ޝަރީއަތް ނިމެންދެން ޖަލުގައި ހުއްޓާ ނިޔާވި މުހައްމަދު ޖަމީލުގެ ހަށިގަނޑުގައި އަނިޔާތަކުގެ ނިޝާންތަކެއް ހުރި ނަމަވެސް މިހާތަނަށް ކުރެވުނު ތަހުގީގުތަކުން އޭނާއަށް ޖިސްމާނީ އެއްވެސް އަނިޔާއެއް ދީފައިވާ ކަމުގެ އެއްވެސް އަލާމާތެއް ފާހަގަ ނުކުރެވޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މިހާދިސާއާ ގުޅޭ މަޢުލޫމާތު ހިއްސާ ކުރެއްވުމަށް ހޯމް މިނިސްޓްރީ އާއި، މޯލްޑިވްސް ޕޮލިސް ސާވިސް އާއި ކަރެކްޝަންސް ގުޅިގެން އިސްކަންދަރު ބިލްޑިންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް އިންސްޕެކްޓާ މުހައްމަދު ސާމިހް ވިދާޅުވީ ޖަމީލަށް ޖިސްމާނީ އަނިޔާއެއް ވެފައި ނެތް ކަމަށް އޭނާގެ ހަށިގަނޑު ބެލި ޑޮކްޓަރުން ވެސް ވިދާޅުވެފައިވާ ކަމަށެވެ.
"މިހާރު ފޮޓޯތަކުން ފެންނަން ތިހިރަ ނިޝާންތަކަކީ އިންސާނާ މަރުވުމަށް ފަހު އެ ހޭދަވާ ވަގުތުތައް، މީގެ ތެރެއަށް ވަރަށް ބައިވަރު ފެކްޓާސް ވެސް އެބަ ފޯލްވޭ. އޭގެތެރޭގައި ހޭދަވާ ވަގުތާއި، އޮންނަ ތަނާއި ތަނުގެ ޓެމްޕަރޭޗާ، އެތައް ކަމެއް އެބަ ހިމެނޭ. އާންމުވެގެން އުޅޭ ފޮޓޯތަކުން ފެންނަ ނުވަތަ ތަހުގީގަށް ފާހަގަކުރެވިފައި ހުރި ނިޝާންތަކަކީ އެއްވެސް ފަރާތެއްގެ ގޯނާއަކުން ލިބިފައި ހުރި ނިޝާންތަކެއް ނޫން،" ސާމިހް ވިދާޅުވި އެވެ.
"މިއީ މަރުވުމަށް ފަހު ހަށިގަނޑަށް އައިސް ހުންނަ ބަދަލުތަކާ އެކު އަންނަ ޗޭންޖެސް. މެޑިކަލް ޓާމްސް އިން ދަންނަވާ ނަމަ ބޮޑީ ޑިސްކަލަރޭޝަން، އާންމުވި ފޮޓޯތަކުން ފެންނަ ފަދައިން ބުރަކަށީގައި އެންމެ ބޮޑަށް އެހުރީ ޑިސްކަލަރޭޝަން. ދެންހުރި ނިޝާންތަކަކީ ސަޖިދައިގައި އެ ޕޯސްގައި އޮންނައިރު ގުނަވަންތައް އެޖެހިފައި ހުންނަ ތަންތަން އެ ޕްރެޝާއިން އައިސް ހުރި ޗޭންޖެސް." .
ށ. ފުނަދޫ، ޒަމާނީވިލާ މުހައްމަދު ޖަމީލަކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހެކެވެ. އޭނާއަކީ ޖަލުގައި ހުރި އިރު، ނަފްސާނީ ބައްޔަށް ފަރުވާ ވެސް ހޯދަމުން އައި މީހެކެވެ.
އޭނާ ޖަލުގައި ބަންދުކުރީ ޖުލައި 12، 2023 ވަނަ ދުވަހުން ފެށިގެންނެވެ.
ސާމިހު ވިދާޅުވީ ޖަމީލްގެ ހަށިގަނޑުގައި ފާހަގަ ކުރެވޭ ބައެއް ކަހަލަ ނިޝާންތަކެއް ހުރި ނަމަވެސް މިއަދާ ހަމައަށް ކުރެވުނު ތަހުގީގުން ޖަމީލުގެ ހަށިގަނޑަށް ލިބިފައިވަނީ އެއްވެސް ފަރާތަކުން ޖިސްމާނީ ގޮތުން ދީފައިވާ އަނިޔާތަކެއް ކަމަށް ގަބޫލްނުކުރެވޭ ކަމަށެވެ.
ހޯމް މިނިސްޓަރު އެގޮތަށް އެންގެވުމާ ގުޅިގެން ގިނަ އަދަދެއްގެ ފުލުހުން ވަނީ ހުޅުމާލޭ ސަހަރާއަށް ގޮސް ޕޯސްޓްމޯޓަމް ހަދަން ހަށިގަނޑުގެ ގެންދަން އުޅެފަ އެވެ. އެކަމަކު އާއިލާގެ މީހުން ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ.
އާއިލާ މީހުން އެކަމާ ދެކޮޅު ހެދުމުން އިހުސާން ވެސް ސަހަރާ އަށް ވަޑައިގެންނެވި އެވެ. އެކަމަކު، އާއިލާގެ މީހުން ބޭނުންވީ ޕޯސްޓްމޯޓަމް ނުހަދައި ވަޅުލާށެވެ.
އެހެންވެ، ރޭ ފަތިސް ނަމާދަށް ފަހު ޖަމީލުގެ ހަށިގަނޑު ވަޅުލީ އެވެ.
ޖަމީލް ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮށް ގިނައިރު އޮތް ކަން ފާހަގަކުރެވިގެން ސީޕީއާރު ދިނުމަށް ފަހު ވެސް ބަދަލެއް ނައުމުން މާފުށީ ސިއްހީ މަރުކަޒަށް ގެންދިޔައީ އިއްޔެގެ މެންދުރު 12:13 ގަ އެވެ. ހިތް ހުއްޓިގެން އޭނާ ނިޔާވެފައިވާ ކަމަށް ޑޮކްޓަރު ކަނޑައެޅީ 12:45 ގަ އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން އެކްސްގައި ރޭ ވިދާޅުވި ގޮތުގައި ޖަމީލް އޮތް ގޮޅީގެ ސީސީޓީވީ ފޫޓޭޖް ބެލިއިރު، ފެންނަނީ ނަމާދު ކުރާ ތަނެވެ. އޭނާ ނިޔާވެފައި އޮއްވައި ފެނުނީ ސަޖިދައިގައި އޮއްވަ އެވެ. އެ މައްސަލަ ތަހުގީގުކުރާ ހުރިހާ އިދާރާއަކަށް ސީސީޓީވީ ފުޓޭޖް ހިއްސާކުރާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
މިއަދުގެ ނޫސްކޮންފަރެންސްގައި ފުލުހުން ވަނީ ޖަމީލުގެ އެންމެ ފަހުގެ ހަރަކާތްތައް ފެންނަ ސީސީޓީވީ ފޫޓޭޖެއް ވެސް އާންމުކޮށްފަ އެވެ. އެއިން ފެންނަ ގޮތުގައި ޖަމީލު ސަޖިދައަށް ގޮސް ތެދުވެފައެއް ނުވެ އެވެ.