ސަރުކާރުގެ ވިސްނުމަކީ ޓެކްސްތަކާ ފީތަކުން ރައްޔިތުންނަށް އޭގެ ބުރައެއް ނުވާ ގޮތަށް ގެންދިއުންކަމަށް ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މިޑް ޓާމް ފިސްކަލް ސްޓްރެޓެޖީ އާއި ދަރަނީގެ ހާލަތާ ގުޅޭ ރިޕޯޓާމެދު މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު އިއްޔެ ވިދާޅުވީ ޖީއެސްޓީ، ޓީޖީއެސްޓީ، ބީޕީޓީ، ވިތުހޯލްޑިން ޓެކްސް ފަދަ ޓެކްސްތައް ބޮޑު ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ. އަދި އޭގެ ބަދަލުގައި ސަރުކާރުގެ ވިސްނުމަކީ ބޭސް ފުޅާކޮށް ދައުލަތަށް ލިބެންޖެހޭ އާމްދަނީ ވީހާވެސް ބޮޑަށް ލިބޭގޮތަށް ކަންކަން ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް 2026 ގައި ޑޮލަރުން ދައްކަންޖެހިފައިހުރި ދަރަނިތަކެއް ކަމުން އެއަށް ބޭނުންވާ ބަފާއެއް ސޮވަރިން ޑިވަލޮޕްމަންޓް ފަންޑެއް ބިލްޑްކުރެވޭ ގޮތަށް އެ އަމާޒުގައި މަސައްކަތް ކުރުމަކީ ކޮންމެ ދިވެހި ރައްޔިތަކު ވެސް ބޭނުންވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެކަން ހާސިލްކުރުމަށް ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ ސޮވަރިން ޑިވަލޮޕްމަންޓް ފަންޑަށް ޖަމާކުރެވޭ އަދަދު އިތުރުކުރުން ކަމަށް ފާހަގަކުރެއްވި އެވެ. މިވަގުތު ބޭރު ފައިސާ ލިބޭނެ ގޮތްތަކެއް ހޯދުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން ލޯނު އަދާކުރުމަށްޓަކައި ބޭރު ފައިސާ އިން އާމްދަނީ އިތުރު ކުރަން އެއާޕޯޓް ޑިވެލޮޕްމަންޓް ޓެކްސް ނުވަތަ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ) އާއި ގްރީން ޓެކްސް ބޮޑު ކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު ޝަފީގު ވިދާޅުވި އެވެ.

އެހެންކަމުން ބަޖެޓް ހެދުމުގެ މި މަރުހަލާގައި ކުރިއަށް އޮތް ތަނުގައި ކަމާގުޅުންހުރި އިދާރާތަކާއި މަޝްވަރާކޮށް މީގެން މުޖުތަމައުއަށް އެންމެ ފައިދާވާގޮތަކަށް ކަންކަން ބައްޓަން ކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.

ޝަފީގު ވިދާޅުވީ ކުރީ ސަރުކާރުން ދައުލަތުގެ އާމްދަނީއާ ނުބައްދަލު މިންވަރަކަށް ހަރަދުކުރަން ނިންމައި ފައިސާ ޗާޕުކޮށްގެންނާއި އެނޫން ގޮތްގޮތުން ހޭދަތައް އިތުރުކުރި ކުރުމުގެ އަގު މިހާރު އަދާކުރަންޖެހިފައިވާ ކަމަށެވެ.

އާމްދަނީއާ އަޅާބަލާއިރު ހަރަދު އިތުރުވުމުގެ ސަބަބުން ބަޖެޓުގެ ޑެފިސިޓު ނުވަތަ އާމްދަނީ އާއި ހަރަދުގެ ފަރަގު ވަރަށް ބޮޑަށް އިތުރުވެފައިވާތީ ދައުލަތުގެ ދަރަނި އަދާކުރުމުގައި ބޮޑެތި ދަތިތަކެއް މިހާރު ކުރިމަތިވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.