މާލޭގެ ދެ ސަރަހައްދެއްގައި ސައިކަލަށް ހާއްސަ ޕާކިން ޒޯނު މާލޭ ސިޓީ ކައުންސިލުން ހަދައިފި އެވެ.

ހެންވޭރު ސީވިއު ގޯއްޗާއި ކުރީގެ ގައުމީ ހޮޓާ ހުރި ސަރަހައްދުގައި ސިޓީ ކައުންސިލުން މިހާރު ވަނީ ސައިކަލު ޕާކްކުރެވޭނެ ނިޒާމު ހަމަޖައްސާފައި ކަމަށް އެ ކައުންސިލުން ބުންޏެވެ.

ހެންވޭރު ބޮޑުފުންގަނޑު މަގުގައި އޮންނަ ސީވިއު ގޯތީގައި 120 ސައިކަލު ޕާކް ކުރެވޭނެ ސަރަހައްދު ގާއިމްކުރެވިފައި ވާއިރު ބާޒާރުމަތީގައި ކުރިން ގައުމީ ހޮޓާ ހިންގި ސަރަހައްދުގައި 62 ސައިކަލު ޕާކްކުރެވޭނެ ސަރަހައްދު ގާއިމްކުރެވިފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ. މީގެ އިތުރުން ގައުމީ ހޮޓާ ސަރަހައްދުގައި މުދާ އަރުވާ، ބޭލުމަށް ހާއްސަ ޖާގައެއް ވެސް ވަނީ ކަނޑައެޅިފަ އެވެ.

މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް ދުއްވާ އުޅަނދުފަހަރު ޕާކް ކުރުމަށް 7،341 ޖާގަ ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ސައިލަކު ޕާކު ކުރުމަށް 5،740 ޖާގަ ހާއްސަ ކުރެފައިވާއިރު ހަތަރު ފުރޮޅުލީ އުޅަނދަށް 1،601 ޖާގަ ވަނީ ހާއްސަކުރެވިފަ އެވެ.

ހަތަރު ފުރޮޅުލީ އުޅަނދުގެ ޕާކިން ޒޯންތަކުގެ ތެރެއިން 158 ޖާގައަކީ އަގުދީގެން ޕާކްކުރެވޭ ސަރަހައްދުތައްކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

މީގެ އިތުރުން، މާލެއަކީ ހިތްފަސޭފަ ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން މާލޭގެ އެކި ސަރަހައްދުތަކުގައި މުދާ ބޭލުމަށް ހާއްސަ ސަރަހައްދުތައް މިހާރުވަނީ ގާއިމް ކުރެވިފަ އެވެ.