ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމު މަގާމުން ވަކިކުރުމުގެ މައްސަލަ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށްފަހު އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.

ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލައާ ގުޅިގެން ފޮނުވާފައިވާ ސިޓީ އިއްޔެ ވަނީ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި އިއްވާފަ އެވެ. މައްސަލަ ހުށަހެޅުއްވީ ޕީއެންސީގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ. އެއަށްފަހު ކޮމިޓީން ވަނީ އެ މައްސަލަ މަޖިލީހުގެ ރިޔާސަތަށް ފޮނުވާފަ އެވެ.

ޕީޖީ ޝަމީމު ވަކިކުރުމަށް މަޖިލިސް ތަޅުމަށް ހުށަހަޅާފައި ވާއިރު އޭނާގެ މައްޗަށް ގިނަ ތުހުމަތުތަކެއް މަޖިލީހުގެ ތަޅުމުގައި އަމީންއާންމު ވަނީ އިއްވާފަ އެވެ. މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމާ އެކު އިތުރަށް ދިރާސާކުރުމަށް މިމައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމަށް ރިޔާސަތުން ވަނީ ނިންމަވާފަ އެވެ.

އެގޮތުން ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ރޭޕުގެ ތުހުމަތުކުރެވުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލަ ފައިލްކުރުން، ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްސަލަ ފައިލްކުރުން، ސަފާރީ ރޭޕް ކޭސް މައްސަލައިގައި ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ނިންމުން ހިމެނެ އެވެ.

މީގެ އިތުރުން މިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ރިޒާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ހިއުމަން ޓްރެފިކިން ދައުވާ އަނބުރާ ގެނައުން، ބަނގުރާ ބުއިމުގެ ގިނަ މައްސަލަތަކެއް އަނބުރާ ގެނައުން، ޕީޖީ އޮފީހުގެ ޕްރޮސިކިއުޓަރު އަދި ތަރުޖަމާނު އަހުމަދު ޝަފީއު އެއް ޖިންސުން ގުޅުން ހިންގައި، މަސްތުވާތަކެތި ބޭނުންކޮށް، ރަސޫލާއަށް ފުރައްސާރަ ކުރުމުން ވެސް އެ މައްސަލަ ބަލަން ދެކޮޅު ހެދުން، ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމުން އަދި ޕީޖީ އޮފީހުގެ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭކަމަށްވެސް ސިޓީގައި ފާހަގަ ކުރައްވާފައިވެ އެވެ.

ޝަމީމް ޕީޖީގެ މަގާމަށް އައްޔަން ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެހެންކަމުން އޭނާގެ ފަސް އަހަރުގެ ދައުރު ހަމަވާނީ މިއަހަރުގެ ޑިސެމްބަރު މަހު އެވެ.

ދައުރު ހަމަވުމުގެ ކުރިން ޝަމީމް މަގާމުން ދުރުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހަށެވެ.