ފިލްމީ ތަރިން ކަމަށްވާ އިބްރާހީމް އަލީ ޚާން އާއި ޕަލަކް ތިވާރީ، ތިން އަހަރަށްވުރެ ގިނަ ދުވަހު ރައްޓެހިވެގެން އުޅުމަށްފަހު މިހާރު ވަކިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ހިންދުސްތާން ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ދެމީހުން ވަކިވާން ނިންމީ ދެމީހުންގެ މެދުގައި އޮތް އެކުވެރިކަމަށް ބުރޫނާރާނޭ ފަދަ ގޮތަކަށެވެ. އަދި މި ނިންމުމަކީ އިބްރާހީމް އިސްވެ ނެގި ނިންމުމެއް ކަމަށްވެސް އެ ނޫހުން ބުނެފައިވެ އެވެ. މިކަމުގެ ސަބަބުން އެ ދެމީހުންގެ މަސައްކަތްތަކަށްވެސް އަސަރުކޮށްފައިވާ ކަމަށާއި، ދެމީހުން އެކުގައި ކުރުމަށް ރާވާފައިވާ ބައެއް ޝޫޓިންތައް ކެންސަލްކޮށް ނުވަތަ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

މި ހަބަރު ފެތުރި ނޫހުން ބުނާ ގޮތުގައި، ޕަލަކް އާއި އިބްރާހީމް ވަކިވާން ނިންމީ އެމީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން އާންމުންނަށް ހާމަނުކުރުމަށް އިސްކަންދީގެންނެވެ. އެ މައުލޫމާތު ދިން ފަރާތުން ބުނި ގޮތުގައި، ދެމީހުން ވަކިވީ އެކުވެރިކަމާއެކުގަ އެވެ. އަދި ދެމީހުންގެ ދެމެދުގައި ހިނގި ކަންކަން އާންމުންގެ ތެރޭގައި ދައްކަން ބޭނުންނުވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ދެމީހުންވެސް އިސްކަންދޭނީ އެމީހުންގެ ކެރިއަރަށް ކަމަށްވެސް ބުނެފައިވެ އެވެ.

ވަކިވާން ދިމާވި ސަބަބު އެ ފަރާތުން ހާމައެއް ނުކުރެ އެވެ. ނަމަވެސް، މި ބަދަލާއެކު އެ ދެމީހުން އެކުގައި މަސައްކަތް ކުރަން ހަމަޖެހިފައިވާ ބައެއް ޕްރޮޖެކްޓްތަކަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ޓީވީ ބަތަލާ ޝްވޭތާ ތިވާރީގެ ދަރިފުޅު ޕަލަކް އާއި، ފިލްމީ ތަރިން ކަމަށްވާ ސައިފް އަލީ ޚާން އާއި އަމްރިތާ ސިންގްގެ ދަރިފުޅު އިބްރާހީމްގެ މެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް ވާހަކަ ދެކެވެން ފެށީ 2022 ވަނަ އަހަރު އެވެ. މި ވާހަކަތައް ފެތުރެން ފެށީ މުމްބާއީގެ ރެސްޓޯރެންޓަކުން ނުކުމެގެން ދެމީހުން އެކުގައި ދަނިކޮށް ފެނުމުންނެވެ. އެ ދުވަހު ޕަލަކް އޭނާގެ މޫނު ފޮރުވަން މަސައްކަތް ކުރުމުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ.

އޭގެ ފަހުން އެކި ފަހަރުމަތިން އެކުގައި ބޭރަށް ގޮސް އުޅެނިކޮށް ފެނުމާއި، ޗުއްޓީތަކުން ދެމީހުން ފެނުމުން އެމީހުންގެ ގުޅުމާ ބެހޭގޮތުން ދެކެވޭ ވާހަކަތައް އިތުރަށް ވަރުގަދަވި އެވެ. ނަމަވެސް، މިހާތަނަށް ޕަލަކް ނުވަތަ އިބްރާހީމްވެސް އެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަކަށް ރަސްމީކޮށް އެއްބަހެއް ނުވެ އެވެ. އަދި މިހާރު ދެކެވެމުންދާ ވަކިވުމުގެ ވާހަކަތަކަށްވެސް އެ ދެމީހުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.