ޖިންސީ ގޯނާގެ މައްސަލައެއްގެ ތުހުމަތުގައި އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިރޭ 21:59 ގައި ޝާހިދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަބްދުއްﷲ ޝާހިދަކީ ރާއްޖޭގެ ހާރިޖީ ދާއިރާއާއި، ރައްޔިތުންގެ މަޖިލީހުގެ އިތުރުން ބައިނަލްއަގްވާމީ ދާއިރާގައި 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 1984 ވަނަ އަހަރު ހާރިޖީ ވުޒާރާއިން އާންމު ހިދުމަތް ފެއްޓެވުމަށްފަހު، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ދެ ދައުރެއްގެ މަތިން ފޮރިން މިނިސްޓަރުކަން ކުރެއްވި އެވެ.

މީގެއިތުރުން 2009 އިން 2014 އަށް ރައްޔިތުންގެ މަޖިލީހުގެ 16 ވަނަ ރައީސްކަން ކުރެއްވި ޝާހިދު ވަނީ 2021 ވަނަ އަހަރު އދ. އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަން ވެސް ކުރައްވާފަ އެވެ.

ހަމައެއާއެކު 2013 ވަނަ އަހަރު އެމްޑީޕީއާ ގުޅިވަޑައިގަތުމަށްފަހު 2024 ފެބްރުއަރީގައި އެ ޕާޓީގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި އެވެ. ނަމަވެސް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއްވުމަށްޓަކައި 2026 ވަނަ އަހަރުގެ އޮގަސްޓް މަހު އޭނާ ވަނީ ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވާފަ އެވެ.

ޝާހިދު ހައްޔަރުކޮށްފައިވާއިރު މީގެ ކުރިން ވަނީ ހައްޔަރުކުރި ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަކީ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކެއް ކަމަށް ވިދާޅުވެ، އޭނާ ވަނީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެ ވާހަކަތައް ދޮގުކުރައްވައިފަ އެވެ.

އޭގެ ފަހުން އިރުކޮޅެއް ތެރޭ ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.