ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރެއްވި އިބްރާހީމް ނަޒީމް، ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިއަދު އައްޔަންކުރައްވައިފި އެވެ.

އާރުޑީސީގެ އެމްޑީކަމުން ނަޒީމް އިއްޔެ ވަކިކުރެއްވީ އެ ކުންފުނި އުވާލައި، މަސައްކަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެންނެވެ. އެއާއެކު އާރުޑީސީ ވަގުތީ ގޮތުން ހިންގުން ވަނީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއާ ހަވާލުކުރައްވާފަ އެވެ.

ރަށްރަށުގެ މަގުތައް ތަރައްގީކުރުމަށް މީގެ ހަ އަހަރު ކުރިން އުފެއްދި އާރުޑީސީ އުވާލަން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

ސްޕޯޓްސް މިނިސްޓްރީގެ ސިޔާސީ މަގާމަކަށް އައްޔަންކުރެއްވި ނަޒީމަކީ މީގެ ކުރިން ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 17 އަހަރު ވަންދެން އެ މިނިސްޓްރީގެ ތަފާތު މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން، އޭނާ ވަނީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަންވެސް ކުރައްވާފަ އެވެ.

ކުޅިވަރުގެ ދާއިރާއަށް ހާއްސަ އިސްކަމެއް ދެއްވާ ނަޒީމަކީ މިހާރުވެސް ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ނައިބު ރައީސެވެ. އަދި އޭނާއަކީ 1996 ވަނަ އަހަރު ބައިނަލްއަގުވާމީ ކޯސް ފުރިހަމަކުރައްވައި، ވޯލްޑް ޓުއާގައި ރެފްރީކަން ކުރެއްވި ދެކުނު އޭޝިއާގެ ފުރަތަމަ ބައިނަލްއަގުވާމީ ބީޗް ވޮލީބޯޅަ ރެފްރީ އެވެ.