މިއަދު ޖަޕާނުގެ ދެކުނަށް 7.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައުމަށްފު އައްސޭރިފަށަށް ސުނާމީއެއް އަރައިފި އެވެ.
ސުނާމީއެއް އެރިނަމަވެސް އެ ގައުމުގެ އައްސޭރިފަށަށް ރާޅުގެ އަސަރުކުރީ ވަރަށް ކުޑަކޮށްކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނީ ބިންހެލުން އައިސްފައިވަނީ މިއަދު ހަވީރު ކިއުޝޫ ކައިރިން 25 ކިލޯމީޓަރު އަޑިން ކަމަށެވެ.
30 ސިކުންތާއި އެއް މިނެޓާ ދެމެދުގެ ވަގުތުކޮޅަކަށް ދެމިގެން ދިޔަ މި ބިންހެލުމުގައި ވަރަށް ބޮޑު ޝޮކެއް އިހުސާސް ކުރެވުނުކަމަށް މީޑިއާއަށް މައުލޫމާތު ދެމުން ލޯކަލް އޮފިޝަލަކު ވިދާޅުވެފައިވެ އެވެ.
ޖާޕާނުގެ މީޑިއާއެއް ކަމަށްވާ އެންއެޗްކޭއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކިޔުޝޫ އާއި ޝިކޯކޫ އައިލެންޑްސްގެ އައްސޭރިފަށުގެ ބައެއް ސަރަހައްދުތަކަށް 1 މީޓަރާއި ހަމައަށް ސުނާމީ އަރާނެކަމަށް އެންމެ ފުރަތަމަ ލަފާކޮށްފައި ވާކަމަށެވެ.
އަދި ބިންހެލުން އައި ސަރަހައްދާ ގާތްގަނޑަކަށް 850 ކިލޯމީޓަރު ދުރުގައި އޮންނަ ޗިބާއަށް ކުޑަ ސުނާމީއެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް ބިންހެލުން އައިތާ ގަޑިއެއްހާއިރު ފަހުން މިޔަޒާކީ ބަނދަރު ހިމެނޭ ގޮތަށް ބައެއް ތަންތަނަށް ސުނާމީ އަރާފައިވަނީ 50 ސެންޓިމީޓަރާއި 20 ސެންޓިމީޓަރު އަދި 10 ސެންޓިމީޓަރުގެ ސުނާމީ ކަމަށް އެ އިދާރާއިން ބުނެ އެވެ.
ޕެސިފިކް ސުނާމީ އިންޒާރުދޭ މަރުކަޒުން ނެރެފައިވާ އިންޒާރުގައި ބުނެފައިވަނީ ސުނާމީގެ ނުރައްކާތެރި ރާޅުތައް ބިންހެލުމުގެ އަސަރުކުރި 300 ކިލޯމީޓަރުގެ ސަރަހައްދުގައި އުފެދިދާނެ ކަމަށެވެ.
ބިންހެލުމާ ގުޅިގެން ޖަޕާން ސަރުކާރުން ވަނީ ހާއްސަ ޓާސްކްފޯހެއް އެކުލަވާލާފަ އެވެ.
125 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ ޖަޕާނުގައި އަހަރަކު ގާތްގަނޑަކަށް 1،500 އެއްހާ ބިންހެލުން އަންނަ އިރު، އެއީ ދުނިޔެއަށް އަންނަ ބިންހެލުންތަކުގެ ތެރެއިން 18 އިންސައްތަ އެވެ.
އާއަހަރު ފެށުނު ދުވަހު ޖަޕާން ކަނޑުގެ ނޯޓޯ ޕެނިންސިއުލާއަށް އައި ބިންހެލުމުގައި 318 މީހުން މަރުވެފައިވެ އެވެ. ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު އައި އެ ބިންހެލުމާއި އޭގެ އާފްޓާޝޮކްތަކުގެ ސަބަބުން އިމާރާތްތައް ވެއްޓި، އަލިފާން ރޯވެ، އިންފްރާސްޓްރަކްޗާއަށް ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
ޖަޕާނުގެ އިރުއުތުރަށް 2011 ވަނަ އަހަރުގެ މާޗް މަހު އައި 9.0 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއްގެ ސަބަބުން ސުނާމީއެއް އައިސް 18،500 މީހުން މަރުވި އެވެ.