މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ބޮލީވުޑްގެ ފިލްމު "ސްޓްރީ 2"އަށް ބެލުންތެރިންގެ ފަރާތުން ހޫނު ތަރުހީބެއް ލިބެމުން އެބަދެ އެވެ.

ޝްރައްދާ ކަޕޫރާއި ރާޖްކުމާރު ރާއޯ ލީޑު ރޯލުން ފެނިގެންދާ "ސްޓްރީ 2"އަކީ އެ ފިލްމުގެ ފުރަތަމަ ބައި ފަދައިން ބިރުވެރި ކޮމެޑީ ފިލްމެކެވެ. އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށް ރިލީޒްކުރި މި ފިލްމުގެ ފުރަތަމަ ދުވަހު އެކަނިވެސް އާމްދަނީގެ ގޮތުގައި 35 ކްރޯޑު ރުޕީސް ވަނީ ލިބިފަ އެވެ.

އެއާއެކު އެ ފިލްމު ވެފައިވަނީ ޝާހްރުކް ޚާންގެ "ޖަވާން" އާއި "ޕަތާން"ގެ ފަހަތުން ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށެވެ.

ހަފްތާ ބަންދުގައި ވެސް އެ ފިލްމުގެ ކާމިޔާބު ޝޯތަކެއް ދައްކާފައިވާއިރު ވަރަށް އަވަހަށް ފިލްމުގެ ހަރަދުތައް ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެއާއެކު އިންޑިއާއިން އެކަނިވެސް އެ ފިލްމަށް 184 ކްރޯޑް ލިބި 200 ކްރޯޑް ކްލަބަށް ވަންނަން މިހާރު ވަނީ ވަރަށް ގާތްވެފަ އެވެ.