ޗުއްޓީ ދުވަހެއް އަތުވެއްޖެނަމަ ކަންނެތް ބަލީގައި އެނދުން ތެދުވާހިތްނުވުމަކީ މިހާރަކަށް އައިސް ވަރަށް އާންމު ކަމެކެވެ. ހޭލާ އޮތް ނަމަވެސް ގިނަ މީހުން އެނދުން ނުތެދުވެ ގިނަ ވަގުތުތަކެއް ޓީވީ ބެލުމުގައި ނުވަތަ ފޯނާ ކުޅުމުގައި ވަގުތުތައް އިސްރާފު ކުރެ އެވެ. ބުރަ ދުވަހަކަށްފަހު މަސައްކަތުން ލިބިފައިވާ ވަރުބަލިކަން ފިލުވާލުމުގެ ނިޔަތުގަ އެވެ.

ނަފްސާނީ ބަލިތަކާ ބެހޭ ޑޮކްޓަރުން ވިދާޅުވާ ގޮތުގައި މިފަދަ އާދަތަކުންވާ އަރާމަށް ވުރެ ލިބޭ ގެއްލުން ބޮޑެވެ. ހަގީގަތުގައި ގިނައިރު އޮށޯވެ އޮންނަ ނަމަ ވަރުބަލިކަން އިތުރުވެ އެވެ.

އެ ބޭފުޅުން ވިދާޅުވާ ގޮތުގައި ފުރިހަމަ ނިދި ލިބުމަކީ ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް އިތުރަށް ނިދާނަމަ ސިއްހަތަށް ގެއްލުން ލިބޭނެ އެވެ. ދިމާވެދާނެ ސިއްޚީ މައްސަލަތަކުގެ ތެރޭގައި، ހިތުގެ ބަލި، ފަލަބަލި އަދި ޑިޕްރެޝަންއަށް ދިއުން ހިމެނެ އެވެ.

ގިނައިން ނިދުމަކީ ގުދުރަތީ ގޮތުން ހަށިގަނޑު ހޭނިފައިވާ ނިދާ އަދި ހޭލާ ގަޑިތަކަށް މައްސަލަ ޖެހޭނެ ކެމެކެވެ. އަދި ނަފްސާނީ ސިއްހަތާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި ގިނައިން ނިދިއަސް، ޓީވީން ސީރީސްއެއް ބެލި ނަމަވެސް ނުވަތަ ސޯޝަލް މީޑިއާ ތެރޭގައި އުޅުނު ނަމަވެސް އެ މީހަކު ހައްލުކުރަން އުޅޭ މައްސަލައަކަށް ހައްލެއް ނުލިބޭނެ އެވެ. އެއީ ރެސްޓްކުރަން ބޭނުންކަމުގައި ވިއަސް މެ އެވެ.

އެނދުގައި ގިނަ ވަގުތު ހޭދަކުރުން އެބޭފުޅުން ސިފަ ކުރައްވަނީ، އަސްލު މައްސަލައިން ބޯދަމައި ގަތުމަށް ކުރާ ކަހަލަ ކަމެއް ކަމަކަށެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި އިތުރަށް ނިދައިގެން ކަމެއް ހައްލުވާނެ ކަމަށް ނުބަލައި، ކަސްރަތު ކޮށްލުމުން ރަނގަޅެވެ. އޭރުން ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރުވެ އެވެ.

މިސާލަކަށް ހިނގާލަން ދިއުމުން ބޭރު ތެރެއިން ދިމާވާ ރައްޓެއްސެއްގެ ސަބަބުން ހިތްހަމަޖެހުން އިތުރުވާނެ އެވެ. ގެއިން ނުކުންނަން ބޭނުން ނުވި ނަމަވެސް އެނދުގައި ނޯވެ ފައިދާހުރި ކަމެއްގައި މަސްއޫލުވެ އުޅުމަކީ ވެސް ހިތްހަމަޖެހުން ގެނެސްދޭނެ ކަމެއްކަމަށް ވިދާޅުވި އެވެ. އަދި އެއްވެސް ސަބަބަކާ ހުރެ ދުވާލު ގަޑީގައި ގިނައިން ނިދައި، ރޭގަނޑު ނުނިދޭނެ ގޮތަކަށް ކަންތައް ނުރޭވުމަކީ ސިއްހަތަށް އެންމެ ފައިދާ ހުރިގޮތް ކަމުގައި ވެސް އެ ބޭފުޅުން ވިދާޅުވެ އެވެ.