ނ. މަނަދޫގައި މިދިޔަ އަހަރު މަރާލި ނައީމާ މޫސާގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ތިން މީހުންގެ ތެރެއިން ދެ މީހަކު އެ ދައުވާއަށް މިއަދު އިންކާރުކޮށްފި އެވެ.
ނައީމާ ދިރިއުޅުނު ގޭގައި މިދިޔަ އަހަރު އަނިޔާވެރި ގޮތަކަށް އޭނާއަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އެރަށު ފިނިފެންމާގޭ އަބްދުލްވާހިދު ރިފާސް އާއި އެރަށު ފެހިވިލާގޭ އަހުޒަމް އަބްދުއްޝުކޫރާއި އެރަށު ވިނަރެސް ހުސައިން ފަވާޒުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ތިން މީހުންގެ މައްޗަށް ދައުވާ އިއްވުމުން އަޒުހަމާއި ފަވާޒް ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. ނަމަވެސް ދައުވާއަށް އިންކާރުކުރި ސަބަބާ ބެހޭގޮތުން ވާހަކަ ދެއްކުމަށް އިތުރު ފުރުސަތަކަށް ވަކީލުން އެދުނެވެ.
އެ މީހުން ދައުވާއަށް އިންކާރު ކުރުމުން ދެން އޮންނާނީ ހެކި ހުށަހެޅުމެވެ.
ނަމަވެސް ރިފާސް ބުނީ ދައުވާއަށް ޖަވާބުދާރީވުމުގެ ކުރިން ވަކީލާ މަޝްވަރާކުރަން ބޭނުންވާ ކަމަށެވެ.
ދައުވާއަށް އިންކާރުކުރި މީހުންގެ ތެރެއިން އަޒުހަމަކީ ތަހުގީގުގައި ކުށަށް އެއްބަސްވި މީހެކެވެ.
ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ އެ ތިން މީހުންގެ މައްޗަށް ދައުލަތުން ކުރެ އެވެ.