މިހާރު އެމެރިކާގައި ކުރިއަށްދާ ކޮޕާ އެމެރިކާ 2024 ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ ފެންނާނެ ކަމަށް ހަބަރުތައް ބުނެފި އެވެ.

ރާއްޖެ ގަޑިން ޖުލައި މަހުގެ 15 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެ މެޗުގައި ޝަކީރާގެ ހުށައެޅުން ފެނިގެންދާނީ މެޗުގެ ހާފްޓައިމް ބްރޭކްގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މީގެ ކުރިން ވޯލްޑް ކަޕްއާއި ޔޫރޯ ފަދަ ބޮޑެތި މުބާރާތްތަކުން ޝަކީރާ ފެނިގެން ގޮސްފައިވާ ނަމަވެސް މިއީ ކޮޕާ އެމެރިކާއިން އޭނާ ފެންނަ ފުރަތަމަ ފަހަރެވެ.

ފައިނަލް މެޗުގައި އެއްކޮޅުން ކުޅޭނެ ޓީމަކަށް ލައޮނަލް މެސީގެ އާޖެންޓީނާ ކަށަވަރު ވެފައިވާއިރު ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މާދަމާ އުރުގުއޭއާއި ކޮލަމްބިއާ ވާދަކުރާ މެޗުން ކުރި ހޯދާ ޓީމެކެވެ.

https://www.instagram.com/p/C9NH-_nJiZm/

ކޮޕާ އެމެރިކާއަކީ ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ގިނަ ދުވަސްވީ ސަރަހައްދީ ފުޓްބޯޅަ މުބާރާތެވެ. މިއަހަރުގެ މުބާރާތް ކުރިއަށް ދަނީ ޔޫރަޕްގެ ޔޫރޯވެސް ކުރިއަށްދާ ދުވަސްވަރު އެވެ.

ކޮޕާ އެމެރިކާގެ ފައިނަލް މެޗު މީޑިއާނެޓްގެ ޗެނަލް އައިސް ސްޕޯޓްސް (ޗެނަލް ނަމްބަރު 102) އިން ވަގުތުން ދުރަށް ދައްކާނެ އެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން ޖުލައި 15 ވަނަ ދުވަހުގެ ފަތިހު 5:00 ގަ އެވެ.