ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކެއުމެއް ކަމަށްވާ "ޑޮނާ ކަބާބް"ގެ މިލްކުވެރިކަން ހޯދަން ތުރުކީ ވިލާތާއި ޖަރުމަނު ވިލާތުން "ތަޅާ ފޮޅަން" ފަށައިފި އެވެ.

ވަކި މިންގަނޑަކަށް ކައްކާފައިވާ އެއްގަމު މަހާއި ރޮޓިސަރީ ބޭނުންކޮށްގެން ތައްޔާރުކުރާ ޑޮނާ ކަބާބްއަކީ ތުރުކީއިން އުފެދި އެ ގައުމުން ޖަރުމަނަށް ހިޖުރަކުރި މީހުންގެ ފަރާތުން ޖަރުމަނަށް ތައާރަފްވި ކެއުމެކެވެ. އެހެން ނަމަވެސް މި ފަހަކަށް އައިސް ޖަަރުމަނުން ޑޮނާ ކަބާބް ތައްޔާރު ކުރުމުގައި ގެންގުޅޭ މިންގަނޑުތައް ތަފާތު ވުމުން ތުރުކީއިން ވަނީ އެކަމާ ހިތްހަމަނުޖެހި ޔޫރަޕިއަން ކޮމިޝަނަށް "ޓްރެޑިޝަނަލް ސްޕެޝަލިޓީ ގެރެންޓީޑް ސްޓޭޓަސް" ހޯދަން ހުށައަޅާފަ އެވެ.

"ޓްރެޑިޝަނަލް ސްޕެޝަލިޓީ ސްޓޭޓަސް" ނުވަތަ ޓީއެސްޖީ އަކީ ވަކި ޔޫރަޕްގެ ގައުމަކަށް ނުވަތަ ސަގާފަތަކަށް ނިސްބަތްވާ ކެއުމުގެ ބާވަތްތައް އެހެން ތަންތަނުގައި ތައްޔާރު ކުރާނަމަ އޭގެ އަސްލު ނުގެއްލޭނެކަން ކަށަވަރު ކުރުމުގެ ގޮތުން ހޯދާ ސްޓެޓަސް އެކެވެ.

އެގޮތުން ޑޮނާ ކަބާބްގައި ހިމެނޭ މަހުގެ ބޯ މިނާއި ފުށްގަނޑުގެ ފެންވަރު ވަކި ވަރަކަށް ނެތީސް އެއީ "ޑޮނާ ކަބާބް"އެއްގެ ގޮތުގައި ބަލައިނުގަނެވޭނެ ކަމަށް ތުރުކީއިން ބުނެ އެވެ.

ރައްދުގައި ޖަރުމަނުން ވަނީ ޑޮނާ ކަބާބްއަކީ އެ ގައުމުގެ އަމިއްލަ އުފެއްދުމެއް ކަމަށާއި އެހެން ކަމުން ވަކި ގޮތަކަށް އެ ކެއުން ތައްޔާރު ކުރަން ތުރުކީއަށް ނޭންގޭނެ ކަމަށް ބުނެފަ އެވެ.

ޔޫރަޕްގައި ޓީއެސްޖީގެ ސްޓޭޓަސް ހޯދާފައިވާ އެހެން ކެއުންތަކުގެ ތެރޭގައި އިޓަލީގެ ބަފަލޯ މޮޒަރެލާއާއި ސްޕެއިންގެ ސެރާނޯ ހޭމް ހިމެނެ އެވެ.