ކަތުމަންޑޫ (ޖުލައި 13) - އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ނޭޕާލުގެ ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހަލް މަގާމުން ވަކިކޮށްފި އެވެ.

ހަރުކަށި ފިކުރުތަކެއް ގެންގުޅުއްވާ ކަމަށް ބުނާ ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހަލްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާފައިވަނީ އިއްޔެ އެވެ.

މިއާއެކު ނޭޕާލުގެ ސިޔާސީ ލީޑަރު ކޭޕީ ޝަރުމާ އޮލީ އިސްވެ ހުންނަވާ ކޯލިޝަންގެ އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އުމުރުން 69 އަހަރުގެ ދަހަލް އަށް ޕާލަމެންޓުގެ އަޣުލަބިއްޔަތު ސާބިތުކޮށްދޭން މަޖުބޫރުވީ އޭނާގެ އެންމެ ބޮޑު ބައިވެރިޔާ، އޮލީ އިސްވެ ހުންނަވާ ލިބަރަލް ކޮމިއުނިސްޓް ޔުނިފައިޑް މާކްސިސްޓް ލެނިނިސްޓް (ޔޫއެމްއެލް) ޕާޓީން މިދިޔަ ހަފުތާގައި ތާއީދު އަނބުރާ ގެންދިއުމުންނެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބޮޑުވަޒީރުކަން ކުރައްވާފައިވާ އޮލީ ވަނީ މިދިޔަ ޖޫން މަހުގެ ފަހުކޮޅު ސެންޓްރިސްޓް ނޭޕާލް ކޮންގްރެސް (އެންސީ) އާ އެކު އެއްބަސްވުމެއް ހަދައި، އަޣުލަބިއްޔަތަށް ބޭނުންވާވަރަށް ގޮނޑި ހޯއްދަވައިފަ އެވެ. އާ ސަރުކާރު ވެރިކަމާ ހަވާލުވާނެ ތާރީހެއް އަދި ކަނޑައަޅައިފައެއް ނުވެ އެވެ.

މާއޮއިސްޓް ހަނގުރާމަވެރިންގެ ކުރީގެ ވެރިޔާ ދަހަލް އަށް ވެރިކަން ދެމެހެއްޓުމަށް 275 މެމްބަރުންގެ މަޖިލީހުގައި މަދުވެގެން 138 ވޯޓު ބޭނުންވެ އެވެ. ޗެމްބަރުތަކުގައި ތިއްބެވި 258 މެމްބަރުންގެ ތެރެއިން 63 މެމްބަރަކު އޭނާ އަށް ވޯޓު ދެއްވި އިރު، އިތުބާރު ނެތްކަމަށް 194 މެމްބަރުން ވޯޓު ދެއްވި އެވެ.

ޑިސެމްބަރު 2022 ގައި ފެށި ބޮޑުވަޒީރުކަމުގެ ތިން ވަނަ ދައުރުގައި ދަހާލް ވަނީ ކޯލިޝަންގެ މައި ބައިވެރިޔާ ތިން ފަހަރެއްގެ މަތިން ބަދަލުކުރައްވައި، ފަސް ފަހަރެއްގެ މަތިން އިތުބާރު އޮތްތޯ ބަލަން ވޯޓެއް ނަގަން ޖެހިފަ އެވެ.

ހުކުރު ދުވަހުގެ ވޯޓުގެ ކުރިން ދެއްވި ތަގުރީރެއްގައި ދަހާލް ވިދާޅުވީ އެންމެ ބޮޑު ދެ ސިޔާސީ ޕާޓީ ހިމެނޭ އޮލީގެ ކޯލިޝަނަކީ ޑިމޮކްރެޓިކް އުސޫލުތަކާ ހިލާފު ކޯލިޝަނެއް ކަމަށެވެ.

ދެހާސް އަށާރަވަނަ އަހަރު ނޭޕާލުގެ 239 އަހަރުވީ ރަސްކަން އުވާލި ފަހުން ނޭޕާލަކީ ސިޔާސީ ގޮތުން ހަލަބޮލި ގައުމެކެވެ. އޭގެ ފަހުން އޮލީގެ އާ ސަރުކާރު ވާނީ 14 ވަނަ ސަރުކާރަށެވެ.

ނޭޕާލުގެ ސިޔާސީ މަސްރަހު ގާތުން ބަލަމުން ދަނީ އެ ގައުމުގެ ބޮޑު ދެ އަވަށްޓެރިން ކަމަށްވާ ޗައިނާ އާއި އިންޑިއާ އިންނެވެ.