ބަދިގެ ތެރޭގައި މަސައްކަތް ކުރުމުން ސިކުނޑީގައި ހިނގާ އުނދަގޫ ކުރާ ވިސްނުންތަކުން ދުރުކޮށްދެ އެވެ. މީހާ ހަރަކާތްތެރި ކުރުވަ އެވެ. ފުށް މޮޑުމާއި އެއްޗެހި ގިރުން ފަދަ ހަރަކާތްތަކުގެ ސަބަބުން ބޭކާރު ފިކުރުތަކުން އެއްކިބާކޮށް، "ފޯކަސް" ރަނގަޅު ކޮށްދެ އެވެ. މި ހުނަރުވެރިޔާއަށް ބަދިގޭގެ މަސައްކަތުގައި ގިނަ ވަގުތު ހޭދަ ކުރެވެނީ ހިތުގައިވާ އުދާސްތަކަށް ފަރުވާ ލިބޭތީ އެވެ. ކެއްކުމަކީ ހަމަ ޔަގީނުން ވެސް ފަރުވާއެއްކަން އޭނާ ސާބިތު ކޮށްދީފި އެވެ.
ކުޑައިރުގެ ހިތި ހަނދާންތަކުން މިއަދު ވެސް ސ. ހިތަދޫއަށް އުފަން، އެރަށު އައްޑޫގޭ އައިޝަތު ނާއިލާ (ނާއިލާ) ފެންކަޅި ކުރުވަ އެވެ. ދިރިއުޅުމުގެ ހާލަތު ނިޔާކުރި ގޮތުން އޭނާއަށް މަޖުބޫރުވީ ވަރަށް ކުޑައިރު މީހުންނަށް މަސައްކަތް ކޮށްދިނުމަށް ނުކުތުމަށެވެ.
"އަޅުގަނޑަކީ މަންމަ އާ ބައްޕަގެ އެންމެ ދޮށީ ކުއްޖާ. އަޅުގަނޑުގެ ބައްޕަ ވެސް އަދި މަންމަ ވެސް އަޅުގަނޑު ދެކެ ލޯބިވޭ. އެހެން ނަމަވެސް ވަރަށް ކުޑައިރުން ފެށިގެން އަޅުގަނޑު ބެލީ މަންމަ ފަރާތު މާމަ. އަޅުގަނޑުގެ އުމުރުގެ އެހެން ކުދިން ސްކޫލަށް ދާއިރު އަޅުގަނޑު އުޅުނީ ގޭގޭގައި މީހުންނަށް މަސައްކަތް ކޮށްދޭން. އެހެން އުޅުމުގެ ތެރެއިން މަސައްކަތުގެ މާހައުލަށް އަހުލުވެރި ވެވުނީ،" ޒަވާޖީ ހަޔާތެއް ފަށައިގެން މިހާރު މ. މުލަކުގައި ދިރިއުޅެމުންދާ ނާއިލާގެ ވާހަކަ ފެށީ މިހެންނެވެ.
މައިގަނޑު ގޮތެއްގައި އޭނާ ކުރާ މަސައްކަތަކީ ކެއްކުމެވެ. މަންމަގެ ފަރާތުން ދަސްވިކަމެއް ފިޔަވައި އޭނާ ކައްކަން ދަސްކުރުމަށް އިތުރު ކޯހެއް ނުހަދަ އެވެ. ނަމަވެސް މީރު ރަހަތަށް ނެރުމުގައި އޭނާ ވަރަށް ކުޅަދާނަ އެވެ.
ކައިވެންޏަށް ފަހު ފިރިމީހާގެ ރަށް ކަމަށްވާ މ. މުލަކަށް ބަދަލުވެ، އެރަށުގެ މީހުން ކުރާ ބައެއް މަސައްކަތުގައި އޭނާ ބައިވެރިވާން ފެށި އެވެ. އޭނާގެ ކެއްކުމުގެ ހުނަރު ރަށު މީހުންނަށް އެގެން ފެށީ ގޭގައި ކައްކާ ކެއުންތަކުގެ ފޮޓޯ ފެމިލީ ވައިބާ ގްރޫޕްތަކުގައި ހިއްސާކުރަން ފެށުމުންނެވެ.
"އަޅުގަނޑުގެ މަންމަ އަދި އެއް ކޮއްކޮ ވަރަށް މީރުކޮށް ބިރިޔާނި ބަތްގަނޑު ހަދާނެ. އަޅުގަނޑު ވެސް ފަހުން އަމިއްލަ ވިސްނުމަށް ތަފާތު ބަތްގަނޑު ހަދަން ފެށީ. އޭގެ ތެރޭގައި ޓޮމާޓޯ ބަތްގަނޑު، ބިރިޔާނީ ބަތްގަނޑު. ފަހުން ބަޓާޗިކަން، އަދި ޕޫރީ ކަހަލަ ތަފާތު ކެއުންތައް ވެސް ހަދަން ފެށިން. އަޅުގަނޑު ކައްކާކަން ފިރިމީހާގެ އާއިލާއަށް އެނގުނީ އަޅުގަނޑު ކައްކާފައިވާ އެއްޗެހީގެ ފޮޓޯ ފެނުމުން،" މުސްތަގުބަލުގައި އަމިއްލަ ބޭކަރީއެއް ނުވަތަ ކެފޭއެއް ނަމަވެސް ހުޅުވުމަށް އުންމީދުކުރާ ނާއިލާ ބުންޏެވެ.
މަސައްކަތުގެ މައިދާނަށް ނުކުތުން
ނާއިލާގެ ފުރަތަމަ ދަރިފުޅު އުފަންވުމަށް ފަހު، އާމްދަނީއެއް ލިބޭ މަސައްކަތެއް ކުރުމުގެ ބޭނުމުގައި އެރަށުގެ ހޮޓަލެއްގައި ކެއްކުމުގެ މަސައްކަތް އޭނާ ކުރަން ފެށި އެވެ. އެ ހޮޓަލުގައި އޭރު ތައްޔާރުކުރި ބާވަތްތަކަކީ ފްރައިޑް ރައިސް، ފްރައިޑް ނޫޑްލްސް އަދި ހެދިކާގެ ބާވަތްތައް ކަމަށްވާ ޕިއްޒާ، ޕެޓީސް، ކަޓްލަޓްސް، އަދި ގުޅަ ފަދަ ބާވަތްތަކެވެ.
އެ ހޮޓަލުގައި ބަރާބަރު ދެމަސް ދުވަހު މަސައްކަތް ކުރުމަށް ފަހު، ފިޝިން ވިލެޖް ކިޔާ ހޮޓަލަކަށް އޭނާ މަސައްކަތް ކޮށްދޭން ފެށި އެވެ. އެގޮތަށް ގިނަ ފުރުސަތު ލިބޭކަމާއި، ކޮންމެ ފަހަރަކު ވެސް މަސައްކަތް ހުއްޓާލަން ޖެހެނީ ކުދިން ބެލުމުގައި ދިމަވާ ދަތިތަކުގެ ސަބަބުން ކަމުގައި އޭނާ ބުންޏެވެ.
ރަށުގެ ޕޮލިސް ސްޓޭޝަންގެ މުއައްޒަފުންނަށް ކައްކަން ފެށުން
ނާއިލާގެ ކެއްކުން މީރުވެފައި މަސައްކަތް ރަނގަޅުކަމުން އޭނާއަށް އެ މަސައްކަތް ކުރުމަށް ގިނަ ފުރުސަތު ލިބެ އެވެ. އެކި ސަބަބުތަކާ ހުރެ ހުއްޓާލި ނަމަވެސް، ކައްކާ މީހަކު ހޯދުމަށް ބަޔަކު ވިސްނާއިރު އެމީހުންގެ ސިކުނޑިއަށް އަންނަ ފުރަތަމަ އަންނަ ނަމަކީ ނާއިލާގެ ނަމެވެ.
"އަޅުގަނޑު ފިޝިން ވިލެޖްގައި މަސައްކަތް ކުރިއިރު އެތަނުގެ ވެރިމީހާ ހޯދައިދިން ރަށު ޕޮލިސް ސްޓޭޝަންގައި ކެއްކުމުގެ ފުރުސަތެއް. އެ ފުރުސަތު ގަބޫލުކޮށް ހަތް އަހަރު ވަންދެން އެތަނުގައި މަސައްކަތް ކުރިން. އެތަން ދޫކޮށްލީ ތިންވަނަ ދަރިފުޅު ވިހައިގެން،" ނާއިލާ ބުންޏެވެ.
ނާއިލާގެ ތިންވަނަ ދަރިފުޅު ވަކިވަރަކަށް ބޮޑުވުމުން ވެސް، އަނެއްކާ ވެސް އެ މަސައްކަތަށް ދުވަސްކޮޅަކަށް ނުކުތެވެ. އެހެން ފަހަރުތަކާ ޚިލާފަށް މިފަހަރު މަސައްކަތް ކުރުން ހުއްޓާލަން ޖެހުނީ އޭނާގެ އަތަށް ދިމާވި ގެއްލުމެއްގައި އޮޕަރޭޝަނެއް ކުރަން ޖެހުމުންނެވެ.
ޒިލޭބީގެ ކާމިޔާބު ވިޔަފާރިއަށް
ހޮޓެލްތަކުގައި ކެއްކުމުގެ މަސައްކަތް ހުއްޓާލުމަށް ފަހު ދެން އޭނާ ނިންމީ މުޅިން ތަފާތު ކަމެއް ކުރުމަށެވެ. އެއީ ޒިލޭބި ހެދުމަށެވެ. ކުރިން ވެސް އެމަސައްކަތް ކޮށްފައި ވާތީ ޒިލޭބީގެ ވިޔަފާރި ގޭގައި ހުރެ ފެށުމަކީ ވަރަށް ރަނގަޅު ކަމެއް ކަމުގައި އޭނާއަށް ވިސްނުނެވެ.
"މިއީ ގޭގައި ހުރެގެން ކުރަން ވަރަށް ރަނގަޅު މަސައްކަތެއް. ކުރިން ވެސް ކުރި މަސައްކަތެއްމީ. އޭރު އަޅުގަނޑު ޒިލޭބި ވިއްކީ ދެ ރުފިޔާއަށް މިހާރު ފަސް ރުފިޔާއަށް. ޒިލޭބި ހަދަން ފެށީމަ ވަރަށް ފައިދާވި. އޯޑަރަށް ވެސް ހަދަން އަދި ގެއިން ވެސް ވިއްކަން،" ބޭކަރީ ކޯސް ވެސް ހަދާފައިވާ ނާއިލާ ބުންޏެވެ.
ނާއިލާ ހަދާ ޒިލޭބި ވަރަށް ގިނަ މީހުންނަށް މީރެވެ. ޒިލޭބީގެ މީރު ރަހަ ނެރުމަށްޓަކައި އޭނާ ޒިލޭބި ފުށްގަނޑު ގިރުމަށް ފަހު، 14 ގަޑިއިރު މަތިބާރު ކަންވާރެއްގައި ބަންދުކޮށްފައި ބަހައްޓަ އެވެ. އެއަށް ފަހު، އެފުށްގަނޑު ކުރިން ލޯވަޅު ކަނޑާފައިވާ ކޯކް ހުސްކުރި ފުޅިއަކަށް އަޅާފައި، ހޫނު ތެޔޮގަނޑެއް ތެރޭގައި ޒިލޭބީގެ ބައްޓަމަށް އަޅަމުން ތެލުލުމަށް ފަހު، ހަކުރު ފެންގަނޑެއްގެ ތެރެއަށް ލައިފައި ނަގައި، ހިއްކަން ބަހައްޓަ އެވެ.
"އަޅުގަނޑު ބުނެލަން އޮތީ ގޭގައި ހުރެގެން ކުރަން ކެރިއްޖެ ކޮންމެ މީހަކަށް ޒިލެބީގެ މަސައްކަތް ނޫނަސް ކޮންމެ މަސައްކަތެއް ވެސް ކުރެވޭނެ ކަމަށް. މަސައްކަތް ކުރަން ބޭނުންވެއްޖެނަމަ، ވަކިކަމެއް ނޯންނާނެ. ބުރަކޮށް މަސައްކަތް ކޮށްގެން އާމްދަނީ ހޯދޭނީ. މިސާލަކަށް އަޅުގަނޑު ގޭގައި އަތް އުރާލައިގެން ހުރެފި ނަމަ، ލާރިއެއް ނުލިބޭނެ،" މާލެ ބަދަލުވެވުނު ދުވަހަކުން ވިޔަފާރިއެއް ފެށުމަށް ވިސްނާ ނާއިލާ ބުންޏެވެ.
ނާއިލާ ފާހަގަކޮށްލެވެނީ ކެއްކުމުގެ އިތުރުން އިޖްތިމާއީ އެކި މަސައްކަތްތަކުގައި ވެސް ބައިވެރިވެ އުޅޭ ވަރަށް ހީވާގި "ފިސާރި" އަންހެނެއްގެ ގޮތުގައި އެވެ. އޭގެ ތެރޭގައި ފަން ވިނުމުގެ މަސައްކަތާއި ލުއިކާނާ ހެދުމުގެ މަސައްކަތް ހިމެނެ އެވެ.
އޭނާ އެވަނީ ކެއްކުމުގެ ހުނަރު ތަރައްގީކޮށް ގިނަ ބައެއްގެ ލޯބި ހޯދައިފަ އެވެ. މިއަދު މީހުންގެ ތެރޭގައި އޭނާ މަގުބޫލު ވެފައިވަނީ އޭނާ "ހިންދަމާނުލާ" ކޮށްފައިވާ މަސައްކަތުގެ ސަބަބުންނެވެ.
މިއަދު ކެއްކުމުގެ އެއްވެސް މަސައްކަތެއް ނުކޮށް ހުރުމަކީ ނާއިލާގެ ސިއްހަތު ތަންދޭ ކަމެއް ނޫނެވެ. އެ މަސައްކަތް ކުރުމުން އޭނާއަށް ނަފްސާނި ދުޅަހެޔޮކަން ލިބޭތީ ޑޮކްޓަރުން އޭނާއަށް ލަފާ ދެއްވާފައި ވަނީ ވެސް އެފަދަ ކޮންމެ ވެސް މަސައްކަތެއްގައި ވަގުތު ހޭދަ ކުރުމަށެވެ.
އޭނާގެ މަސައްކަތުގައި އެންމެ އެހީތެރިވެދޭ އެކަކީ އަބަދުވެސް އޭނާގެ ފިރިމީހާކަން ވަރަށް ޝުކުރުވެރި ކަމާއެކު ފާހަގަ ކުރެ އެވެ. އޭގެ އިތުރުން ފިރިމީހާގެ އާއިލާ މީހުންނާއި ގާތް އެކުވެރިންނެވެ. އޭނާ ކޮންމެ ވަގުތަކު ކޮންމެ ކަމަކަށް އެދި ގޮވާލި ނަމަ ވެސް، އޭނާގެ ގާތްރައްޓެހިން އަބަދުވެސް އިޖާބަދޭ ކަމަށް އޭނާ ވަރަށް އުފަލާއެކު ބުންޏެވެ.