އިޒްރޭލުގެ ނިއުކްލިއާ ފެސިލިޓީ ބޮޑުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސެޓެލައިޓް ފޮޓޯތަކުން ދައްކައިފި އެވެ.
ދަ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ދިރާސާކުރި ސެޓަލައިޓް ފޮޓޯތަކުން ދައްކާގޮތުގައި އިޒްރޭލުގެ ސިއްރު ނިއުކްލިއާ އެޓޮމިކް ވެޕަން ޕްރޮގްރާމް ކުރިއަށްގެންދާ ސަރަހައްދުގައި ފާއަތުވެދިޔަ 10 އަހަރު ތެރޭގައި ކުރިއަށްދިޔަ އެންމެ ބޮޑު މަރާމާތުގެ މަސައްކަތް މިހާރު އެބަ ކުރިއަށްދެ އެވެ.
ފުޓްބޯޅަ ދަނޑެއްގެ ބޮޑުމިނުގެ މިސަރަހައްދުގައި އެތައް ބުރިއެއް ހުންނާނެ ކަމަށް ލަފާކުރެވެ އެވެ. ޑިމޯނާ ސިޓީގައި ހުންނަ ޝިމޯން ޕެރެސް ނެގެވް ނިއުކްލިއާ ރިސާރޗް ސެންޓަރުގައި މިހާރުވެސް އަތައް އަހަރެއް ވެފައިވާ ބިމު އަޑީގެ ލެބޯޓްރީ އެބަހުއްޓެވެ. ނިއުކްލިއާ ރިއެކްޓަރުގައި ބޭނުންކުރާ ދަގަނޑުތައް އެ ތަނުގައި އަލުން ޕްރޮސެސްކޮށް އެޒްރޭލުގެ ނިއުކްލިއާ ވެޕަން ޕްރޮގްރާމަށް ބޭނުންވާ ޕްލުޓޯނިއަމް އުފައްދަ އެވެ.
ނަމަވެސް، އިޒްރޭލުން މިހާރުކުރިއަށް ގެންދާ މަރާމާތުކުރުމެގެ މައިގަނޑު ބޭނުމަކީ ކޮބާ ކަމެއް ސާފުނުވެ އެވެ. އެ މަސައްކަތާ ގުޅޭގޮތުން އޭޕީއިން އިޒްރޭލުގެ ސަރުކާރާކުރި ސުވާލުތަކަށް ސަރުކާރުން ޖަވާބު ދީފައެއް ނުވެ އެވެ.
އިޒްރޭލަކީ ނިއުކްލިއާ ހަތިޔާރު އުފައްދާ ބޭނުންކުރުން މަނާކުރާ އެއްބަސްވުމެއް ކަމަށްވާ ނޮން ޕްރޮލިފަރޭޝަން ޓްރީޓީގައި ބައިވެރިނުވާ ހަތަރު ގައުމުގެ ތެރެއިން އެއް ގައުމެވެ.
މިހާ ހިސާބަށް އެ ގައުމުން ނިއުކްލިއާ ހަތިޔާރު ހުރިކަމެއް ނުވަތަ ނެތްކަމެއް ވެސް އެ ގައުމުގެ ސަރުކާރުން ޔަގީން ކޮށްދީފައެއް ނުވެ އެވެ.