އިގްތިސާދީ ހާލަތެއްގެ ތެރޭގައި އޮއްވައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް ވަކި ކުރަން އުޅުމަކީ ނުރައްކާތެރި ކަމެއް ކަމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒަށް ލަފާއެރުވުމަށް މާލިއްޔަތު ކޮމިޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ. ގަވަަރުނަރު ވަކިކުރުމަށް ހުށަހެޅި މައްސަލައާ ގުޅިގެން ކޮމިޓީން ސުވާލުކުރުމަށް އަލީ ހާޝިމް ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް ތިން ފަހަރެއްގެ މަތިން އެންގި ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ މީގެން އެއްވެސް ދުވަހަކު ހާޒިރުވެ ވަޑައިނުގަންނަވަ އެވެ.
މީގެ ކުރިން ހާޝިމް ވަނީ ކޮމިޓީއަށް ރިޕޯޓެއް ހުށަހަޅުއްވާފަ އެވެ. ރިޕޯޓުގައި ބުނެފައިވަނީ ރާއްޖެ އިގުތިސާދީ ކާރިސާއަކަށް ދިޔަ ނުދިނުމަށްޓަކައި އެމްއެމްއޭއާއި އެހެން ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ދެމުންދިޔަ އިރުޝާދުތަކާއި ލަފާތަކަށް ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުން އަހަމިއްޔަތުކަން ދީފައި ނުވާ ކަމަށެވެ.
ފައްޔާޒް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިގްތިސާދީ ހާލަތު މިހާ ބޮޑަށް ދަށްވެފައި ވަނިކޮށް ގަވަރުނަރު ވަކި ކުރަން އުޅުމުން އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި އެ ނިންމުން ރަޒްމުކޮށްދެނީ މި ސަރުކާރުގެ ދުރުވިސްނުމާއި ރޭވުންތެރިކަމެއް ނެތް ކަމެވެ.
"ރޭވުންތެރިކަމާއި ވިސްނުންތެރިކަން އިސްކުރަންޖެހޭ. އަޅުގަނޑު ރައީސް މުއިއްޒުގެ ސަރުކާރަށް ގޮވައިލަން، މިފަދަ ނުރައްކާތެރި މިސްރާބަކުން ނުދިޔުމަށް،" ފައްޔާޒް ވިދާޅުވި އެވެ.
މައްސަލަ ހުށަހެޅުއްވި މަޖިލިސްގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ގަވަރުނަރު ވަކިކުރަން ލަފާ ދެނީ ގައުމުގެ އިގުތިސޯދު ހީނަރުވެ، އަލުން އަނބުރާ އިއާދަކުރަން އުނދަގޫ ހިސާބަކަށް ދިޔައިރު، އެމްއެމްއޭއިން މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިންގަމުންދާ ތަން ނުފެންނާތީ ކަމަށް ވިދާޅުވެފަ އެވެ.