ރޭގަނޑުގެ ވަގުތުގައި ވެސް ސީޕްލޭން އޮޕަރޭޝަން ކުރިއަށްގެންދެވޭ ގޮތަށް، ދިއްލާފައި އޮންނަ ވޯޓާ ރަންވޭއެއް ހެދުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއަކީ ދުނިޔޭގެ އެންމެ ބޮޑު ސީ ޕްލޭން އޮޕަރޭޝަން ހިންގާ ގައުމެވެ. ނަމަވެސް ސީޕްލޭން ނުވަތަ މޫދަށް ޖައްސާ ބޯޓުގެ ޚިދުމަތް މިހާރު ދެމުން ގެންދަނީ ދުވާލުގެ ވަގުތުތަކުގައި އެކަންޏެވެ.

އެއާ ސާވިސް ވޯލްޑް ކޮންގްރެސްގެ ޕެނަލް ޑިސްކަޝަންއެއްގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ ޕީކް ދުވަސްވަރު ގަޑިއިރެއްގެ ކޮންމެ މިނެޓަކަށްވެސް، ސީޕްލޭން މޫވްމަންޓު ހަދާކަމަށެވެ. ބައެއް ދުވަސްވަރު މި އަދަދު 70އަށް އަރާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިއަހަރުގެ ވިންޓަ ސުޕާ ޕީކް ސީޒަން އަންނަންވާއިރަށް ސީޕްލޭން އޮޕަރޭޝަނަށް ބަދަލުތަކެއް ގެނައުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑު އާމާޒެއްގެގޮތުގައި ކަނޑައަޅާފައިވަނީ ރޭގަނޑު ދަތުރުކުރެވޭނެ ގޮތަށް ސީ ޕްލޭންގެ އޮޕަރޭޝަންތައް ފެށުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިހާރު ސީޕްލޭން ޚިދުމަތް ދެނީ ފަތިހުން ފެށިގެން، އިރުއޮއްސި 6 ޖެހުމާ ހަމައަށެވެ. މިގޮތަށް ޚިދުމަތް ދެނީ ރާއްޖޭގައި ރޭގަނޑު ސީ ޕްލޭނަށް ޖެއްސޭނެ ވަސީލަތްތައް ނެތުމުންނެވެ. ނަމަވެސް ސީޕްލޭންގެ ޑިމާންޑް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނާތީ ވީހާވެސް ގިނަ ވަގުތަށް އޮޕަރޭޝަން ކުރިއަށް ގެންދެވޭނެ ގޮތްތައް އެމްއޭސީއެލުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޝަރީފް ވިދާޅުވީ ސީޕްލޭން ޚިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން ރޭގަނޑު މި ޚިދުމަތް ދެވޭގޮތަށް ވަސީލަތްތައް ގާއިމު ކުރާނެ ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި ސީޕްލޭން ޖައްސާ ވޯޓާ ރަންވޭގައި ލައިޓް ހަރުކޮށް، ޚިދުމަތް ފެށުމަކީ އަމާޒު ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

"މިއީ ފަތުރުވެރިކަން ފުޅާކުރުމުގެ މުހިންމު މަސައްކަތަކަށް ވާނެ. މިހާރު ނިންމާފައި މިވަނީ ދިއްލާފައި އޮންނަ ވޯޓަ ރަންވޭއެއް ހެދުމަށް. މިއަހަރު ވިންޓަ ސުޕަ ޕީކަށް ދާއިރު މި ޚިދުމަތް ގާއިމުކުރާނަން. އޭރު ރޭގަނޑު ހައެއްގެ ފަހުން ވެސް ޚިދުމަތް ދެވޭނެ،" އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ސީޕްލޭން ޚިދުމަތުގައި އާ އިޖާދީ ގޮތްތައް ދުނިޔޭގައި ހޯދަމުންދާއިރު، އެކަންކަން ރާއްޖެއަށް ތައާރަފުކުރުމަކީ ގެންގުޅޭ މުހިންމު ވިސްނުމެއް ކަމަށެވެ. އަދި މިކަމުގައި ދުނިޔޭގެ އިންވެސްޓްޓަރުންނާ ވިޔަފާރިވެރިންގެ ޝަޢުގުވެރިކަން ހުރިނަމަ، އެކަމުގައި ދިވެހިރާއްޖެއިން ދޭންވާ ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެގޮތުން ސީ ޕްލޭންގެ ތަފާތު ފަރުމާގެ ބޯޓުތަކާއި، ސީޕްލޭން ދުއްވުމުގައި އިޢާދަކުރަނިވި ހަކަތައިން ދުއްވޭނެ ގޮތްތައް ބެލުމަކީ ވެސް ޝަޢުގުވެރިކަން ހުރި ދާއިރާތައްކަން ޝަރީފް ފާހަގަކުރެއްވި އެވެ.

އެއާ ޓެކްސީ ނުވަތަ ސީ ޕްލޭންގެ ޚިދުމަތް ރާއްޖޭގައި ފެށީ 1990 ގެ އަހަރުތަކުގަ އެވެ. މިހާރު ރާއްޖޭގެ ސީޕްލޭން ފްލީޓުގައި 60 އަށް ވުރެ ގިނަ ސީޕްލޭން ބޭނުންކުރެ އެވެ.