.
  • ހިޔާލު ތަފާތުވުންތަކަށްފަހު ގުޅުން ބަދަހި ކުރުން: ކުއްޖާއާ ދެމެދު މައްސަލައެއް ޖެހުނު ކަމުގައިވިޔަސް، ފަހުން އެކަމާ ވާހަކަ ދައްކައި ގުޅުން އަލުން ރަނގަޅު ކުރުން.
  • އަމިއްލަ ދުޅަހެޔޮކަމަށް ވަގުތު ހުސްކުރުން: މައިންބަފައިން އަމިއްލަ ސިއްހަތަށާއި ނަފްސާނީ ހަމަޖެހުމަށް ވަގުތު ދިނުން.

ނަފްސާނީ މާހިރުން ފާހަގަކުރާ ގޮތުގައި، ކުދިންނަށް ބޭނުންވަނީ މުޅިން ފުރިހަމަ އެއްވެސް މައްސަލައެއް ނުޖެހޭ މައިންބަފައިންނެއް ނޫނެވެ.

އެހެނެއް ކަމަކު ކުދިންނަށް ބޭނުންވަނީ އަމިއްލައަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެހީތެރިކަން ހޯދައި، އިހުސާސްތަކާއި ޖަޒުބާތުތައް ރަނގަޅު ގޮތުގައި މެނޭޖް ކުރަން އެނގޭ މައިންބަފައިންނެވެ.