ކާނާއާ ބެހޭ ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ދުނިޔޭގައި މީހުން ކުކުޅު ބިސް ކައި އުޅޭތާ ހަ މިލިއަން އަހަރު ވެއްޖެ އެވެ. އެންމެ ފުރަތަމަ މީހުން ބިސްކައި އުޅުނީ ހާލި ތެރެއިން ނަގައިގެން ރޮލާ އޮށްވަ އެވެ. އޭގެ ޒަމާންތަކެއް ފަހުން ޗައިނާ އާއި މިސްރު ވިޔަފާރިވެރިން ކުކުޅުބިހުގެ ވިޔަފާރިކުރުމަށްޓަކައި ޖަންގަލިން ކުކުޅު ގެނެސް ކާންދީގެން ގެންގުޅެން ފެށި އެވެ. މިއީ ބިހުގެ ތަފާތު ދެނެގަނެވުނު ހިސާބެވެ.

ރާއްޖޭގެ ބާޒާރުގައި މައިގަނޑުގޮތެއްގައި ހިމެނެނީ ދެ ކުލައެއްގެ ކުކުޅު ބިހެވެ. އެއީ ހުދު ކުލައާއި މުށި ކުލައިގެ ބިހެވެ. މިއީ އެންމެ އާންމު ދެކުލަ ވެސްމެ އެވެ. ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި އެހެން ކުލަތަކުގެ ބިސް ވެސް ލިބެން ހުރެ އެވެ. އޭގެ ތެރޭގައި ކްރީމް ކުލައާއި، ފިޔާތޮށި ކުލަ އާއި، ނޫކުލަ އަދި ފެހިކުލައިގެ ބިސްވެ އެވެ. ބިހުގެ ކުލަ ޖެހިނީ ބިސްތޮށި އުފެދެން ފަށާ މަރުހަލާގަ އެވެ.

ޕްރިންޓާ ކާޓްރިޖްގެ ކުލަބޭނުން ކުރާ ވަރަކަށް ކުލައަށް ބަދަލު އަންނަ ފަދައިން، ހުދުނު ނޫން އެހެން ކުލަކުލައިގެ ބިސް އަޅާ ކުކުޅު، ބިސް އަޅާތާ ކުރީކޮޅުގައި، އަޅާ ބިހުގެ ކުލަގަދަވެފައި ފަހުކޮޅަށް އައިސް ކުލަމަޑުވެ އެވެ. މުށިކުލައިގެ ބިސްއަޅާ ކުކުޅަކީ އެހެން ކުކުޅުތަކާއި ތަފާތުކޮށް ބްރީޑް ނުވަތަ ވިއްސާ ބޮޑުކުރާ ކުކުޅަކަށް ވީމަ އެ ވައްތަރުގެ ކުކުޅު ބޮޑުވެފައި އޭތި ކާން ބޭނުންވާ މިންވަރު ވެސް ގިނަ އެވެ. އަދި އަޅާ ބިސް ވެސް ބޮޑެވެ. މުށި ބިސްއަޅާ ކުކުޅު ބޮޑުކުރުމަށާއި ކާންދިނުމަށް ކުރާ ޚަރަދު ބޮޑުވުމަކީ މުށި ކުލައިގެ ބިސް އަގުބޮޑުވާ ސަބަބެވެ.

ބިހުގެ ވަރަށް ގިނަ ކުލަތައް ހުރޭ.

ބިހުގެ ސައިޒު ވެސް ހަމަ އެފަދަ އެވެ. ޅަކުކުޅު އަޅަނީ ކުދި ބިހެވެ. ހަމަ އެފަދައިން ކުދި ކުކުޅުގެ ބިސް ވެސް ހުންނަނީ ކުދިކޮށެވެ. ބޮޑެތި ބިސް އަޅާނީ ބޮޑެތި ކުކުޅެވެ. ޅަ ކުކުޅު ބޮޑު ބިހެއް އަޅަނީ ފުރަތަމަ ބިސްއަޅާތާ ގާތްގަނޑަކަށް އެއް އަހަރު ފަހުންނެވެ. އެހާއިރު އޭތީގެ ވެސް ސައިޒު ވެސް ހުންނާނީ ބޮޑުކޮށެވެ. ކުކުޅުގެ އުމުރު މައްޗަށްދާ ވަރަކަށް އޭތި އަޅާ ބިހުގެ ސައިޒު ވެސް ބޮޑުވަމުންދެ އެވެ.

ކުލަ ނުވަތަ ސައިޒު ތަފާތު ވިޔަސް ލިބޭ ފައިދާއަކަށް އެއްވެސް ބަދަލެއް ނާދޭ

ފިހާރައަކަށް ކުކުޅުބިސް ގަންނަން ގޮސް މުށި ކުލައިގެ ބިހާއި ހުދުކުލައިގެ ބިސް ފެންނަން ހުރިނަމަ ގަންނާކީ ކޮން ވައްތަރެއްގެ ބިހެއްތޯ މިއީ ވަރަށް ގިނަ މީހުންގެ ހިތުގައި އުފެދޭ ސުވާލެކެވެ. މުށި ކުލައިގެ ބިސް މީހުން ގަނެ އުޅެނީ އެ ބިސް ހުދު ބިހަށް ވުރެ ހަށިގަނޑަށް ފައިދާވާނެ ކަމަށް ހީކޮށެވެ.

ނަމަވެސް ހަގީގަތަކީ ކޮންމެ ސައިޒެއްގެ ބިހެއް ނަމަވެސް އެއިން ލިބޭ ފައިދާއަށް ބަދަލުނާންނަ ކަމެވެ. ހުރިހާ ބިހަކުން ވެސް ޕްރޮޓީންސް، ވިޓަމިންސް އަދި މިނަރަލްސް ލިބެނީ އެއްވަރަކަށެވެ. މީގެ އިތުރުން ބިހުގައި ޓްރިޕްޓޯޕަން ކިޔާ މާއްދާއެއް ހިމެފައިވެ އެވެ. އޭގެ ސަބަބުން ސްޓްރެސް އިން ސަލާމަތްކޮށްދީ ހިތްހަމަޖެހުން ގެނެސްދެ އެވެ. އަދި ބިސްކެއުމުގެ ސަބަބުން ހަށިގަނޑުގައި މިލޯޓޮނިންއޭ ކިއޭ ހޯމޯންއެއް އުފައްދައިދެ އެވެ. އޭގެ ސަބަބުން ނިދުމަށް ފަސޭހަކޮށްދެ އެވެ. ބިހުން ލިބިދޭ އިތުރު ފައިދާތަކުގެ ތެރޭގައި ބަރުދަން ލުއިކޮށްދިނުމާއި، ބަލިތަކުން ދިފާއުކޮށްދިނުމާއި، އަދި ހަމާއި މަސްތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދިނުން ހިމެނެ އެވެ.

ބިސް ރައްކާ ކުރުމާއި ކެއްކުމުގައި ސަމާލުކަން ދިނުން މުހިންމު

ބިސް ރަނގަޅަށް ކެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ ކުކުޅުގެ ބޮޑުކަމުދާ ތަކެތީގެ ޒަރިއްޔާއިން ބިހުގެ ތޮށިގަނޑަށް ޖަރާސީމު ވާސިލްވުމުގެ ވަރަށް ބޮޑު ޗާންސެއް އޮންނާތީ އެވެ. އަދި ހަމަ މިޖަރާސީމު ބިހުގެ ތޮށިގަނޑުގައި ހުންނަ ލޮލަށް ނުފެންނަ ލޯވަޅުތަކުން އެތެރެއެއަށް ފޯރުމުގެ ބޮޑު ޗާންސެއް އޮވެ އެވެ. އެ ޖަރާސީމުން ރައްކާތެރިވުމަށްޓަކައި ބިސް ރަނގަޅަށް ކައްކައިގެން ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ.

ފެނު ކައްކާފައިވާ ބިހެއް ނަމަ، ތޮއްޓާއެކީ ކޮންމެ ގޮތަކަށް ރައްކާކުރި ނަމަވެސް އެއް ހަފުތާ ވަންދެން ނުބައި ނުވެ ހުރެ އެވެ. ނަމަވެސް ތޮށި ނޮޅާފައިވާ ނަމަ، ރައްކާކުރުން ރަނގަޅީ ބިހުގެ ބޭރުގައި ތެތް ކަރުދާހެއް ލައި އޮޅާލާފަ އެވެ.

ދުވާލެއްގެ މައްޗަށް ކެއުން އެންމެ ރަނގަޅީ ކިތައް ބިސް؟

ސިއްޚީ އެއްވެސް މައްސަލައެއް ނެތްނަމަ ދުވާލެއްގެ މައްޗަށް ދެ ބިސް ބޭނުންކުރުމަށް އެމެރިކާގެ ހާޓް އެސޯސިއެޝަނުން ލަފާދެއްވަ އެވެ.

ރަނގަޅުބިސް ދެނެގަތުމަށްޓަކައި ފެންބޯ ތައްޓަކަށް ފެން އަޅާފައި އެއަށް ބިސްލާށެވެ. ބިސް ފެނު ތެރޭގައި ފްލޯޓްކުރާ ނަމަ އެއިން އަންގައިދެނީ ބިހުގެ ތެރެއަށް ވައިވަދެ ހަލާކުވެފައިވާ ކަމެވެ. މިފަދަ ބިސް ކެއުމަކީ ރަނގަޅު ކަމެއް ނޫނެވެ. ރަނގަޅު ބިސް ފެން ތަށްޓަކަށް ލުމުން ދާނީ އަޑިއަށެވެ. ބިސް ގަންނައިރު، ބިހުގެ ތޮށިގަނޑު އޮމާންވުމާއި ސާފުކޮށް އޮތުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ