އެއީ މީގެ ހަތް އަހަރު ކުރި އެވެ. ހދ. ނެއްލައިދޫގައި ކަނަމަދުމެޓާ ހަދާކަން އެނގި އޭގެ ރަހަ ބަލާލާހިތުން ހުއްޓައި، ގޭދޮށު މީހަކު އޭނާއަށް މެޓާކޮޅެއް ގެނެސްދިނެވެ. ރަހަ ބާލަލުމަށް ފަހު މާބޮޑަށް މީރުވުމުން، އެ މެޓާ ހެދުމަށް ޝައުގުވެރިވެ، އެއާ ބެހޭ މައުލޫމާތު ނެއްލައިދޫ މީހުންގެ ފަރާތުން އިތުރަށް ހޯދި އެވެ. އޭގެ އެތައް އަހަރެއް ފަހުން މިހާރު، ހއ. އުތީމު ފީރޯޒުގޭ، ޝަމްސިއްޔާ އަބްދުއްރަހުމާނަކީ މުޅި އުތީމަށް މަޝްހޫރު މީރުކޮށް ކަނަމަދު މެޓާގަނޑު ހަދައިދޭ މީހުންގެ ތެރެއިން އެކަކެވެ.
ޝަމްސިއްޔާ ކަނަމަދު މެޓާގެ ރަހަބެލި ފަހުން އެ ހަދަން ބޭނުންވި އެވެ. އެކަމަށްޓަކައި އެ ތައްޔާރު ކުރާގޮތް އަހައި އޮޅުންފިލުވައި އިތުރު ބަޔަކު އެއްކޮށްގެން އެ ހެދޭތޯ އެތަށް ފަހަރަކު މަސައްކަތް ކުރި އެވެ.
"ފުރަތަމަ ދުވަސް ކޮޅު މެޓާގަނޑު ހަދަން ދަސްކުރީ 10 ނުވަތަ 12 މީހުން އެއްވެގެން. އެމީހުން އަޅުގަނޑު ގެ ގެއަށް ގެނެސްގެން މަސައްކަތް ކުރީ. މިގޭ އުނދުނުގައި މެޓާގަނޑު ހިލީ. އެކަކު ހިލާ ވަރުބަލި ވީމަ އަނެކަކު އަތަށް ދެނީ،" ފުރަތަމަ މެޓާގަނޑު ހަދަން ދަސްކުރި އިރު ކަންތައް ކުރިގޮތް ޝަމްސިއްޔާ ކިޔައި ދިނެވެ.
ފެށިއިރާ ބަލާފައި މިހާރު ސްޕީޑު މާ އަވަސް
ފުރަތަމަ ފެށިއިރު މަސައްކަތަށް ލަސް ނަމަވެސް، މިހާރު އާދަޔާ ޚިލާފް އަވަސް ސްޕީޑެއްގައި އޭނާ މަސައްކަތް ނިންމާލަ އެވެ. އެގޮތުން ދުވާލަކު 40 މެޓާ ގަނޑު އަޅާ ދުވަސް ވެސް ހުންނަކަން އޭނާ ފާހަގަ ކުރެ އެވެ. ހިލައިދެނީ އެމީހަކު ބުނި ގޮތަކަށެވެ. 100 ރުފިޔާއަށް ވިއްކާ މެޓާގަނޑެއް ހިލާލަން ނަގަނީ އެންމެ 15 މިނެޓެވެ. ބޮޑު އޯޑާއެއް ލިބި މާ ގިނައިން މެޓާ ހިލަން ޖެހިއްޖެ ނަމަ އެހީތެރިވުމުގެ ގޮތުން އަތްގާތް ކޮށްދޭނެ ކުދިން ކުރީކޮޅުގައި އޭނާ ގެނެސް އުޅުނު ނަމަވެސް ފަހުން ނުގެނެ އެވެ..
"މިހާރު އެހީތެރިވާ ކުދިން ނުގެންނަން. އެއީ އެކުދިން ވެސް އެކި ކަންކަމުގައި އަވަދިނެތި އުޅޭނެތީ. އެހެންވީމަ އެކަނި މަސައްކަތް ކޮށްލަނީ. އެކަނި ހުރެގެން 10 މެޓާގަނޑު ނުވަތަ 15 ވަރަކަށް މެޓާގަނޑު އަޅަން،" ޝަމްސިއްޔާ ބުންޏެވެ.
އެކިސައިޒުގެ މެޓާގަނޑު ހަދާލުމަކީ އޭނާއަށް މިއަދު އެއްވެސް ކަމެއް ނޫނެވެ. އެކި މެޓާގަނޑު ހުންނަނީ އެކި ޑިޒައިންތަކަށެވެ. އަދި އެކި ސައިޒުތަކަށެވެ. މެޓާގަނޑު ޑިޒައިންކުރަން ބޭނުންކުރާ ފިލާގަނޑު ތައްޔާރު ކޮށްދެނީ ކޮއްކޮއެއް ކަމަށް އޭނާ ބުންޏެވެ. ހަތަރު ވައްތަރުގެ ޑިޒައިން އޭނާގެ މަސައްކަތުގައި މިއަދު ވެސް ދަނީ ބޭނުންކުރަމުންނެވެ.
މެޓާހެދުމުގައި ހުރި ދަތިތައް
މަސައްކަތުގައި ހުރި އެންމެ ބޮޑު ދައްޗަކީ ބޭނުންވާ ވަރަށް ކަނަމަދު ނުލިބުން ކަމުގައި ޝަމްސިއްޔާ ބުންޏެވެ. އޭނާ ކަނަމަދު ހޯދަނީ ރައްޓެހިން މެދުވެރިކޮށެވެ. އޭގެ އަގަކީ 1،000 ރުފިޔާއާއި 2،000 ރުފިޔާ އާ ދެމެދެވެ.
ޝަމްސިއްޔާގެ މީރު ކަނަމަދު މެޓާ ހަދާގޮތް
އެއްޖޯޑު ކަނަމަދު މުގުރާފައި ބަހައްޓާށެވެ. އެއަށްފަހު އެއްދަޅު ގެރިކިރު ތެއްޔެއްގައި ކައްކަން އުދާށެވެ. ބޮކި ޖަހާ ކިރުތައް ކެކެން ފެށީމަ އޭގެ ތެރެއަށް ކަނަމަދުތަކާއި އެއް ސަމްސާ ހަކުރު އޮއްސާ ހިކެންދެން މަޑުގިނީގައި ބަހައްޓައިގެން ހިލާށެވެ. ގުޅަ ހެދޭ ވަރަށް ހިކުމުން އުނދުންމަތިން ބާލާއި ޑިޒައިން ފިލާގަނޑުގައި ތެޔޮހާކާފައި އޭގެ މައްޗަށް ކަނަމަދާއި ގެރިކިރު މިކްސް އަޅާފައި ދަމާލާށެވެ. ފަނަރަ ވަރަކަށް މިނެޓް ފަހުން ފިލާގަނޑުން ކަނަމަދު މިކްސް ނެއްޓޭއިރު ހުންނާނީ ކަނަމަދު މެޓައަށް ބަދަލުވެ ހަރުވެފައި ކާން ތައްޔާރުވެފަ އެވެ.
ކިހިނެއް ތީގެ މެޓަގަޑެއް ހޯދަން ހަދާނީ