މަސްތުވާތަކެތީގެ ވަބާގައި ޖެހި ގިނަ ދުވަސްތަކެއް ވަންދެން އޭނާ އެކަމުގެ ތެރޭގައި އުޅެންޖެހުނެވެ. އޭގެ ފަހުން އެކަމުގެ ތެރެއިން ނުކުންނަން އަޒުމް ކަނޑައަޅައި ހިތްވަރާއެކު އޭނާ ދަތުރު ފެށި އެވެ. މިހާރު އެޑިކްޝަން ޕްރޮފެޝަނަލެއް އަދި ރިކަވަރީ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާ އަލީ އަދީބު މަސްތުވާތަކެތީގެ މައްސަލައިން ސަލާމަތްވާން ކުރި ދިގު ދަތުރުގެ ވާހަކަ ހިއްސާކޮށްލީ، އެޑިކްޝަނަކީ އެކަމުން އަރައިގަނެވޭނެ ކަމެއްކަން މުޖްތަމައަށް އަންގައި ދިނުމުގެ ބޭނުމުގަ އެވެ.
ރައްޓެހިންގެ ނުފޫޒުން މަގުއޮޅުނު
އަދީބު ދެކޭގޮތުގައި ރައްޓެހިންގެ ނުފޫޒު ނުވަތަ "ޕިއާ ޕްރެޝާ" އަކީ ވަރަށް ނުފޫޒު ގަދަ ގުޅުމެކެވެ. ރައްޓެހިންނާއެކީ އުޅޭއިރު އެމީހުން ކުރާކަން ކުރުމުން ގުޅުން ވަރުގަދަވާ ކަމުގައި ދެކެވި އެކަމުގެ ތެރެއަށް ފަސޭހައި ލެބޭނެ އެވެ.
"އޭރު ހަގީގަތުގައި މާގިނަ މައުލޫމާތެއް ނުހުރޭ. ނޭނގޭ އެހާބޮޑަށް މީ ކޮންކަހަލަ ކިހިނެތް ހުންނަ އެއްޗެއް ކަމެއް. ކަންކަން ދަސްކުރުމުގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ހުންނާތީ އެ ފުރުސަތު ލިބުމުން ގޮތް ބަލާލަން ބޭނުންކުރެވުނީ،" އަދީބު ފުރަތަމަ މަސްތުވާތަކެތި ބޭނުންކުރަން ފެށުނުގޮތް ކިޔައިދިނެވެ.
އަދީބު ދެކޭގޮތުގައި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހަކީ އެކަން ހުއްޓާލެވޭނެ މީހެއްކަން، މުޖުތަމައު ގަބޫލުނުކުރުމާއި ހަމައެފަދައިން މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލުމަށްފަހު އަނެއްކާ ވެސް އޭގެ ތެރެއަށް ދިއުން ނުވަތަ "ރިލެޕްސް" ވުމަކީ ރަނގަޅު ނުވާނެ ކަމުގެ ނިޝާނެއްގެ ގޮތުގައި މާކުރީން ފެށިގެން، ގިނަ ޒުވާނުން އެކަމުން އަރައިގަންނަށް އުނދަގޫވާ އެންމެ ބޮޑު އެއްސަބަބެވެ. އެހެން ނަމަވެސް އެއީ މުޅިން ކުށް ހީއެއްކަން އޭނާ އެވަނީ މަސްތުވާތަކެތީން މުޅީން ސަލާމްތްވެ، އެކަން ސާބިތުކޮށްދީފަ އެވެ.
މުޅި ހަޔާތް ބަދަލުކޮށްލީ ޖާނީއަށް ދެވުމުން
މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލަން ޖެހޭކަމަށް ވިސްނުނީ، ހަށިގަނޑަށް ލިބެމުން ދިޔަ އުނދަގޫތަކެއްގެ ސަބަބުންނާއި މުޖްތަމައު އާއި އާއިލާގެ ނުރުހުމާއި، ލޯބިވާ އެންމެނަށް ގެއްލުން ދެވޭކަމުގެ އިހުސާސްކުރެވި، އެކަމާ ވީދެރައިންނެވެ. އެގޮތުން ކ. ހިންމަފުށި ރިހެބަށް ހަތަރު ފަހަރު އަދި ބޭރު ގައުމުތަކުގެ ރިހެބްތަކުގައި ގިނަ ފަރުވާތަކެއް އޭނާ ހޯދި އެވެ. ނަމަވެސް އެކަށީގެންވާ ފަރުވާއެއް ނުލިބުމުން ރިލެޕްސް ނުވަތަ އިހުވަރުވެ މާޔޫސްވެ، އުންމީދު ގެއްލުނެވެ.
ނަމަވެސް ރަނގަޅުވުމުގެ ނިޔަތް އޮތީތީ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ "ޖާނީ" ވެސް ތަޖުރިބާކޮށްލަން ބޭނުންވި އެވެ. ޖާނީ އިން ލިބުނީ ވަރަށް އުންމީދީ ތަޖުރިބާތަކެކެވެ. ފުރަތަމަ ކަމަކީ މަސްތުވާތަކެތީން ސަލާމަތްވެވޭނެކަމުގެ ޔަގީންކަން ލިބުމެވެ. އެތަނުން ދިން ސަޕޯޓް މިއަދު ވެސް އޭނާ ފާހަގަކުރެ އެވެ.
"ޖާނީއިން ބުނި އެމީހުން އަތުގައި ބޭހެއް ނެތޭ. ހުއްޓާލަން ބޭނުމިއްޔާ ތިމަންނަމެން އެހީ ވާނަމޭ. މީޓިންތަކަށާއި ސެޝަންތަކަށް އަންނަން ބުނޭ. ގެއަށް ގެނެސް ގެއަށް ގެންގޮސް ކާންދީ އެހުރިހާ ކަމެއް ކޮށްދިން،" އަދީބު ބުންޏެވެ.
މިއުޗުއަލް ސަޕޯޓް ނުވަތަ އެކަކު އަނެކަކަށް ދޭ އެހީތެރިކަމަކީ މަސްތުވާތަކެތިން ސަލާމަތްވެ ހުރުމަށް ދެވޭ އެންމެ ބޮޑު ބާރު ކަމަށް ދިރާސާތަކުން ވެސް ހާމަވެފަ އެވެ. ޑްރަގް ބޭނުންކުރުން ހުއްޓާލުމުގެ ސަބަބުން އޯޕިޑް ވިތްޑްރޯވަލްގެ ބިރުވެރި ވޭން ގަދަ އަލާމާތްތައް ކުރިމަތިވި ހިނދު އޭނާއަށް ބޭނުންވާ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނެވެ. އޭގެ ތެރޭގައި އަވަށްޓެރިންނާއި ކަމުވޮށިވެގެންވާ ބޭފުޅުން ހިމެނެ އެވެ.
"ހުއްޓާލަން އުޅޭކަން އެނގުމުން، ގޭދޮށުގައި އުޅޭ މަޝްހޫރު ދުވަސްވީ ފުޓުބޯޅަ ކުޅުންތެރިން ވެސް އަދި މަޝްހޫރު ގަލޮޅު ކަންމަތިން ވަރަށް ހިތްވަރު ލިބުނު،" އަދީބު ބުންޏެވެ.
އަދީބަކީ ރާއްޖޭގައި ހުރި ހަމައެކަނި ރިކަވަރީ ކޯޗް
މަޖީދިއްޔާ ސްކޫލުންނާއި ސްރީލަންކާއިން ތައުލީމު ހާސިލްކޮށްފައިވާ އަދީބަކީ އަބަދުވެސް ފޮތްކިޔުމުގެ ޝައުގުވެރިކަން ހުންނަ މީހެކެވެ. ޖާނީގައި އެހެން އުޅެމުން އައިސް ޖިސްމާނީގޮތުން ވަރުޖެހި, ނަފްސާނީ ގޮތުން ހަމަޔަކަށް އެޅުމުން އޭނާ ފަދަ އެހެން މީހުންނަށް އެހީވުމަށް ސެޝަންތައް ނަގައިދިނުމުގެ ފުރުސަތު ލިބުނެވެ. އެ ހިސާބުން އަދީބުގެ ގާބިލްކަން ވެރިންނަށް ފާހަގަވެ، ކުރިއަށް ދިއުމުގެ އިތުރު ފުރުސަތުތައް ހޯދައިދިނެވެ.
އޭގެ ތެރެއިން ލިބުނު ފުރުސަތެއްގައި "ކޮލޮންބޯ ޕްލޭން"ގެ ތަމްރީނުތަކުގައި ބައިވެރިވެ، އެޑިކްޓިވް ކައުންސިލިން ބަނޑޮސް މުހައްމަދު ވަހީދުއްދީނުގެ އެހީގައި ހެދި އެވެ. އަދި 2013 ގައި އޭޝިއާ ބައްރުގައި ފުރަތަމަ ބޭއްވުނު ރިކަވަރީ ކޯޗް ތަމްރީނުކުރުމުގައި ބައިވެރިވެ، އޭގެ އިމްތިހާނުން އެންމެ މަތިން ފާސްވެ، ސަނަދު ހާސިލްކޮށްފައިވެ އެވެ.
އޭނާއަކީ އޭގެ ފަހުން ދުނިޔޭގެ އެކި ގައުމުތަކުގައި ޔުނިވާސަލް ރިކަވަރީ ކަރިކިއުލަމް ކިޔަވާދޭ އެކަކެވެ. މީގެ އިތުރުން ޔުނިވާސަލް ޕްރިވެންޝަން ކަރިކިއުލަމް ވެސް ކިޔަވައިދޭން ވެސް އެތައް ގައުމަށް ގޮސްފައިވެ އެވެ. ދެހާސް އަށަކުން ފެށިގެން މިއަދާ ހަމައަށް ވެސް އޭނާއަކީ ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ވަރަށް ކުޅަދާނަ ކަމާއެކު މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ މީހެކެވެ. ޖާނީގެ މާސްޓާ ޓްރެއިނާ އެވެ.
އިންޓަނެޝަނަލް ސޮސައިޓީ އޮފް ސަބްސްޓެންސް ޔޫސް ޕްރޮފެޝަނަލުންގެ، ކޮލޮމްބޯ ފްލޭން ޑްރަގް އެޑްވައިސަރީ ޕްރޮގްރާމްގެ އަދި ޔޫއެންއޯޑީސީގެ ގްލޯބަލް ޑްރަގްޑިމާންޑް ރިޑަކްޝަން މަސްޓަރ ޓްރެއިނާ އެވެ. މިހާރު ވެސް އޭނާ ދަނީ އެކި މީޑިއާތަކުގައި މަސްތުވާތަކެއްޗާއި ދެކޮޅަށް އަޑު އުފުލުމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަދީބް ވަނީ މިދިޔަ ޖޫން މަހު ގްރީސްގެ ތެލަސޮނިކީގައި އޮތް އައިސުޕް ކޮންފަރެންސްގައި ލޯންޗްކުރި ގްލޯބަލް ރިކަވަރީ ނެޓްވާކްގެ އެގްސެކެޓިވް ކޮމިޓީގައި ހިމެނިފަ އެވެ. އަދި މެލޭޝިއާގެ ސަރަވަކްގައި ބޭއްވި އިންޓަނެޝަނަލް ރިކަވަރީ ސިމްޕޯސިއަމްއިން އޭނާ މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތް ފާހަގަކޮށް ފީނިކްސް އެވާޑް އަރުވާފައިވެ އެވެ.
މަސްތުވާތަކެތިން ޒުވާނުން ސަލާމަތް ކުރުމުގައި އަދާކުރަނީ މުހިންމު ރޯލެއް
ކުރިން ރާއްޖޭގައި އޮތް މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބަދަލުކުރުމުގައި ޖާނީން ކުރި މަސައްކަތްތަކުގައި އަދީބު މުހިންމު ރޯލެއް އަދާކުރި އެވެ. އޭގެ ސަބަބުން މަސްތުވާއެއްޗެހި ބޭނުންކުރާ މީހުންނަށް އަދަބު ދިނުމުގެ ބަދަލުގައި ފަރުވާ ދިނުމުގެ ފުރުސަތު ހުޅުވިގެން ދިޔަ އެވެ.
އަދީބުގެ މައިގަނޑު މަސައްކަތަކީ މީހުން މަސްތުވާތަކެތީން ސަލާމަތްކުރުމަށްޓަކައި ސެޝަންސް ނަގައިދިނުމާއި އެ އޭރިޔާއަށް މީހުން ތަމްރީނުކުރުން ކަމުގައި ވިއަސް މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށާއި އެމީހުންގެ އާއިލާތަކަށް ވެސް އޭނާ ސަޕޯޓުދެ އެވެ.
މަސްތުވާތަކެތިން ސަލާމަތްވެތިބުމަށް ބޭނުންވާ މައުލޫމާތު ފެތުރުމުގެ ގޮތުން 3 ފޮތެއް ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ނެރުމުގައި އޭނާ މަސައްކަތްކޮށްފައިވެ އެވެ. އެ 3 ފޮތަކީ "ދިވެހިން މަސްތުވާ ތަކެއްޗަށް ދެވިހިފުން ސައިންސުގެ އަލީގައި" ކިޔާ ފޮތަކާއި، "ކާމިޔާބު ބެލެނިވެރިޔާ" އާއި އަދި ކުއްޖަކު މަސްތުވާތަކެތި ބޭނުންކުރަން ފައްޓައިފި ނަމަ ބެލެނިވެރިޔާ ހަދާނީ ކިހިނެތްތޯ ބުނެދިނުމަށް ދުރާލާ ތައްޔާރުވެ "ހުރަސްއެޅުން "ކިޔާ ފޮތެކެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖާނީއިން ކުރިއަށްގެންދާ "ރައިސް" ޕްރޮގްރާމް ރާވާ ހިންގުމުގައި އަދީބު ހިއްސާވެފައިވެ އެވެ.
ރައީސް ޕްރޮގްރާމަކީ ދިރާސާގެ އަލީގައި މަސްތުވާތަކެތިން ސަލާމަތްވެ ތިބުމަށް އެހީތެރިވުމަށް ރާއްޖޭގެ 18 ސަރަހައްދެއްގައި ހިންގަމުން އަންނަ ޕްރޮގްރާމެކެވެ.
ރާއްޖޭގެ މަސްތުވާތަކެތީގެ ހާލަތާއި ދޭތެރޭ އަދީބު ދެކޭ ގޮތް
އަދީބު ދެކޭގޮތުގައި ރާއްޖޭގައި މަސްތުވާތަކެތި ފެތުރިފައިވާ މިންވަރާއި ބަލައި ބެލެނިވެރިންގެ ވެސް އަދި ޓީޗަރުންގެ ކިބައިގައި ވެސް މިކަމާ ބެހޭ މައުލޫމާތު ވަރަށް މަދެވެ. ނަތީޖާއަކަށް ވަނީ ބޮޑެތިވަމުން އަންނަ ޖީލުގެ ކުދިންނަށް ކޮންމެހެން ބުނެދޭން ޖެހޭ އަދި ކޮންމެހެން ސަލާމަތްވެ ތިބެން ޖެހޭ ކަންކަން ބުނެނުދެވުމެވެ. އޭގެ ސަބަބުން ކުދިން ހޭލުންތެރި ނުވުމެވެ.
"ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ރާއްޖޭގައި ޑްރަގްސްއަކީ ރިހާކުރަށް ވުރެ ވެސް ފަސޭހައިން ލިބޭ އެއްޗެއްކަން. ވީމާ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން އެބަޖެހޭ،" އަދީބު ބުންޏެވެ.
ރާއްޖޭގައި ފަރުވާދިނުމަށް ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުތަކުގައި ހިންގާ ތެރަޕިއުޓިކް ކޮމިއުނިޓީ (ޓީސީ) ޕްރޮގްރާމްއަކީ އޭޝިއާ އާއި ވަރަށް ނުގުޅޭ، އާއިލާ އާއި އަހަރުމެންގެ ގުޅުންތަކާ ނުގުޅޭ ޕްރޮގްރާމެއް ކަން އަދީބު ފާހަގަކުރެ އެވެ. އަދި އެޑިކްޝަން ކައުންސިލިންއަކީ ވަކި ޚާއްސަ އެއްޗެއް ކަމަށާއި ނޯމަލް ކައުންސިލިން ކިޔަވައިގެން އެޑިކްޓުންނަށް ކައުންސިލިންއެއް ނުދެވޭދެނެ ކަމަށް އޭނާ ދެކެ އެވެ. އަދި މިދާއިރާއިން މީހުން ބިނާކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ ކަމެއްކަން އޭނާ ފާހަގަ ކުރެއެވެ.
"އަޅުގަނޑު މިހުރީ މިކަމުގައި ސަރުކާރާއެކު މަސައްކަތް ކުރަން ރެޑީގައި. އަދި މާތް الله ގެ ރަހުމަތުން އަޅުގަނޑުގެ ބައިނަލްއަގުވާމީ ގުޅުންތައް މިދާއިރާގެ އެންމެ ފުންނާބުއު ސް ބޭފުޅުންނާ އޮންނާނެ. އެ ގުޅުންތަކުގެ އެހީ ވެސް ގައުމީ ޑްރަގް މައްސަލަ ވަކިކުރުމުގައި ލިބޭނެކަން ޔަގީން، އެތަކެއް ފަހަރު އެކި ސަރުކާރުތަކަށް މިފަދަ އެހީ ކުރިން ވެސް ހުންނާނެ ހޯދައިދީފައި،" އަދީބުގެ ސާފު މެސެޖް އިއްވި އެވެ.