މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް އެ މަނިކުފާނާ ހަވާލު ކުރައްވާފައިވާ ޒިންމާތައް އަދާކުރައްވާތަން ފެނިގެން ނުދާ ކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު ނާޒިމް ވިދާޅުވީ ދައުލަތުން އިގްތިސާދުގެ ކަންކަން ހަމައަކަށް އެޅުވުމަށް ކުރާ މަސައްކަތް ކުރެވޭނީ މި ބިލުގައި ބަޔާންކޮށްފައިވާ ޕޮލިސީގެ ދަށުން ކަމަށެވެ. އެހެންނަމަވެސް ދައުލަތަށް އިގްތިސާދުގެ މައްޗަށް ބާރު ނުފޯރުވޭ ހާލަތެއްވާ ކަމަށާއި އެއީ މަނިޓަރީ ޕޮލިސީ ކޮންޓްރޯލް ކުރުން ކަމަށް ނާޒިމް ވިދާޅުވި އެވެ. މަނިޓަރީ ޕޮލިސީއަކީ މަރުކަޒީ ބޭންކުގެ ގަވަރުނަރާ ހަވާލުކުރެވިފައިވާ މަސްއޫލިޔަތެއްކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ ގަވަރުނަރު އެ މަސްއޫލިޔަތު އަދާކުރައްވާތަން ނުފެންނަކަމަށެވެ.
"މަނިޓަރީ ޕޮލިސީއަކީ ދިވެހި ދައުލަތުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރާ ހަވާލުކުރެވިފައި އޮތް މަސްއޫލިއްޔަތެއް. އަޅުގަނޑުމެންނަކަށް ފެންނަމުން ނުދޭ ގަވަރުނަރު އެ މަސްއޫލިއްޔަތު އަދާކުރައްވާތީއެއް. މި ސަރުކާރު ވެރިކަމާ ހަވާލުވެގެން މިއީ ހަތް މަސް ދުވަހުގެ ތެރޭގައި ގަވަރުނަރުގެ ފަރާތުން ސަރުކާރަކަށް އެއްވެސް ކަހަލަ ލަފައެއް ލިބިފައިނުވޭ،" ނާޒިމު ވިދާޅުވި އެވެ.
އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަލީ ހާޝިމް އައްޔަނުކުރީ ސެޕްޓެމްބަރު 8, 2019 ގަ އެވެ.
މި ޖަލްސާގައި އިތުރަށް ނާޒިމް ވިދާޅުވީ ބޮލޮކް ގްރާންޓުގެ ގޮތުގައި މި އަހަރު ކައުންސިލްތަކަށް 2.2 ބިލިއަން ރުފިޔާ ދޭއިރު އެ ކައުންސިލްތަކުން ފައިސާ ބޭނުން ކުރަމުން އަންނަނީ މާލީ ޒިންމާދާރުވެރި ކަމެއް ނެތި ކަމަށެވެ. އެގޮތުން އަތޮޅު ކައުންސިލްތަކުން ބޭރު ގައުމުތަކަށް ބޮޑު ހަރަދުގައި ދަތުރުކުރާކަން ފާހަގަ ކުރައްވާ ނާޒިމް ވަނި މިގޮތަށް ކުރާ ދަތުރުތަކުގައި ކަޅުބާޒާރުން ޑޮލަރު ގަންނަކަން ވެސް ފާހަގަ ކުރައްވާފަ އެވެ.
“ޖުލައި 26 ބަންދާއި ދިމާކޮށް ހއ. އަތޮޅު ކައުންސިލަރުން ވަނީ ބެންކޮކް ދަތުރެއް ރާވާފައި. މި ހިންގާ 2024 ވަނަ އަހަރުގެ ތެރޭގައި ގދ. އަތަޮޅުގެ އަތޮޅު ކައުންސިލަރުން 12 ދުވަހަށް ތުރުކީއަށް ތިން ދުވަހަށް ދުބާއީއަށް ދަތުރުކުރުމަށް 837078.96 ރުފިޔާ ހަރަދުކޮށްފައިވޭ. ޑޮލަރު ގަތީ ކަޅު ބާޒާރުން 17.67 ރުފިޔާއަށް.” ނާޒިމް ވިދާޅުވި އެވެ.
ކައުންސިލްތަކުގެ މި ކަންކަމަށް ފާޑުވިދާޅުވެ ނާޒިމް ވިދާޅުވީ ގާނޫނަށް ގެންނަން ޖެހޭ ބަދަލު ގެނެސްގެން ނަމަވެސް، ދައުލަތުގެ ވިސްނުމާ އެއްގޮތަށް ކައުންސިލްތަކުގެ ވިސްނުން ބަދަލުކުރަން ޖެހޭކަމަށެވެ.
އިގްތިސާދީ ހާލަތު ހުރި ގޮތުން، ސަރުކާރުން ވަނީ ދައުލަތުގެ ހަރަދު ކުޑަ ކުރަން ގިނަ ފިޔަވަޅެއް އަޅަން ނިންމައިފަ އެވެ.