އީރާނުގެ ބަނދަރުތަކަށް އެމެރިކާއިން ކުރިމަތިކޮށްފައިވާ ކަނޑުގެ ހުރަސްތައް ނައްތާލުން ހިމެނޭގޮތަށް، ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އީރާނުން ހުށަހަޅާފައިވާ ހުށަހެޅުން އެމެރިކާއިން ގަބޫލުކުރި ނަމަވެސް، އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އެއްވެސް ދޫދިނުމެއް ނުދޭނެ ކަމަށް އީރާނުގެ އިސް އޮފިޝަލަކު ހުކުރު ދުވަހު ރޮއިޓާސްއަށް ވިދާޅުވެއްޖެ އެވެ.
ނަން ހާމަނުކުރުމަށް އެދި ވާހަކަދެއްކެވި މި އޮފިޝަލް ވިދާޅުވީ، އެމެރިކާއިން އީރާނުގެ ހުރިހާ ޝަރުތުތަކެއް ފުރިހަމަކުރަންދެން އެ ކަނޑުއޮޅި ބަންދުކޮށްފައި އޮންނާނެ ކަމަށެވެ.
އީރާނުގެ ހުށަހެޅުމުގެ ދަށުން، ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމަށް ތެހެރާނުން ވަނީ ހުށަހަޅާފަ އެވެ. އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ބުރާސްފަތި ދުވަހު ވިދާޅުވި ގޮތުގައި، މި ހުށަހެޅުމަށް އަމަލުކުރަން ފަށާތާ ހަތް ދުވަހުގެ ތެރޭގައި ލުބުނާން ހިމެނޭހެން ހުރިހާ ފަރާތްތަކެއްގެ މެދުގައި އޮތް ހަމަނުޖެހުންތައް ނިމުމަކަށް އަންނާނެ އެވެ. އަދި އެމެރިކާއިން އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ ހުރަސްތައް ނައްތާލައި، ހިފަހައްޓާފައިވާ ފައިސާ ދޫކޮށް، ތެލުގެ ވިޔަފާރިއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދޭންޖެހޭނެ އެވެ.
މި ހުށަހެޅުން އައިސްފައިވަނީ އީރާނާއި އެމެރިކާއާ ދެމެދު ހަތް މަސް ދުވަހުގެ ހަނގުރާމައަކަށްފަހު، މެދުއިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގަ އެވެ. މި ހަމަނުޖެހުންތަކުގެ ތެރޭގައި އީރާނުގެ ތާއީދުލިބޭ ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ވަނީ ސައުދީ އަރަބިއްޔާއަށް މިސައިލާއި ޑްރޯންގެ ހަމަލާތަކެއް ދީފަ އެވެ.
އީރާނާއި އެމެރިކާގެ ކުރިމަތިލުންތައް ނިމުމަކަށް ގެނައުމުގެ މަސައްކަތުގައި ހޮރްމުޒް ކަނޑުއޮޅި މިހާރު ވެފައިވަނީ އެންމެ މުހިންމު ވަސީލަތަށެވެ. އީރާނުން ބޭނުންވަނީ އެގައުމުގެ އިގްތިސާދު އިނދަޖައްސާލާފައިވާ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށެވެ. އަދި އެމެރިކާއިން ބޭނުންވަނީ އީރާނުން ބަންދުކޮށްފައިވާ ބައިނަލްއަގްވާމީ ތެޔޮ ސަޕްލައި ކުރާ މުހިންމު މަގުން އުޅަނދުފަހަރަށް މިނިވަންކަމާއެކު ދަތުރުކުރެވޭނެ ގޮތް ހެދުމަށެވެ.
އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ބުރާސްފަތި ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވީ، ނޮވެމްބަރު 3 ގައި ބާއްވާ އެމެރިކާގެ މިޑްޓާމް އިންތިހާބުގެ ކުރިން ހަމަނުޖެހުންތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ތެހެރާނުން ބުނެފައިވަނީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ތަފްސީލީ މަޝްވަރާތައް ފަށާނީ އެމެރިކާއިން ހުށަހަޅާފައިވާ ޝަރުތުތައް ފުރިހަމަކުރުމުން ކަމަށެވެ. ނަމަވެސް، ޔުރޭނިއަމް މުއްސަނދިކުރުމާއި، މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ގައުމުން ބޭރަށް ފޮނުވާލުމަށް އެމެރިކާއިން ކުރާ ޑިމާންޑްތައް ހިމެނޭހެން، އީރާނުގެ ހައްގުތަކާ ގުޅޭ އެއްވެސް ކަމެއްގައި ދޫނުދޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އިޒްރޭލާއި އެމެރިކާ އަދި ހުޅަނގުގެ އެހެން ގައުމުތަކުން އީރާނަށް ތުހުމަތުކުރަމުންދަނީ އެގައުމުން ނިއުކްލިއާ ހަތިޔާރު އުފައްދަން އުޅޭ ކަމަށެވެ. މިގޮތުން ޔުރޭނިއަމް 60 އިންސައްތައަށް މުއްސަނދިކުރުމަކީ އާންމު ބޭނުންތަކަށް ބޭނުންވާ މިންވަރަށްވުރެ މާ މަތީ މިންވަރެއް ކަމަށާއި، އެއީ ހަތިޔާރު އުފައްދަން ބޭނުންވާ 90 އިންސައްތައާ ގާތްކުރާ މިންވަރެއްކަން އެފަރާތްތަކުން ފާހަގަކުރެ އެވެ. ނަމަވެސް އީރާނުން މި ތުހުމަތުތައް ދޮގުކުރެ އެވެ.
އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ އިން އަންދާޒާކުރާ ގޮތުގައި، 2025 ވަނަ އަހަރުގެ ޖޫން މަހު އިޒްރޭލާއި އެމެރިކާއިން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދިންއިރު، އީރާނުގައި 60 އިންސައްތައަށް މުއްސަނދިކޮށްފައިވާ 440.9 ކިލޯގެ ޔުރޭނިއަމް ހުއްޓެވެ. އޭގެ ތެރެއިން ސަލާމަތްވީ ކިހާ މިންވަރެއްކަން ސާފެއް ނޫނެވެ.
އީރާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ، އެންމެ މަތީ ދަރަޖައަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ކޮންސެންޓްރޭޝަން ދަށްކުރުމަށް އީރާނުން އެއްބަސްވެދާނެ ކަމަށެވެ.
އީރާނުގެ ދެ އިސް މަސްދަރަކާ ހަވާލާދީ މޭ މަހު ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ އެންމެ މަތީ ލީޑަރު މުޖްތަބާ ޚާމަނޭއީ ވަނީ އެގައުމުގައި މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ގައުމުން ބޭރަށް ނުފޮނުވުމަށް އަމުރެއް ނެރުއްވާފަ އެވެ.
އެވެންޖާސް އެންޑްގޭމް ލީކު ނުކުރުމަށް ޑައިރެކްޓަރުން އެދެފި
މަސްޖިދުލްހަރަމްގެ އީމާމު ޑރ. ޔާސިރް ރާއްޖެ ވަޑައިގަންނަވަނީ
އދ ގައި ނަތަންޔާހޫގެ ތަގުރީރު ފެށުމުން ރާއްޖޭގެ ވަފުދު ނުކުމެއްޖެ
